ދިރިއުޅުމަށް ހުޅުމާލެއިން އިތުރު 18 ބިމެއް ވިއްކަން ހުޅުވާލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހި: ހުޅުމާލެއިން އިތުރު 18 ބިމެއް ވިއްކަން އެޗްޑީސީން ހުޅުވާލައިފި -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް އިތުރު 18 ބިމެއް ބީލަމުގެ އުސޫލުން ވިއްކަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

މީގެ ކުރިން މެއި މަހު ހުޅުމާލެ، ބީޗްސައިޑުން 13 ބިމެއް ބިޑް ޕޯޓަލް މެދުވެރިކޮށް ގަތުމުގެ ފުރުސަތަށް އެޗްޑީސީން ހުޅުވާލިއެވެ.

އެ ލިސްޓަށް އިތުރު 18 ބިމެއް އިތުރުކޮށް، މިއަދު ކުރި އިއުލާނެއްގައި ވަނީ ބިންތައް ބީލަމަށް ލާފައެވެ. އޭގެ ތެރޭގައި ބީޗް ސައިޑުން 16 ބިމެއް ދޫކުރާނެއެވެ. ބާކީ ދެ ބިން ދޫކުރާނީ ބީޗް ފްރަންޓުންނެވެ.

މި 18 ބިމުގެ ތެރޭގައި 1،316 އަކަފޫޓުގެ 15 ބިމެއް ހިމެނެއެވެ. ދެން ހިމެނެނީ 1،454 އަކަފޫޓުގެ ބިމަކާއި، 1،261 އަކަފޫޓުގެ ބިމެއްގެ އިތުރުން 1،584 އަކަފޫޓުގެ ބިމެކެވެ.

އެޗްޑީސީން ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އޭގެ ތެރޭގައި 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ބައިވެރިވެވޭނެއެވެ.

މި ބިންތަކުގެ ތެރެއިން ބީޗް ސައިޑުން ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000 ރުފިޔާއެވެ. އަދި ބީޗު ފްރަންޓުން ވިއްކާ ބިންތަކަށް ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،500 ރުފިޔާއެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވާ މަރުހަލާތައް:

  • މަރުހަލާ 1: ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިވެލައްވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން
  • މަރުހަލާ 2: އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ އެ ބިމަކަށް ބިޑް ކުރުން

އެޗްޑީސީން ބުނީ ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެހެންވެ، ޕޯޓަލްގައި ރަޖިސްޓަރީކޮށް މިއަދުން ފެށިގެން ބީލަށް ހުށަހެޅޭނެ ކަމަށާއި އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516އިން ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް