ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރަކަށް ބަދަލު ކުރައްވައި ކެބިނެޓަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބަދަލުތަކެއް ގެންނަވައިފިއެވެ.
ރައީސް ވަނީ އާ ފޮރިން މިނިސްޓަރަކަށް، ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަލީލް ހަމަޖައްސަވައިފައެވެ. އަދި އާ ހެލްތް މިނިސްޓަރަކަށް މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ހަމަޖައްސަވައިފައެވެ.
އެ ބޭފުޅުން އާ މަގާމުގެ ހުވާ ކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ.

ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުޙައްމަދު ޝަފީގު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.
ރައީސް މި ބަދަލު ގެންނަވާފައި މިވަނީ ރާއްޖޭގެ މާލީ ނިޒާމު އޮތީ ނުރަނގަޅު ހާލަތެއްގައި ކަމާއި ހައްލު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ބުނެފައިވާ ދަނޑިވަޅެއްގައެވެ.