ޑިވެލޮޕްމަންޓު ބޭންކު ހެދުމުގެ ހުއްދަ މިއަދު ދީފި

ޑިވެލޮޕްމަންޓު ބޭންކުގެ ލައިސަންސް ދޫކުރުން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގައި އަލަށް ގާއިމުކުރާ ޑިވެލޮޕްމަންޓު ބޭންކު އުފެއްދުމުގެ ހުއްދަ މިއަދު ދީފިއެވެ.

ބޭންކް އުފެއްދުމުގެ ހުއްދައިގެ ގޮތުގައި ދޫކުރާ ލައިސަންސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ހަވާލުކޮށްދެއްވާފައި ވަނީ ގަވަރުނަރު އަހުމަދު މުނައްވަރެވެ.

ލައިސަންސާ ގުޅިގެން މިނިސްޓަރު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޑިވެލޮޕްމަންޓު ބޭންކު ރާއްޖޭގައި ހިންގުމަށް ލައިސަންސް ލިބުމަކީ ފާހަގަކޮށްލެވޭ ތާރީޚީ ކާމިޔާބީއެއްކަމަށެވެ.

އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގެ ދަށުން ކުރިއަށްދާ ކަމެއްކަމަށް އޭނާ ލިޔުއްވާފައި ވެއެވެ.

ޑިވެލޮޕްމަންޓު ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން، މީގެ ކުރިން ރައީސް ވަނީ އައްޔަން ކުރައްވާފައެވެ.

އެގޮތުން، ބޭންކްގެ ސީއީއޯކަމަށް އައްޔަންކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ. އެ ބޭންކްގެ ޗެއާޕާސަން ކަމަށް އައްޔަންކުރެއްވީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ.

https://sun.mv/195970

އޮގަސްޓް މަހުގެ 21ވަނަ ދުވަހު ވަނީ އެ ބޭންކަށް ތިން މެމްބަރުން ވެސް އައްޔަން ކުރައްވައިފައެވެ. އެއީ؛

  • އަހުމަދު އަލީ، މއ. ވޭސައިޑް 805 ފްލެޓް
  • ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު، ސިންގަޕޫރު
  • ރޮބާޓް ޑެނިއެލް ކާންޓް، ޔުނައިޓެޑް ކިންގްޑަމް

މީގެކުރިން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކު ފެއްޓުމަކީ ވަރަށް ތާރީޚީ ކަމެއް ކަމަށެވެ. އަދި، މި ބޭންކު ގާއިމުކުރުމުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިގުތިސާދު ފުޅާކޮށް، ސިންދަފާތުކޮށް، ކުރިއަށް ގެންދިޔުން ކަމަށް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހުއެވެ.

comment ކޮމެންޓް