ދަރަންޏަށް 2.3 ބިލިއަން ދައްކައިފި، ބަޖެޓުކުރި ވަރަށްވުރެ އިތުރު

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: މި އަހަރުތެރޭ ދަރަންޏަށް ވަނީ، ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ފައިސާ ދައްކައިފައި -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރު ދައުލަތުގެ ލޯންތައް އަނބުރާ ދެއްކުމަށް، ބަޖެޓުކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ދަރަންޏަށް 2.31 ބިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ. އެއީ, މި އަހަރު ލޯނު އަނބުރާ ދެއްކުމަށް ބަޖެޓުކޮށްފައިވާ 2.20 ބިލިއަނަށް ވުރެ، 106 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެއާ އަޅައިބަލާއިރު މިދިޔަ އަހަރު އެ މުއްދަތުގައި ދަރަންޏަށް ދެއްކީ 2.10 ބިލިއަން ރުފިޔާއެވެ.

މި އަހަރު ދައުލަތުގެ ޚަރަދުތައް މިހާރު ވަނީ 45.98 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކޮށްފައިވަނީ 44.34 ބިލިއަން ރުފިޔާއެވެ.

ޚަރަދުތައް އިތުރުވެފައިވަނީ މުސާރައާއި ޕެންޝަން ހިމެނޭ ރިކަރަންޓް ޚަރަދަށެވެ. އެގޮތުން, މުސާރައާއި ޕެންޝަނަށް 12.4 ބިލިއަން ޚަރަދުކޮށްފައިވާއިރު އެއީ މިދިޔަ އަހަރަށް ވުރެ 1.41 ބިލިއަންގެ އިތުރުވުމެކެވެ.

މި ސަރުކާރުން ޚަރަދު ކުޑަކުރުމަށް އާސަންދައާއި ސަބްސިޑީ ނިޒާމަށް އިސްލާހުތައް ގެނެސްފައިވެއެވެ. އެ ފިޔަވަޅުތަކާ އެކު ވެސް އާސަންދައަށް ކުރި ޚަރަދު ވަނީ ބަޖެޓުކުރި ވަރާއި މިދިޔަ އަހަރަށް ވުރެ އިތުރުވެފައެވެ. ނަމަވެސް, ސަބްސިޑީ ޚަރަދު ވަނީ މިދިޔަ އަހަރަށް ވުރެ ކުޑަވެފައެވެ. އެގޮތުން:

އާސަންދައަށް

  • މިދިޔަ އަހަރު: 2.02 ބިލިއަން ރުފިޔާ
  • މި އަހަރަށް ބަޖެޓުކުރީ: 2 ބިލިއަން ރުފިޔާ
  • މި އަހަރު: 2.05 ބިލިއަން ރުފިޔާ

ސަބްސިޑީތަކަށް

  • މިދިޔަ އަހަރު: 3.84 ބިލިއަން ރުފިޔާ
  • މި އަހަރަށް ބަޖެޓުކުރީ: 3.67 ބިލިއަން ރުފިޔާ
  • މި އަހަރު: 3.62 ބިލިއަން ރުފިޔާ

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ކެޕިޓަލް ޚަރަދުތައް ވެސް މި އަހަރު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ކެޕިޓަލް ޚަރަދު 14.11 ބިލިއަން ރުފިޔާއަށް އަރާއިރު، މި އަހަރުގެ ޚަރަދު އަރަނީ 13.92 ބިލިއަން ރުފިޔާއަށެވެ.

މި އަހަރަށް ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްނުވަނީސް، މިދިޔަ އޮކްޓޯބަރު މަހު މި ސަރުކާރުން ވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފައެވެ. އެެއާއެކު މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.

ރާއްޖޭގެ ދަރަނި ބޮޑުވުމުން، މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން ފާމްތައް ކަމަށްވާ މޫޑިސްއާއި ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ. އެގޮތުން އެ ފާމްތަކުން ވަނީ އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނި ފާހަގަކޮށްފައެވެ.

ނަމަވެސް, މި ސަރުކާރުން އަޅައިފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް ފާހަގަކޮށް، މިމަހު މޫޑީސްއިން ވަނީ ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ދަމަހައްޓައިފައެވެ.

https://sun.mv/199818

މި ސަރުކާރުން ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދެމުން އަންނައިރު، މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މިހާރު ވެސް ބައެއް ފިޔަވަޅުތައް އަޅައި، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ވަނީ އިތުރު ފިޔަވަޅުތައް ހިމަނައިފައެވެ.

ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ 11.5 ބިލިއަން ރުފިޔާގެ ފިސްކަލް އިސްލާހީ ފިޔަވަޅު ހިމަނާފައިވެއެވެ.

comment ކޮމެންޓް