ޒަމީރާއި، ޚަލީލާއި، ނާޒިމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

ރައީސް ކެބިނެޓަށް ބަދަލު ގެންނަވައި ފޮރިން، ހެލްތު އަދި ފިނޭންސް މިނިސްޓަރު ކަމަށް އަލަށް އައްޔަނުކުރެއްވި ވަޒީރުންނާއިއެކު: ޒަމީރާއި، ޚަލީލާއި، ނާޒިމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލުގެންނަވާ، ފޮރިން، ހެލްތު އަދި ފިނޭންސް މިނިސްޓަރު ކަމަށް އަލުން އައްޔަނުކުރެއްވި ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް މިއަދު ފޮނުވައިފިއެވެ.

ކެބިނެޓަށް އެ ދުވަހު ގެނައި ބަދަލަކީ އޭރު ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލު ކުރައްވައިފައެވެ. އަދި ފޮރިން މިނިސްޓަރަކަށް އައްޔަނުކުރެއްވީ އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ޚަލީލްއެވެ. އަދި އާ ހެލްތް މިނިސްޓަރަކަށް މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އައްޔަނުކުރެއްވިއެވެ.

https://sun.mv/197360

އެ ބަދަލު ގެނައި ދުވަހު ރައްޔިތުންގެ މަޖިލީހަށް އެ ތިން ވަޒީރުންނަށް ރުހުން ދިނުމަށް ޓަކައި ފޮނުވިއެވެ. އޭރު މަޖިލިސް އޮތީ ޗުއްޓީގައެވެ.

ޗުއްޓީއަށް ފަހު މިއަދު ބޭއްވި ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރިއެވެ. އެގޮތުން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ޓަކައި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީއަށް ވަނީ ފޮނުވައިފައެވެ.

އެ ބަދަލަކީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.

ކުރިން ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުޙައްމަދު ޝަފީގު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ރައީސް މި ބަދަލު ގެންނަވާފައި މިވަނީ ރާއްޖޭގެ މާލީ ނިޒާމު އޮތީ ނުރަނގަޅު ހާލަތެއްގައި ކަމާއި ހައްލު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް