ކުއްޖެއް ބޮޑެއް ނެތް؛ ޕާޓީތަކަށް ފައިސާ ބަހަން ވީތަ؟

މާލޭ މަގުމަތީގައި ޕާޓީތަކުން ދިދަ ފޮތި ދަމާފައި: ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ ގޯހެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުދި ވިޔަސް، ބޮޑު ވިޔަސް، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މާލިއްޔާއިން ލޯ ލާރިއެއް ވެސް ދޭން ޖެހޭހެއްޔެވެ؟

މި ކަމަށް އެއްބަސްވާ އާންމު ރައްޔިތަކު މަދުވާނެއެވެ. އެކަމަކު، އެ ކަމަށް ދެބަސްވެ، ދެބަސްވެ އޮއްވައި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފެނުނީ އެ ފައިސާ ދޭގޮތް ބަދަލުކުރަން ވެއްޖެ ކަމަށެވެ. އެ ކޮމިޝަނުން ނިންމީ، ކުދި ޕާޓީތަކަށް ވެސް ބައެއް އަޅާށެވެ.

ކުރިން އޮތް ގޮތުން ދައުލަތުގެ މާލިއްޔާއިން ބައެއް އަޅަނީ 10،000 މެންބަރުންނަށް ވުރެ މީހުން ގިނަ ޕާޓީތަކަށެވެ. މެންބަރުން ގިނަވި ވަރަކަށް ލިބޭ ފައިސާ ގިނަވެއެވެ.

އެކަމަކު، އީސީން މިހާރު ބުނަނީ އެއިން ބައެއް ކުދި ޕާޓީތަކަށް ވެސް ދޭންވެއްޖެ ކަމަށެވެ. ބަޖެޓުގެ ފުރަތަމަ 25 އިންސައްތަ ބަހައިލަނީ 3،000 ހަމަވާ އެކަމަކު 10،000 ހަމަނުވާ ޕާޓީތަކަށެވެ. އަނެއް، 25 އިންސައްތަ އެއީ 10،000 އިން މަތީގެ ޕާޓީތަކަށެވެ. ދެން ފައިސާ ލިބެނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި 30 އިންސައްތަ އަދި ކައުންސިލް އިންތިޚާބުގައި ލިބޭ ވޯޓަށް ބަލައިގެން 20 އިންސައްތައެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި އެ ފައިސާ ބަހާނީ ވޯޓު ލިބުނު ނިސްބަތުންނެވެ. ގޮނޑި ލިބުނު އަދަދަކަށް ނުބަލާނެއެވެ.

https://sun.mv/197666

"ގޮނޑި ނުލިބުނަސް އެކި ދާއިރާތަކުގެ ވޯޓުތައް އެއްކޮށްލާއިރު ބޮޑު އަދަދެއްގެ ނިސްބަތުން ވޯޓު ލިބިއްޖިއްޔާ އެ ޕާޓީއަށް ބޮޑު އަދަދެއްގެ ފައިސާ ލިބިދާނެ، ގޮނޑި ލިބިފައި ހުރި ޕާޓީއަކަށް ވުރެ ގިނައިން ވެސް،" ފުއާދު އާ އިސްލާހާ ގުޅޭ ގޮތުން ވިދާޅުވިއެވެ.

މި އިސްލާހު އަދި ފާސްކުރީއެއް ނޫނެވެ. އީސީއަށް ފެންނަ ގޮތެއް ނިންމީއެވެ. މި ބަދަލު ގެނެވޭނީ މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގުކުރީމައެވެ.

މި ވަރުގެ އިސްރާފެއް ދުށިންތަ؟

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ ގޮތުން، ކޮންމެ އަހަރަކު ވެސް އެ އަހަރެއްގެ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތައާއި 0.2 އިންސައްތައާ ދެމެދުގެ އަދަދެއް ދެވޭނެއެވެ. މި އަހަރު އެކަނި އެ ލޯވަޅުގެ ތެރެއިން، 44 މިލިއަން ރުފިޔާ ބަހައިލިއެވެ. އެއީ:

  • އެމްޑީޕީއަށް 15 މިލިއަން
  • ޕީޕީއެމަށް 10.5 މިލިއަން
  • ޕީއެންސީއަށް 8 މިލިއަން
  • ޖުމްހޫރީ ޕާޓީއަށް 5.3 މިލިއަން
  • އަދާލަތު ޕާޓީއަށް 2.5 މިލިއަން
  • އެމްޑީއޭއަށް 2.5 މިލިއަން

https://sun.mv/193339

މާލީ ހާލަތު ގޯސްވެގެން، ޚަރަދު ކުޑަކުރަން އާންމުންނަށް ދެމުން އަންނަ ސަބްސިޑީތަކާ ވެސް ކުޅެން މަޖުބޫރުވާ ހިސާބަށް އޮތީ ގޮސްފައެވެ. ދަރަނި އަރަމުން އަރަމުން ގޮސް ބޯހިކޭކަށް ނެތެވެ. އެކަމަކު، ދައުލަތުގެ މާލިއްޔާއިން މި ގޮތަށް ގާނޫނުގައި ލިޔެގެން އެތައް މިލިއަން ރުފިޔާއިން މި ކުރަނީ ކިހާ ބޮޑު އިސްރާފެއް ހެއްޔެވެ؟

"ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެގެން އުޅޭ ދަނޑިވަޅެއްގައި ޚާއްސަކޮށް، ޚަރަދު ކުޑަ ކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ސިޔާސީ ފަރާތްތަކަށް ދޭ ފައިސާތައް އުނިކުރުމަކީ،" 2022 ވަނަ އަހަރު ހަމަ މި މައުޞޫއުގައި ލިޔުނު ރިޕޯޓަކަށް މިހާރުގެ ބަންޑާރަނައިބު، އޭރުގެ ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހުމަދު އުޝާމް ވިދާޅުވިއެވެ.

މާލީ ހާލަތު އޭރަށް ވުރެ މިހާރު މާ ގޯހެވެ. އެންމެ ބޮޑު ދެ ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ. އެތައް އިންޒާރެއް ދީފައެވެ.

އެތައް ބިލިއަން ޑޮލަރަކުން ގައުމު އޮތީ ދަރާފައެވެ. އެ ދަރަނިން ސަލާމަތްނުވެ، ގައުމު ބަނގުރޫޓުވެދާނެކަމުގެ އިންޒާރު ދޭ ހިސާބަށް ގައުމު އޮތީ ގޮސްފައެވެ. މި ހާލަތުގައި މި ވަރުގެ އިސްރާފުތައް ކުރަން ހެޔޮ ނުވާނެއެވެ.

ބަންޑާރަނައިބު އަހުމަދު އުޝާމް: އޭނާ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމާ ކުރިން ދެކޮޅު -- ފޮޓޯ/ ރައީސް އޮފީސް

މި ހިސާބަށް ކަންތައްތައް ގޮސްފައި އޮއްވައި، އީސީން އެ ނިންމި ނިންމުން އުޝާމް އިންނަވާ ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަށް ފޮނުވާނެ ކަމަށް ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު، އޭރު އެހާ އަޑުހަރުކޮށް ވިދާޅުވި އިސްރާފު ހުއްޓުވަން، ބަންޑާރަނައިބު ކަމުގައި މިވީ 10 މަސް ދުވަހުގެ ތެރޭގައި ކުރީ ކޮން ކަމެއްތޯ، އެއީ އުޝާމް ޖަވާބުދެއްވަން ޖެހޭނެ ކަންކަމެވެ.

މާލީ ހާލަތު ބޮއްސުންލައިގެން ގޮސް، އެހީއަށް އެދިގެން އިންޑިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން އުޅުއްވާއިރު، ޚަރަދު ކުޑަކުރަންޖެހޭކަން ގައިމު ދެން ތިބީންނަށް ވުރެ ބޮޑަށް ފަހުމުވާނެއެވެ. ކުރީގައި ވަކާލާތު ކުރެއްވި ކަންކަން އިސްލާހުކުރުގެ ބާރާއި އިހުތިޔާރު މިއަދު ބަންޑާރަނައިބު ކަމުގައި އުޝާމަށް އެބައޮތެވެ.

މި ކަމުގައި އޭނާގެ މިހާރުގެ ޚިޔާލެއް، ބަހެއް އަދި ނުލިބެއެވެ.

ރާއްޖޭގައި އެކަނި ކުރާ ކަމެއްތަ؟ ކީއްވެ؟

ސިޔާސީ ޕާޓީތަކަށް ފައިސާ ދޭން ފެށީ ފުރަތަމަ އެ ޕާޓީތައް އުފެދިގެން އައި އިރެވެ. އެއީ، އޭރު ސިޔާސީ މަސައްކަތްތަކަށް ހިތްވަރު ދީ، އިސްލާހީ ކަންކަމުގައި އުޅެން ޕާޓީތައް ބާރުވެރިކުރުވުމުގެ ހެޔޮ ނިޔަތެއް އޮވެގެން ބަޔަކު ކުރި ކަމެއް ގޮތުގައި ވެސް ބެލެވިދާނެއެވެ.

މިއީ ރާއްޖޭގައި އެކަނި ކުރާ ކަމެއް ނޫނެވެ. ބައެއް އެހެން ގައުމުތަކުގައި ވެސް އެކިއެކި ނަންނަމުގައި މިކަން ކުރެއެވެ.

https://sun.mv/171807

އެ ގޮތަށް ފައިސާ ދޫކުރާ އެއް ގައުމަކީ ޖަރުމަނެވެ. އެ މީހުން އެ ގޮތަށް ފައިސާ ދޫކުރަނީ އިންތިޚާބުތަކުގައި ވޯޓު ލިބޭ ނިސްބަތުން ބަލައިގެންނެވެ. އެކަން ކުރަނީ ސިޔާސީ ޕާޓީތަކަށް ވިޔަފާރިވެރިން ފޯރުވާ ނުފޫޒު ކުޑަކުރާށާއި އެ ޕާޓީތަކުގެ މިނިވަންކަން ކަށަވަރުކުރާށެވެ.

އެކަމަކު، ރާއްޖޭގައި މިއިން އެއްވެސް މަގުސަދެއް ހާސިލުނުވެ، އެއްވެސް ހަމައެއް ނެތި، އެއްވެސް ގާނޫނެއް، ގަވާއިދެއް، އުސޫލަކަށް ބޯނުލަނބާ ސިޔާސީ ޕާޓީތަކަކަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ. އެއީ، މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމެކެވެ.

ހިތްވަރު ދޭންވީ ވިޔަފާރިކުރަން

ދައުލަތުގެ ބަޖެޓުން ލައްކަ ދުވަހު ޕާޓީތަކަށް ފައިސާ ދީފިއެވެ. އެއިން ވީ ފައިދާއެއް، މޮޅެއް ނެތެވެ.

ސިޔާސީ ޕާޓީތަކުން ތާއަބަދު ވެސް މަސައްކަތްކުރީ ވެރިކަމުގެ ދަހިވެތިކަމުގައެވެ. ގައުމުގެ ކަންކަން ރަނގަޅުކުރަން، ގައުމުގެ ހައްގުގައި ވަކާލާތު ކުރާ ނަމަ ގައިމު ކަންކަން އިސްލާހު ވެސް ވީސްތާއެވެ. ކުދިކުދި އެތައް ޕާޓީއެއް ބައިވެރިކޮށްގެން ބޮޑެތި ހުރިހާ ޕާޓީއަކުން ވެރިކަން ކޮށްފިއެވެ. އެކަމަކު، ގައުމުގެ ކަންކަން ދަނީ ގޯހުން ގޯހަށެވެ.

ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ފައިސާއެއް ހައްގެއް ނުވާނެއެވެ. އޭގެ ބަދަލުގައި އެ ޕާޓީތަކުން ފައިސާ ހޯދަން ތަފާތު އެކިއެކި ކަންކަން ކުރަންވީއެވެ.

https://sun.mv/197462

އަބަދު ވެސް އާ ކަންކަން ފަށަން އިސްނަގާ އެމްޑީޕީން މި ފަހުން އިއުލާނުކުރީ އެ ފަދަ ކަމެކެވެ. އެ ޕާޓީން ވިޔަފާރި ކުރަން ފެށުމުގެ ވިސްނުމެވެ. އެއީ، ރަނގަޅު ކަމެކެވެ. އެއީ، ހިތްވަރުދޭ ކަމެކެވެ. ޕާޓީތަކުން އުޅެން ވާނީ އަމިއްލަ ހާލައިގެންނެވެ. އާންމުންގެ ފައިސާގައި ޖެހިގެން ނުވާނެއެވެ. އެއެއް ހައްގެއް ވެސް ނުވާނެއެވެ.

ރިއަލް އެސްޓޭޓް ވިޔަފާރި ވިޔަސް، ސިމެންތި ގެށިޔަސް، މީހުންގެ ސައިކަލު ދޮވެދިނަސް ވަރިހަމައެވެ. ޕާޓީތައް ހިންގަން ބޭނުންވާ ފައިސާ ހޯދަންވާނީ އަމިއްލަ މަސައްކަތުންނެވެ.

ދައުލަތުގެ ބަޖެޓަކީ، ޕާޓީތަކުން ބޭނުންވީމާ ބޭނުން ގޮތަކަށް ފޮތިކޮށްގެން ބަހަން އޮންނަ ކޭކެއް ނޫނެވެ.

އެކިއެކި ނަންނަމުގައި ކޮންމެ ވެރިކަމެއްގައި ނަގާހާ ކަޓުތަކާއި، ގާތް މީހުން މަގާމުތަކަށް ގެނެސްގެން ބަހައިލާ މުއްސަނދިކަމާއި، ހިންގާހާ ކޮރަޕްޝަން އެއީ ރައްޔިތުންނަށް ދެވޭ ކިިހާ ބޮޑު އަނިޔާއެއް ހެއްޔެވެ.

ރައްޔިތުންގެ ފައިސާއިން އެންމެ ލޯ ލާރިއެއް ވެސް ސިޔާސީ ޕާޓީތަކަށް ދީގެން ނުވާނެއެވެ. ކުޑަ ވިޔަސް، ބޮޑު ވިޔަސް ވަރިހަމައެވެ.

comment ކޮމެންޓް