އިންޑިއާ ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އިންޑިއާ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށެވެ. އެއީ އެ މަނިކުފާނުގެ ކަނޑައެޅުއްވި މަގްސަދުތައް މި ދަތުރުފުޅުގެ ތެރެއިން ހާސިލްވުމުން ކަމަށް ވިދާޅުވިއެވެ.
އޭގެ ތެރޭގައި އިގްތިޞާދީ ދާއިރާއާއި އިޖްތިމާއީ ދާއިރާއިން ކާމިޔާބުވި ކަންކަން ހިމެނޭކަމަށް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާ ގޮތަށް، ދިވެހިރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތް ފެށި މަގު ހުޅުވިގެން ދިޔައިމަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަބަދުވެސް އެ މަނިކުފާނު އިސްކުރައްވާނީ ދިވެހި ރައްޔިތުން އިސްކުރުމުގެ ސިޔާސަތު ކަމަށެވެ. އެގޮތުން ދިވެހީންނަށް އިސްކަންދީގެން ދިވެހީންނަށް ފަހިވާ ގޮތަށް ކަންކަން ކޮށްދޭން މަސައްކަތްކުރާ ހުރިހާ ގައުމަކާ ގުޅުން ބާއްވައި އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިންޑިއާއަކީ ރާއްޖެއާއެކު އެތައް ގަރުނެއްގެ ޒަމާންވީ ގުޅުން އޮތް ގަައުމަކަށްވާއިރު، އެ ގައުމުން ރާއްޖެއަށް ބޮޑުވި ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އިސްކަންދީގެން އެހީވި ގައުމަކީ އިންޑިއާކަން ވެސް އެއީ ހަގީގަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އިންޑިއާއެކު ގާތް ގުޅުމެއް ބޭއްވުމަކީ ރައްޔިތުންގެ ހައްގުގައި މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަމަކީ އެންމެ މުހިންމު ކަން ކަމަށެވެ.
އެ މަނިކުފާނު ވަނީ ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ ގޮތަކަށް އެ މަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ނުކުރައްވާނެކަމަށް ވިދާޅުވެ، އެ ފަދައިން ކަންކުރައްވާނެކަމަށް ރައްޔިތަކު ޝައްކުނުކުރުމަށް ވެސް އެދިވަޑައިގެންފައެވެ.
އިންޑިއާއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރްޕަތީ މުރްމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އެމަނިކުފާނު ވަނީ އެ ދަތުރުފުޅުގެ ތެރެއިން އިއްޔެ މުމްބާއީއަށް ވަޑައިގެންފައެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް އެ ތަނުގައި ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި އިންޑިއާގެ ފިލްމީ ތަރިންނާއި އިންފުލުއެންސަރުންނާ އެކު އިވެންޓެއްގައި ބައިވެރިވެވަޑައިގަތެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ، އިންޑިއާގެ ރައީސްގެ އިތުރުން ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާ ސަރުކާރުގެ މުހިންމު ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.