ސަރުކާރަށް ވަގުތު ލިބިއްޖެ ކަމަށް ވިދާޅުވެ، ގެއްލުނު ކަނޑު ހޯދަން ނޫޅޭތީ ޔާމީން ނުރުހުންވެއްޖެ

ޔާމީން: ސަރުކާރަށް ވަގުތު ލިބިއްޖެ ކަމަށް ވިދާޅުވެ ޔާމީން ވަނީ ނުރުހުން ފާޅުކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފޯޅަވަހި މައްސަލައިގައި ތެރެއިން މިދިޔަ ސަރުކާރުގައި ރާއްޖޭގެ ސަރަހައްދުން ގެއްލުނު ކަމަށް ތުހުމަތުކުރެވޭ ކަނޑުގެ ބައި ހޯދަން މަސައްކަތްކުރަން މި ސަރުކާރަށް ފުދޭ ވަރަކަށް ވަގުތު ލިބިއްޖެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.

ކަނޑުން ބައެއް ގެއްލުނު ވާހަކައަކީ ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭ ވަރަށް ބޮޑަށް ކުރި ތުހުމަތެކެވެ. އެއީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދި ލޯ އޮފް ދި ސީ، (އިޓްލޮސް)އިން ކަނޑު ބައިކުރީއިރު ބައެއް ގެއްލުނު ކަމަށް ކުރާ ތުހުމަތެވެ.

ޔާމީން އަލަށް އުފައްދަވައިގެން އުޅުއްވާ ސިޔާސީ ޕާޓީން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ރޭ ވަނީ ކަނޑުގެ ސަރަހައްދު ހޯދަން ސަރުކާރުން މަސައްކަތްނުކުރާ ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ކަންކަން އިސްލާހުކުރަން މި ސަރުކާރަށް ފުދޭ ވަރަކަށް ވަގުތު ލިބިއްޖެ ކަމަށެވެ.

ދުނިޔޭގެ އެކިއެކި ގައުމުތަކުން އެ ގައުމުތަކުގެ ސަރަހައްދުން ގާކޮޅެއް ވެސް ގެއްލުނަނުދޭން ބޮޑެތި ހަނގުރާމަތައް ކުރަމުން އަންނަކަން ޔާމީން ފާހަގަކުރެއްވިއެވެ.

ޔާމީން ވާހަކަދައްކަވަނީ: އެ މަނިކުފާނު ވަނީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން މަސައްކަތްނުކުރާ ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވާފައި -- ސަން ފޮޓޯ/ އަމަން ލަތީފް

"އެއްވެސް ވަރެއްގެ ބިންކޮޅެއް ދޫކޮށްލުމަކީ މިއަދު ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫނޭ. އެކަމަކު، އަޅުގަނޑުމެން މި ތިބީއޭ އިނގޭތޯ އަނގަމައްޗަށް ޖަހައިގެން،" ކަނޑުން ގެއްލުނު ސަރަހައްދު ހޯދަން ސަރުކާރުން ނޫޅޭ ކަމަށް ވިދާޅުވެ، ޔާމީން ނުރުހުން ފާޅުކުރެއްވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މި އުޅެނީ ނޭނގުމުގެ ތެރެއިން ނޫނީ ނުވިސްނުމުގެ ތެރެއިން ގޮސްގެން އުޅޭ ކަމެއް ކަމަކަށް،"

އެ މަނިކުފާނު ވިދާޅުވީ، މި ކަމުގައި ސަރުކާރަށް ކުރެވޭނެ އެންމެ ކުޑަމިންވަރު ވެސް ކޮށްފައިނުވާ ކަމަށެވެ.

އެ ގޮތުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާނުލައި ގާނޫނީ އިމުގެ ބޭރުން ފޮނުވި ސިޓީއެއް ކަމާއި މިހާރު ރާއްޖެއިން އެ ކަމުގައި ދެކޭގޮތް އެ ގައުމަށް ސާފުކޮށްދޭންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެންމެ ކުޑަމިނުން ދިވެހި ރައްޔިތުންނަށް މި ކަމުގައި ތަސައްލީއެއް ހޯދައިދިނުމަށްޓަކައި އަޅުގަނޑަށް ހީވަނީ ކުރީ ޒަމާނުގެ އެންމެ ސްލޯ ޓައިޕްރައިޓަރުން ޓައިޕްކުރިއަސް މިހާރު ފުދޭ ވަރަކަށް ވަގުތު ލިބިއްޖެ ކަންނޭނގެ،" އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

ކުރީގެ ރައީސް ޔާމީން އަދި ރައީސް މުއިއްޒު: ޔާމީން ގެންދަވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން -- ސަން ފޮޓޯ/ މުހައްމަދު މާހިލް

މި ސަރުކާރަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލީޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައިފައެވެ.

އެއަށް ފަހުގައި އެކިއެކި ކަންކަމުގައި ސަރުކާރަށް، ޚާއްސަކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް ޔާމީން ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެންމެ ބޮޑަށް ފާޑުވިދާޅުވަނީ އެ ބޭފުޅުން އެކުގައި ތިއްބެވިއިރު ހިންގެވި 'އިންޑިއާ އައުޓް' ކެމްޕޭންގެ ކަންކަން މިހާރު ހަނދާން ނައްތާލާފައިވާ ކަމަށް ވިދާޅުވެއާއި ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން ނޫޅުއްވާ ކަމަށް ތުހުމަތުކުރައްވައެވެ.

ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު، އޭރު އޮތް އެމްޑީޕީ ސަރުކާރުން މިނިވަންކަމަށް ގެއްލުންވާނެ އެތައް ކަމެއް ކުރެއްވި ކަމަށް ތުހުމަތުކުރިއެވެ. ޔާމީން ނުރުހުން ފާޅުކުރައްވަނީ އެ ކަންކަން ނުބަލާ ކަމަށް ވިދާޅުވެއެވެ.

comment ކޮމެންޓް