ބޭނުންޖެހޭއިރު އިންޑިއާއިން އެހީވޭ، އުންމީދަކީ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުވުން: ރައީސް

އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންފުޅުވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ބޭނުންޖެހޭ ކޮންމެ ފަހަރަކު ވެސް އިންޑިއާއިން އެހީވާ ކަމަށާއި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މި ވެރިކަމުގެ ކުރީކޮޅު ދެ ގައުމުގެ ގުޅުން ގޯސްވެ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވިއެވެ. އެ ކަމުގެ ސަބަބުން ފަތުރުވެރިކަމަށް ބިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް އެ ދާއިރާގެ ތަޖުރިބާކާރުން މީގެ ކުރިން ބުނެފައިވެއެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވުމަށް ފަހު، ދެއްވި ބަޔާނުގައި ރައީސް ވަނީ އިންޑިއާއިން ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއިން ބޭނުން ޖެހޭ ކޮންމެ ހާލަތެއްގައި ވެސް އިންޑިއާ އެންމެ ގާތުގައި އެހީވާން އޮންނަ ކަމަށެވެ.

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ އެކު: ދެ ބޭފުޅުން މިއަދު ވަނީ ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

"އިންޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް މާކެޓުތަކުގެ ތެރެއިން މާކެޓެއް، އުންމީދަކީ އިތުރު އިންޑިއާ ފަތުރުވެރިންނަށް ރާއްޖެއިން މަރުޙަބާ ކިޔުން. އެ ކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހިއްސާކުރެވޭ ކުރިއެރުމާއި ވިސްނުންތެރިކަމަށް ފަހިކޮށްދޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ އިންޑިއާ ސަރުކާރުން ކޮށްދެއްވާ ކަންކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

އެ ގޮތުން، އިންޑިއާ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ޚިދުމަތް މިއަދު ވަނީ އިފުތިތާހުކޮށްފައެވެ. އަދި، ކުރީ ސަރުކާރުގައި ހިންގި ބައެއް މަޝްރޫއުތައް ވެސް މިއަދު ވަނީ ސަރުކާރާ ހަވާލުކޮށްފައެވެ. ރައީސް މުއިއްޒު ވަނީ އެ ކަންކަމަށް އިންޑިއާއަށް ޝުކުރު އަދާކުރައްވައިފައެވެ.

މި އަހަރު ފެށުނުއިރު ވެސް އިންޑިއާ އޮތީ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުގެ ގޮތުގައެވެ.

https://sun.mv/197605

އެކަމަކު، ދެ ގައުމުގެ ގުޅުން ހީނަރުވެފައި އޮއްވައި މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ތިއްބެވި ތިން ބޭފުޅަކު މީސްމީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރި މައްސަލައިގައި ރާއްޖެ އަންނަ ގިނަ އަދަދެއްގެ އިންޑިއާ ފަތުރުވެރިން އައުން ހުއްޓުނެވެ.

އިންޑިއާ ފަތުރުވެރިން މަދުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން މީގެ ކުރިން ވިދާޅުވެފައިވެއެވެ.

އެކަމަކު، އޭގެ ފަހުން ދެ ގައުމުގެ ގުޅުން ވަނީ ރަނގަޅުވެފައެވެ. އެ ގޮތުން، މޯދީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އަދި، ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ރައީސް މުއިއްޒު ވަނީ މޯދީއަށް ދައުވަތުދެއްވައިފައެވެ.

comment ކޮމެންޓް