ހުޅުމާލެއިން ބިން ގަންނަން ހުޅުވާލައިފި؛ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ފުރުސަތެއް

ހުޅުމާލޭ ދެވަނަ ފިޔަވަހި -- ފޮޓޯ/ ޕީއެސްއެމް، އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ގަންނަން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން އާންމުކުރި އިއުލާނެއްގައި ވަނީ ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ބީޗްސައިޑުން 13 ބިމެއް ބިޑް ޕޯޓަލް މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ބިންތަކުގެ ބޮޑުމިނުގައި ހުންނާނީ 1864-2408 އަކަފޫޓު ކަމަށް އެ އިއުލާނުގައިވެއެވެ.

ބީލަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވަނީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވާ މަރުހަލާތައް:

  • މަރުހަލާ 1: ޕޯޓަލް މެދުވެރިކޮށް ޝައުގުވެރިވެލައްވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން
  • މަރުހަލާ 2: އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ އެ ބިމަކަށް ބިޑް ކުރުން

އެޗްޑީސީން ބުނީ ބީޗް ސައިޑްއިން ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4،000 ރުފިޔާ ކަމަށެވެ.

އެޗްޑީސީން ބުނީ ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެހެންވެ، ޕޯޓަލްގައި ރަޖިސްޓަރީކޮށް މިއަދުން ފެށިގެން ބީލަށް ހުށަހެޅޭނެ ކަމަށާއި އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516އިން ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

comment ކޮމެންޓް