ފަތުރުވެރިކަމުގެ ތާރީޚީ ރިކޯޑެއް؛ އަހަރުގެ 2 މިލިއަންވަނަ ފަތުރުވެރިޔާ އަތުވެއްޖެ

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ދެ މިލިއަންވަނަ ފަތުރުވެރިޔާ: މިއީ ރިކޯޑެއް -- ސަން ފޮޓޯ/ މުހައްމަދު އަފުވާން

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއް އަހަރު ތެރޭ ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

މީގެ ކުރިން އަހަރެއްތެރޭ ދެ މިލިއަން ފަތުރުވެރިން ހަމަވެފައެއް ނުވެއެވެ. މިދިޔަ އަހަރު ވެސް ޒިޔާރަތްކުރީ 1.7 މިލިއަން ފަތުރުވެރިންނެވެ.

ނިމެން މިދާ އަހަރުގެ ދެ މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔަން މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ދެ މިލިއަންވަނަ ފަތުރުވެރިޔާއަކީ ފިރިމީހާއާއި ދެ ކުދިންނާ އެކު ރާއްޖެ ޒިޔާރަތްކުރި އޮސްޓްރިއާގެ އަންހެނެކެވެ. އެއާޕޯޓުން އޭނާއަށް މަރުޙަބާކީ، ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔަނީ: މިއީ ރިކޯޑެއް -- ސަން ފޮޓޯ/ މުހައްމަދު އަފުވާން

ދެ މިލިއަންވަނަ ފަތުރުވެރިޔާއާއި އާއިލާއަށް ވަނީ ސާއި ލެގޫން މޯލްޑިވްސް ރިސޯޓުގައި ހަ ދުވަހުގެ ޕެކޭޖެއް ދީފައެވެ. އެމްއެމްޕީއާރުސީއާއި އެއާޕޯޓު ހިންގާ އެމްއޭސީއެލާއި އިމިގްރޭޝަންސް އަދި ކަސްޓަމްސްއިން ވެސް ވަނީ އެ ފަތުރުވެރިޔާއަށް ޚާއްސަ ހަދިޔާއެއް ދީފައެވެ.

މިދިޔަ އަހަރު ރާއްޖެއަށް ޖުމުލަ 1،747،370 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެހެންވެ، މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެނެއުމަކީ ސަރުކާރުގެ އަމާޒެކެވެ.

ދެ މިލިއަންވަނަ ފަތުރުވެރިޔާއަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މަރުހަބާ ކިޔަނީ: މިއީ ރިކޯޑެއް -- ސަން ފޮޓޯ/ މުހައްމަދު އަފުވާން

ފާހަގަކޮށްލެވޭ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރަން މިހާރު ކުރިއަށްދާ މަޝްރޫއު އަންނަ އަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ މަސައްކަތް ނިންމާލެވި، އަންނަ އަހަރު 2.2 މިލިއަން ފަތުރުވެރިން ގެންނަން ސަރުކާރުން ވަނީ އަމާޒު ކަނޑައަޅައިފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން 259،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައިގައި އޮތް ރަޝިއާއިން 214،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޖުމުލަ 170،000 އަށްވުރެ ގިނަ ފަތުރުވެރިންނާ އެކު ތިންވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ.

comment ކޮމެންޓް