މާލީ މިނިވަންކަން ހޯދުމަށްޓަކައި އިދިކޮޅު އެމްޑީޕީން ރިއަލް އެސްޓޭޓުގެ ވިޔަފާރިއަށް ވަންނަން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާ ފަށްޓަވަމުން ވެސް ފައްޔާޒު ވަނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ކުރިޔަށް ގެންދިއުމަށް ޓަކައި ވަރަށް ބައިވަރު ފައިސާ ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަށް 19 އަހަރު ވެފައިވާއިރު، އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި މާލީ މިނިވަންކަމާއި ތަނަވަސްކަމެއް ހޯދިފައެއް ނެތެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީތަކަށް ވިޔަފާރި ކުރުމުގެ ހުއްދަ ލިބިދީފައި އޮތް ނަމަވެސް، އެ ވިޔަފާރިއެއް ކުރެވޭނެ ގޮތެއް ސާފުކޮށް ބަޔާންވެފައި ނެތްކަން ފައްޔާޒު ފާހަގަ ކުރެއްވިއެވެ. މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުގެ ދަށުން ސިޔާސީ ޕާޓީތަކުން ކުންފުނި ރެޖިސްޓްރީ ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި، އެ ކަމަށް އެދި އެމްޑީޕީގެ ފަރާތުން ސަރުކާރަށް ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް އަވަހަށް ގަސްދުކުރަން އަޅުގަނޑުމެންގެ ރިއަލް އެސްޓޭޓުގެ ވިޔަފާރި ފަށަން. އެކަން ވެސް ފެށެން އޮތީ ކޮންމެ ވެސް ކަހަލަ ވިޔަފާރީގެ ރެޖިސްޓްރޭޝަނެއް އަޅުގަނޑުމެންނަށް ލިބިގެން. ކަން ކުރަން އަޅުގަނޑު ބޭނުން. އެއް މަގު ބަންދުވެއްޖިއްޔާ އެހެން މަގަކުން ދެވޭނެ ގޮތް" ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުންނަކީ ގާބިލް ބަޔަކަށް ހެދުމަށް ޓަކައި އެމްޑީޕީން އެކެޑަމީއެއް ހިންގުމަށް ނިންމާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އެމްޑީޕީގެ މަގު ޗާޓުގައި ވެސް ހިމެނިފައި އޮތް ކަމެކެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ހިންގާ އެކެޑަމީއަކީ ކަމާބެހޭ އިދާރާތަކުގައި ރެޖިސްޓްރީ ކުރެވިގެން މިނިވަން ކަމާ އެކު ހިންގާ މުއައްސަސާއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް އުންމީދު ކުރާ ކަމަށެވެ.
"...އަޅުގަނޑުމެން އުންމީދު ކުރަން، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުން ވެސް އަޅުގަނޑުމެން ޕާޓީން ތަމްރީނު ލިބިގެން ސިޔާސީ މަޝްރަހަށް ނިކުތުން. އަދި ފަހަރުގައި ކުރިޔަށް އޮތް ތާގައި ދިވެހިރާއްޖެއިން ބޭރުން ވެސް އެ އެކެޑަމީން އަޅުގަނޑުމެން ހިންގާ ކޯސްތަކުގައި ބައިވެރިވާން އެ ބޭފުޅުން. މިއީ އުންމީދެއް"
ފައްޔާޒު ވިދާޅުވީ މިރޭ އެޅިގެން ދަނީ އެ އަމާޒަށް ވާސިލުވުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. ސިޔާސީ ޕާޓީއަކުން ތައުލީމުދޭ ތަނެއް ރެޖިސްޓްރީކޮށްގެން ހިންގުމުގައި ހުރި ގާނޫނީ ހުރަސްތައް ސާފުނުވާކަން ފައްޔާޒު ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ، އެމްޑީޕީއަށް އެކެޑަމީ ހިންގުމުގެ ފުރުސަތު މި ސަރުކާރުން ނުދީފިނަމަ، އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންގެ ނަން މަތީގައި ވެސް އެކެޑަމީ ރެޖިސްޓްރީ ކުރަން ޖެހިދާނެ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީ ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ ކުރުމަށްޓަކައި، އެ ޕާޓީގެ ލީޑަޝިޕަށް މަޝްވަރާދިނުމަށް "ތިންކް ޓޭންކް"އެއް އުފެއްދުމަށް ނިންމާފައިވާކަން ވެސް ފައްޔާޒު ހާމަ ކުރެއްވިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައި ދާއިމީ ކޮމީޓީތަކުގެ ތެރޭގައި ތިންކް ޓޭންކެއްގެ ވާހަކަ އޮވެއެވެ. އެއީ ވަކި މައްސަލަތަކަކާ ގުޅޭ ގޮތުން ލަފާއާއި ޚިޔާލު ފޯރުކޮށްދޭ ތަޖުރިބާކާރުންގެ ޓީމެކެވެ.
ފައްޔާޒު ވިދާޅުވީ ތިންކް ޓޭންކުގެ ބޭނުމަކީ އެމްޑީޕީގެ ވަކި މުއައްސަސާއެއްގެ ގޮތުގައި ރެޖިސްޓްރީކޮށްގެން، އެ ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ކުރަންޖެހޭ އިލްމީ ދިރާސާތައް ކުރުމާއި، އެ މައުލޫމާތުގެ އަލީގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ މަޝްވަރާ އެ ޕާޓީގެ ލީޑަޝިޕަށް ލިބިގެން ދިއުން ކަމަށެވެ.
"ތިންކް ޓޭންކެއް އުފެއްދިދާނެތޯ ނޫންތޯ. މިސާލަކަށް އެންޖީއޯއެއްގެ ގޮތުގައި... އަޅުގަނޑު އެދިގެން މި އުޅެނީ ކަމާބެހޭ މިނިސްޓަރު އަރިހުގައި މި ކަމުގައި ކުރިޔަށް ދެވޭނެ މަގެއް ދައްކަވަން. ދެން ވިދާޅުވީ މިހާރު އެޓާނީ ޖެނެރަލަށް ފޮނުވައިގެންނޭ މި އުޅެނީ"
އެމްޑީޕީން ދަނީ އެ ޕާޓީ އިތުރަށް ހަރުދަނާކުރުމަށް ޓަކައި އެ ޕާޓީގެ އޮނިގަނޑާއި ހިންގާ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.