މަގުމަތިން ކޮންމެ 5 މިނެޓަކުން ފުލުހަކާ ދިމާވާ ގޮތް ހަދަނީ

ފުލުހެއް މަގުމަތި ބަލަހައްޓަނީ: ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ހަދާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި -- ފޮޓޯ/ ފުލުހުން

މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ޕޮލިސީއަށް ބަދަލު ގެނެސް، އެއަށް އަމަލުކުރަން ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

މާލޭ ސަރަހައްދުގައި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ކޮމިޝަނަރު އަލީ ޝުޖާއު ނޫސްތަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެ ޚިދުމަތުގެ މަގުސަދަކީ ސީނިއާ ފުލުހުން ހިމެނޭ ގޮތަށް، ފްރަންޓް ލައިންގައި ހަރަކާތްތެރިވާ ފުލުހުން އިތުރުކުރުން ކަމަށެވެ.

އެ ނިންމުމަކީ ފުލުހުންގެ ސީނިއާ މެނޭޖުމަންޓުން ނިންމާފައިވާ ނިންމުމެއް ކަމަށާއި ސުކޫލުތައް ކައިރީ މީހާރު ވެސް ސީނިއާ ފުލުހުން ހަރަކާތްތެރިވާ ކަމަށް ޝުޖާއު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގައި ވަކި ސަރަހައްދުތަކެއް ފާހަގަކޮށް، ފުލުހުން ތިބެގެން މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި 360 އެއްހާ ރެކްރޫޓް ފުލުހުން އެ ކަމަށް ތަމުރީނުކުރަމުން އަންނަ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު: މާލެ ސަރަހައްދުގައި އެކްސިޑެންޓު އިތުރުވާތީ، ފަސް މިނެޓުން ޕޮލިހަކާ ބައްދަލުވާ ޕޮލިސީއެއް ވަނީ ހަދާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

"މި މަސައްކަތަކީ ވަކި ދުވަސްވަރަކަށް ކުރިއަށް ގެންގޮސްފައި ހުއްޓާލާނެ މަސައްކަތެއް ނޫން. ފުލުހުންގެ ޚިދުމަތް ދިނުމުގައި މިއީ މޮޑެލްއެއްގެ ގޮތުގައި ބަލައިގެން ކުރިއަށް އޮތް ތަނުގައި ޚިދުމަތް ދެމުން ގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ، މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެފައިވާތީ ވެސް ޕޮލިސީއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެ ގޮތުން، އާންމުން މަގުމަތީގައި އުޅޭއިރު ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ދިމާވާންޖެހޭނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެެ. މިހާރު ފަރިތަކުރުންތައް ހަދަމުން އަންނަ ފުލުހުން، ފަރިތަކުރުންތަކަށް ފަހު ޚިދުމަތާ ގުޅުމުން އެކަން ހާސިލުކުރަން ފުލުހުން ފްރަންޓްލައިންގައި ޚިދުމަތް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޝުޖާއު ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި:

  • މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގައި މާލޭގެ 21 ސަރަހައްދެއްގައި ފުލުހުން ތިބޭނެ
  • އެކަން މޮނިޓާކުރަން ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާނެ
  • އެ ސެންޓަރުގައި ސީނިއާ ފުލުހަކު 24 ގަޑިއިރު ޑިއުޓީކުރާނެ
  • ފުލުހުންގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު މި ސެންޓަރުން އެނަލައިޒް ކުރެވޭނެ
  • ގޭންގު ކުށްތަކާ ދެކޮޅަށް ވަކި ޚާއްސަ ވިންގެއް ގާއިމުކުރުން
  • ގޭންގް ކުށްތަކާ ގުޅޭ ބަހާއާއި ޑުރަގާ ގުޅޭ ބަހާގެ އިސް ފުލުހަކު އަބަދު ވެސް ކޮމިއުނިކޭޝަން ސެންޓަރުގައި ހުންނާނެ

ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުން ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި 282 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވެއެވެ. އަދި، ގޭންގު ކުށްތަކާ ގުޅިގެން 80،000 އަށް ވުރެ ސަރަހައްދެއް ބަލައި ފާސްކޮށްފައިވެއެވެ.

comment ކޮމެންޓް