ސިނގިރޭޓް އަގު އަތް ނުފޯރާ ފަށަށް، މިއީ ހުއްޓާލަންވީ ވަގުތު

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް: ރާއްޖެއިން އެތަކެއްޗަށް ނަގާ ޑިއުޓީ ބޮޑު ކުރަނީ --- ފޮޓޯ/ގެޓީ އިމޭޖަސް

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ނިންމި ނިންމުމާއެކު، ސިނގިރޭޓު ވިއްކާ ދެ ދެގުނައަށް ވުރެން އިތުރުވާނެ ކަމަށް ބެލެވިއްޖެއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން, ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނަ ބޮޑުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވަނީ ނިންމަވައިފައެވެ.

ރައީސް ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުން.
  • މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން.

މިހާރު ވަކި ސިނގިރޭޓަކަށް ތިން ރުފިޔާގެ ޑިއުޓީއެއް ނަގާއިރު 20 ސިނގިރޭޓް ފޮއްޓަކަށް ޑިއުޓީގެ ގޮތުގައި 60 ރުފިޔާ ޖެހެއެވެ. އާ ބަދަލާއެކު ސިނގިރޭޓަކަށް އަށް ރުފިޔާގެ ޓެކްސްއެއް ނަގަން ފެށީމައި ފޮއްޓަކަށް ޑިއުޓީގެ ގޮތުގައި 160 ރުފިޔާ ޖެހޭނެއެވެ. އަދި އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުމުން ފޮއްޓަކަށް ޑިއުޓީގެ ގޮތުގައި 165 ވަރަކަށް ރުފިޔާ ޖެހޭނެއެވެ. އެއަށް އަދި ޖީއެސްޓީ އާއި ވިޔަފާރިވެރިން ލައި ފައިދާ އިތުރުވާނެއެވެ.

މިހާރު ޑިއުޓީއަށް 60 ރުފިޔާ ޖެހޭ ސިނގިރޭޓް ފޮއްޓެއް ބާޒާރުގައި ވިއްކަމުން އަންނަނީ 105ރ. އާއި 110ރ. އާއި ދެމެދުގެ އަގެއްގައެވެ. ސިނގިރޭޓު ކާޓޫނެއް އާއްމުކޮށް ވިއްކަނީ 995ރ. އަށެވެ.

އާ ބަދަލާއެކު ޑިއުޓީ ގާތްގަނޑަކަށް ތިންގުނަ ވާއިރު ސިނގިރޭޓް ފޮއްޓަކަށް ޖެހޭ އަގު އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ސީދާ އަގު އެނގޭނީ ސިނގިރޭޓް އެތެރެކޮށް ވިއްކާ މީހުންލާ ފައިދާގެ ޕަސެންޓަށް ބެލުމަށް ފަހުގައެވެ.

މިހާރު އަގުތައް ހުރި ގޮތުން ދުވާލަކަށް ސިނގިރޭޓު ފޮއްޓެއް ބޯ މީހުންގެ ޚަރަދަށް މަހެއްގެ މައްޗަށް 3،100ރ. ސިނގިރޭޓަށް އެކަނި އަރައެވެ. އަލަށް ގެނައި ބަދަލާއެކު ދުވާލަކު ސިނގިރޭޓް ފޮއްޓެއް ބޯ މީހާ މިހާރު ކުރާ ހަރަދު ތިން ގުނައަށް ވުރެން އިތުރުވާނެ ކަމަށް ބެލެވެއެވެ.

https://sun.mv/197917

މިހާރު ރާއްޖެއަށް ސިނގިރޭޓު އެތެރެކުރާ ހަތަރު ވަރަކަށް ކުންފުނި އުޅޭއިރު، އާންމުގޮތެއްގައި މިފަދަ ބަދަލުތަކުގެ ސަބަބުން ސިނގިރޭޓު ވިއްކާ ފަރާތްތައް އަމަލުކުރާ ގޮތަކީ، ޓެކްސް ބޮޑު ކުރަންވާއިރަށް އެތެރެ ކޮށްފައި ހުރި ސިނގިރޭޓު ވިއްކާ ސްޓޮކް ކޮންޓްރޯލް ކުރުމެވެ. އަދި އަގުހެޔޮކޮށް ސިނގިރޭޓު ގިނަ އަދަދަކަށް އެތެރެކޮށް، ޓެކްސް ބޮޑު ކުރާ މުއްދަތު ޖެހުމުން ހެޔޮ އަގުގައި އެތެރެ ކުރި ސިނގިރޭޓްތައް އަގު ބޮޑުކޮށް ވިއްކުމެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ ސިނގިރޭޓު ބޯ މީހުން އެކަން ހުއްޓާލަން އެންމެ ރަނގަޅު ވަގުތެވެ. އެހެންނޫންނަމަ ސިނގިރޭޓު ބޯ މީހުން ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ ޚަރަދު އިންތިހާއަށް ބޮޑުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުންވާ މީހުންނަށް ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނުން އެ އެހީތެރިކަން ފޯރުކޮށްދެއެވެ.

ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ތިރީގައިވާ ގޮތަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވަން ނިންމައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރޭ، ރައީސް ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަންގަވާފައި ވާކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މި އަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވާކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް