މިހާރު ވެސް މި ގައުމަށް ބޭނުންވާ ވަރަށް ޓެކްސް ނަގާ ކަމަށާއި އެ ފައިސާއިން އެއްވެސް ފައިދާއެއް ނުވަނީ އޭގެ ބޮޑުބައި 'ކަނޑަށް އަޅައިލާތީ' ކަމަށް ވިދާޅުވެ، ދައުލަތުގެ އިސްރާފު ކުޑަނުކުރާތީ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސަރުކާރުން ވަނީ ޓީޖީއެސްޓީއާއި ޑިޕާޗާ ޓެކްސް އަދި ގްރީން ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ދ. މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވީ، މިހާރު ވެސް ރާއްޖެއަށް ބޭނުންވާ ވަރަށް ޓެކްސް ނަގައި ކަމަށެވެ. އެ ގޮތުން، ފާއިތުވި އަހަރުތަކުގައި ބުރަ މަސައްކަތްކުރާ ރައްޔިތުން އަތުން ނަގައި ޓެކްސް އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުކުރަމުން އައިކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޓެކްސް ނަގަމުން ގޮސް މިއަދު މި ވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމުތަކުގެ ތެރޭގައި. މި ގައުމަށް ލާރި ވެސް ލިބޭ. މި ގައުމަކީ ސައުތު އީސްޓް އޭޝިއާގައި އޮތް އެންމެ ހަގީގަތުގައި ބުނާނަމަ އެންމެ މުއްސަނދި ގައުމު ވެސް މެ، ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރުން ބަލާނަމަ،" ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ސިޔާމް ވިދާޅުވިއެވެ.

އެމްޑީއޭގެ ރައީސް އަދި. ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަނީ: ސިޔާމް ވަނީ އިސްރާފު ބޮޑުވުމުން ނުރުހުން ފާޅުކުރައްވާފައި -- ފޮޓޯ/ މަޖިލިސް
އޭނާ ވިދާޅުވީ، މި ވަގުތު ކުރަންވީ އެންމެ މުހިންމު ކަމަކީ ޚަރަދުތައް ކުޑަކުރުން ކަމަށެވެ. ރާއްޖޭގެ ޓެކްސް ރޭޓުތައް ހުރީ އެންމެ ތަރައްގީ ގައުމުތައް ކަމަށްވާ ސިންގަޕޫރާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީއެކޭ އެއް ފެންވަރުގައިކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، މައްސަލައަކީ ޓެކްސްތައް ކުޑަވުން ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް 5 ބިލިއަން ޑޮލަރު ލިބޭ ކަމަށްވަންޏާ 2 ބިލިއަން ޑޮލަރު ކަނޑަށް އަޅާކަމަށްވަންޏާ އަޅުގަނޑުމެން މި ޓެކްސް އިތުރަށް 10 ގުނަ ދެއްކިޔަސް 100 ގުނަ ޖެއްސިޔަސް، 1،000 ގުނަ ޖެއްސިޔަސް އިއްޒަތްތެރި ރައީސް މިއަކުން ކުރާނެ ރާހަތެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރަންވީ އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ޚަރަދުތައް ކުޑަކުރުން،"
ސިޔާމް ވިދާޅުވީ، މިދިޔަ 50 އަހަރު ތެރޭ ވެރިކަން ކުރެއްވި ހުރިހާ ރައީސުން ވެސް އެތައް ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ.
އެކަމަކު، މިފްކޯއިން އެކަނި ވެސް މިދިޔަ އަހަރު ފަސް ބިލިއަން ރުފިޔާގެ ގެއްލުންވިކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި، މޯލްޑިވިއަންއަށް ވެސް އެއް ބިލިއަން ޑޮލަރެއްހާ ފައިސާގެ ގެއްލުންވިކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، ރައްޔިތުންގެ ޓެކްސް ފައިސާ ކަނޑަށް އަޅާލުން ކަމަށް ސިޔާމް ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން އިތުރަށް ކިތަންމެ ޓެކްސްއެއް ނެގިޔަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ. އަޅުގަނޑުމެން މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކީ ކޮބައިތޯ؟ މި ހިންގާ ޖަރީމާ ކުންފުނިތައް ހުއްޓައިލުން، ވަގުތުން ހުއްޓައިލުން،" ފަސްވަނަ ދައުރަކަށް މެންބަރުކަން ކުރައްވާ ސިޔާމް ވިދާޅުވިއެވެ.
"މިއީ ހުސް ޖަރީމާ ހިންގާ ކުންފުނިތައް. މިއީ ހުސް ވައްކަންކުރާ ކުންފުނިތައް،"

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު: ސިޔާމް ވަނީ ޚަރަދު ކުޑަނުކުރާތީ ނުރުހުން ފާޅުކުރައްވާފައި -- ސަން ފޮޓޯ/ އަމަން
ސިޔާމް ވިދާޅުވީ، އަވައްޓެރި ސްރީލަންކާ ބަނގުރޫޓުވީ ވެސް އެ ފަދަ އިސްރާފުތަކުގެ ސަބަބުން ކަމަށެވެ. އެ ގޮތުން، އެ ގައުމު ބަނގުރޫޓު ވީއިރު 1،000 ކުންފުނި އޮތް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.
ރާއްޖެ ވެސް މިހާރު ފެންނަނީ އެ މިސްރާބުން އިސްރާފުކުރާތަންކަން ފާހަގަކުރައްވައި ސިޔާމް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ.
"މިދިޔަ އަހަރު ނޮވެމްބަރުން ފެށިގެން އިންޑިއާ މާކެޓު އެއްކޮށް އަޅުގަނޑުމެންނަށް ދިޔައީ. މުޅި މި ގައުމަށް އެއް ބިލިއަން ޑޮލަރު ގެއްލުންވެއްޖެ. މިއީ ހަގީގަތް،" ފަތުރުވެރިކަމުގެ ވިޔަފާރިކުރައްވާ ސިޔާމް ފާހަގަކުރެއްވިއެވެ.
"މި ވަބާގެ ތެރެއިން އަޅުގަނޑުމެންނަށް ރަނގަޅަށް ނުތެދުވި އުޅެނިކޮށް، އަޅުގަނޑުމެންގެ ރިހޭ ފައި މައްޗަށް ފޮއި ވައްޓާލީ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ފައި ދާނީ ފިސްފިސްވެގެން ކަމެއް ނޭނގެ. ފައި އޮންނާނެ ކަމެއް ވެސް ނޭނގެ،"
އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރުމާ ދެކޮޅު ނޫން ކަމަށެވެ. އެކަމަކު، ޓެކްސް ނަގައިގެން ލިބޭ ފައިސާ ބޭނުންކުރަންވާނީ އެންމެ ރަނގަޅު ގޮތުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ފައިސާއިން ވައްކަން ކޮށްގެން ނުވާނެ ކަމަށާއި ރައްޔިތުންގެ ފައިސާ ފޭރިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ގައުމުގައި ނެތޭ ދެ މިލިއަން ޑޮލަރު މިއަދު. ވިސްނަންޖެހޭ އެއްޗެއް މިއީ. އަޅުގަނޑުމެން ދައްކާ ޓެކްސް ކޮބައިތޯ؟ ކޮންތާކަށްތޯ އަޅަނީ؟ ކޮން ކަމެއްތޯ ކުރަނީ؟،" ސިޔާމް ސުވާލުއުފެއްދެވިއެވެ.
ސަރުކާރުން ވަނީ، ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓް ޑިވޮލޮޕްމަންޓް ފީ ވެސް ބޮޑުކުރަން ހުށަހަޅާފައެވެ. އެ އަދަދުތަކަކީ:
- ޓީޖީއެސްޓީ 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކުރުން
- ގްރީން ޓެކްސް، ގެސްޓްހައުސްތަކުން - 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން
- ގްރީން ޓެކްސް، ސިޓީ ހޮޓާ އަދި ރިސޯޓުތަކުން - 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުން
މީގެ އިތުރުން، އެއާޕޯޓު ޑިވޮލޮޕްމަންޓް ފީގެ ގޮތުގައި ޑޮލަރުން ނަގަމުން އައި ޓެކުހަށް ވެސް ވަނީ ބަދަލުތަކެއް ހުށަހަޅައިފައެވެ. އެ ބަދަލުތަކަކީ:
- އިކޮނަމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން ނަގައި ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން
- އިކޮނަމީ ކްލާހުން ދަތުރުކުރާ ދިވެހީން އަތުން ނަގައި ފީއަށް ބަދަލެއް ނުގެންނާނެ
- ބިޒްނަސް ކްލާހުން ފުރާ މީހުން އަތުން ނަގައި ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން
- ފަސްޓް ކްލާހުން ފުރާ މީހުން އަތުން ނަގައި ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން
- ޖެޓުގައި ފުރާ މީހުން އަތުން ނަގައި ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން
މި ބަދަލާ އެކު ތިން ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އާމްދަނީ އިތުރުކުރެވޭނެ ކަމަށް މާލީ ވުޒާރާއިން އަންދާޒާކުރެއެވެ.
comment ފެންސިރުބޭ
6 month 5 day ago
ސިޔައްޓޭ މެންކަހަލަ މީހުން ވެރިކަމައްގެންނަންވީ އެދިޔައީނު ލާރިގަޑުހިފައިގެން ސަމިޓަށޭ އެދިޔައީ ޓިނުވިޔަފާރިކުރަން
comment ޝާފިޢީ
6 month 5 day ago
އެނގިވަޑައިގަންނަވާތޯ އަޅުގަނޑު ހާދަހާ ފިކުރު ބޮޑުވާ ކަންކަމޭ މިހިރަ ފައިސާގެ މައްސަލަތަކަކީ... އެހެންވެ އަޅުގަނޑަށް ފައިދާއެއް ވޭތޯ ރައީސް ޞާލިޙް އަރިހުގަވެސް ދެންނެވިން އިޔާދަ ކުރަނިވި ހަކަތައިގެ ޒަރިއްޔާއިން ޚަރަދުތައް ކުޑަކޮއްދެއްވާށޭ ރައްޔިތުންނަށް ގެއްލުމެއް ނުލިބޭނެ ފަދަ ގޮތަކަށް. އެކަން އެމަނިކުފާނު ކޮންމެވެސް ވަރަކަށް ކޮއްދެއްވި. ދެން އަޅުގަނޑު މިހާރު މި ދަންނަވަނީ ބާޒާރުގައި އެއްޗިހީގެ އަގުތައް ރެގިއުލޭޓް ކުރެވޭނެފަދަ ޤާނޫނެއް ފާސް ކޮއްދެއްވާށޭވެސް. އެ އަގުތައް ދަށަށް ދިޔައިމަވެސް ކޮންމެވެސް ވަރެއްގެ ފައިދާއެއް ރައްޔިތުންނަށް ލިބޭނެ ވިއްޔަ ދެއްތޯ؟ ޓެކުސް ނުނަގާ ފަރުޖެހިދާނެ ގޮތެއް އެއީވެސް. އަދި މި ދަންނަވަނީ ސަރުކާރު މުވައްޒަފުންނަށް އެސް. ޓީ. އޯ. ގައި މުދާ އަގުހެޔޮކޮއްދެއްވާށޭވެސް. ޚާއްޞަ ރޭޓެއް އަޅުގަނޑުމެންނަށް ދެއްވާށޭ މި ދަންނަވަނީ. އެގޮތަށް އެސް. ޓީ. އޯ. އިން ބާޒާރުގެ އަގުތައް ޑިކްޓޭޓް ކޮއްދެއްވާށޭވެސް މި ދަންނަވަނީ. އެކަހަލަ ގޮތަކަށް އެހެނިހެން ކުންފުނިތަކުންވެސް ޢަމަލު ކޮއްދެއްވާށޭ މި ދަންނަވަނީ.
comment ޔޫސުބު
6 month 5 day ago
ކޮންމެމީހަކު ބުންޏަސް ހަގީގަތްވާނީ ހަގީގަތަށް. އަންނަކޮންމެވެރިއަކު ހަދަނީއެކައްޗެއް.. ދައުލަތުން ބަޖެޓެއް ދިނީމަ ފޮތިފޮތިކޮށް ބަހާލަން ނޭގޭނީ ވަކިކާކަށް.. މިއެއްނޫން ވެރިކަންކުރުމަކީ..ދައުލަތްއޮތް ހިސާބުން މަތީހަރުފަތަށް އިގްތިސޯދީގޮތުން ގެންގޮސް ރައްޔަތުން ރައްކާތެރި މިނިވަން އިއްޒަތްތެރިދިރިއުޅުމެއް ހޯދާއިދިނުން...ހަތަރުލައްކަ މީހުން ..މީކުންފުންޏެއްގެ މުއައްޒަފުންގެ މިންވަރު. އުފާވެރިދިރިއުޅުމެއް ހޯދާނުދެވޭ.. ވައްކަމާއި އިސްރާފުން ގައުމުނިކަމެތިކޮއްފި..ސަބްންޓްރެކްޓަށް މިހަތަރު ލައްކަމީހުން ގައުމުގަ ހުރިރިސޯސް ބޭހުންކޮގެން އުފާވެރިދިރިއުޅުމެއް ހޯދާދޭށެ ބުންޏަސް ކުރެވެނޭވަރު.
comment ހަބީ
6 month 5 day ago
ކޯލީޝަން ސަރުކާރުގެ ޕާޓްނަރަކަށް ހުރެ ޝިޔާމް ސަރުކާރުގެ ވިސްނުމާ ޚިލާފަށް ތިޔަ ހަޅޭއްލަވަނީ ކީއްވެތަ؟ ކޯލީޝަނުން ބޭރުވޭ! ތި ޕާޓީ ނެތަސް އަހަރެމެންނަށް ހެޔޮ
comment ޒަފަރު
6 month 5 day ago
ސިޔާމަކީ އަބަދުވެސް ރައްޔިތުންނަށް ހެޔޮ ބޭފުޅެއް. ބޭރުން ލޯނު ނަގައިގެން ރިސްކް އެހާ މަތިކޮށް ރާއްޖޭގަ އިންވެސްޓްކުރާނީ. ހަމަ އެހާ ލެވިޝްކޮށް އުޅުއްވާނީ. އުފަލުގައި އުޅޭނީ. އެހެންވީމަ ޝިޔާމަށް އެނގޭނެ ރައްޔިތުންގެ ހާލު ވަރަށް ރަނަގަޅަށް. އޭނާގެ ޗެރިޓީ ޚިދުމަތް، ރައްޔިތުންނަށް އެހީވާ މިންވަރު ދިވެހި އެހެން އެއްވެސް މަހުޖަނަކު ކުރާ ހޭދަޔާ ނުބައްދަލު. އެހެން މީހުންހެން އޭނަ ހާމަކޮށްެއް ނުހަދާނެ. މިކަހަލަ ބައިވަރު ސަބަބުތަކާހުރެ ސިޔާމް އަށް މިވާހަކަ ދެއްކޭނެ. ފުރިހަމަ އިހުސާސާއެކު ދެއްކޭނީވެސް ހަމަ ސިޔާމަށް. ވަރަށް ފުރިހަމަ މިއަދުގެ ވާހަކަކޮޅު. ސާބަސް ސިޔާމް
comment ޒަމީރު
6 month 5 day ago
ތިން ބިލިއަނެއް ނޫން ހަ ބިލިއަން ވެސް ޖެހިދާނެ. އެކަމަކު އޭގެ ކުރިން ގައުމު އިނދަޖެހޭނެ. ޝިޔާޟު އެބުނީ ހަމަ ވަރަށް ބޮޑު ތެދެއް. ހެޔޮނުވާނެ މިކަންކަން މިގޮތަށް ގެންދަން. 228 މީހުން ވަކިކޮށްފަ އަނެއްކާވެސް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނީމަ އެއީ ހިންޏަށް ހަކުރު އޮޅުވާލުން ކަހަލަ ކަމެއް.
comment ޓިންޓިން
6 month 5 day ago
ސިޔާމަކީ މިހާރުވެސް ދައުލަތަށް މިލިއަނުން ޓެކްސް ދައްކަވާ ބޭފުޅެއް. ސިޔާމްމެން ފަދަ ބޭފުޅުންގެ އަތުން އިތުރަށް ލާރި ހޯދާކަށް ނުޖެހޭ. ކޮންމެ މީހެއްގެ އާމްދަނީން ފައިސާ ނަގަންޏާ ދައުލަތަކީ ކީއްކުރާ ބަޔެއް
comment މަސީހު
6 month 5 day ago
ޓެކުސް ބޮޑުކުރީމަ ރައްޔިތުންނަށް އަސަރެއް ނުކުރާނޭ ކިޔައިގެން ދޮގު ބުހުތާނު ވާހަކަ ސަރުކާރު މެމްބަރުން ދެއްކީ. އަސަރު ނުކޮށް ނުހުންނާނެދޯ؟ މަގޭ ރައްޓެހި އާއިލާއެއް ކޮންމެ އަހަރަކު ދެފަހަރު ޒިޔާރަތްކުރާނެ ރާއްޖެއަށް. ޑިޕާޗަރ ޓެކްސް ބޮޑުކުރާ ވަހަކަ އިވުމުން ގުޅާފަ ބުނީ ތިޔައީ ކޮންކަހަލަ ކޮށި ވިސްނުން ގެންގުޅޭ ގައުމެއްހޯ.
comment ރާސްޓަސް
6 month 5 day ago
އެންމެ ފުރަތަމަ ކުރަންޖެހޭ ކަންކަން ނުކޮށް ކިތަންމެ ފިޔަވަޅެއް އެޅިޔަސް ކިތަންމެ ޓެކުހެއް ބޮޑުކުރިޔަސް ތިޔަ ހިނގެނީ ފަހަތަށް. ސިޔާމް އެ ދެއްކެވީ ވަރަށް އޮއްޓަރު ހުރި ވާހަކަފުޅެއް.
comment ފަތުހުﷲ
6 month 5 day ago
ބަރާބަރު ވާހަކައެއް ޝިޔާމު ތިޔަ ދެއްކީ. ސާބަސް ޝިޔާމް.
comment އައްޓަމަސް
6 month 5 day ago
ރަނގަޅު ވާހަކައެއް. ސިޔާސީ ރައްޓެހިންނަށް ބައި އަޅާ ގޮތަށް ސަރުކާރު ހިންގީމަ، ދައުލަތަށް ވަންނަ ފައިސާ ނިސްބަތުން މަދުވެ ގައުމުގެ ބޭނުންތަކަށް ހަރަދު ނުކުރެވޭ ހިސާބަށް ކަންކަން ގޮސްފައިި މިއޮތީ. ކުރީ ސަރުކާރުތަކަށްވުރެވެސް މި ސަރުކާރުން ސިޔާސީ ބައިވެރިންނަށް ދައުލަތުގެ ފައިސާއިން ހޭދަކުރާ މިންވަރު ބޮޑު!