އިންޑިއާއާއި ރާއްޖެއާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއްގައި ސޮއިކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އާއެކު 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށް، ލިޔެކިޔުން ބަދަލުކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާތަކަށްފަހުގައެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެއެވެ.

އެއީ އެމެރިކާ ޑޮލަރު ނުވަތަ ޔޫރޯ އަދި އިންޑިއާ ރުޕީ މެދުވެރިކޮށެވެ.

އެގޮތުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެއެވެ.

ޑޮލަރު ނުވަތަ ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރު މުއްދަތުގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅެއްކަމަށް ސަރުކާރުން ބުންޏެވެ.

އެގޮތުން އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެ ގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވާނެއެވެ. އަދި މިއީ ދެ ގައުމު ދޭތެރޭ ކުރެވޭ ވިޔަފާރި އިތުރުވެ ހަރުދަނާ ވާނެ ކަމެކެވެ.

މިހާތަނަށް އެމްއެމްއޭ އިން ވަނީ 700 މިލިއަން ޔޫއެސް ޑޮލަރުގެ ސްވޮޕް ތެރޭން ބޭނުންކޮށްފައިވެއެވެ.

comment ކޮމެންޓް