ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ހުރިހާ ޕާޓީތަކަށް ލިބޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނު ބަދަލު ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
އީސީން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހުތައް ހުށަހެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލު ވުމެެއް ބާއްވާފައެވެ. އެ އިސްލާހުތަކާ ގުޅުވައި އީސީގެ ރައީސް ފުއާދު ތައުފީގް 'ސަން'އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ތިން ކަމަކާ ގުޅިގެން ކަމަށެވެ.
އެގޮތުން، އެންމެ ބޮޑު ބަދަލެއް ގޮތުގައި ފުއާދު ވިދާޅުވީ، ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ ގޮތަށް ހުށަހަޅާ އުސޫލެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ހަމައެކަނި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. ނަމަވެސް، އެކަން ބަދަލުކޮށް ހުރިހާ ޕާޓީތަކަށް ފައިސާ ލިބޭ ގޮތަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އެ އުސޫލު ހަތަރު ބަޔަކަށް ބެހެއެވެ. އެއީ:
- ބަޖެޓުގެ ފުރަތަމަ 25 ޕަސެންޓު ބަހާލަނީ މެންބަޝިޕްގައި 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް
- 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ކަނޑައަޅަނީ ބަޖެޓުގެ 25 ޕަސެންޓު
- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތަށް ބަލައި، އެޕާޓީތަކަށް 30 ޕަސެންޓު
- ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލިބޭ ނިސްބަތަށް ބަލައިގެން 20 ޕަސެންޓު
ވޯޓު ލިބުނު ނިސްބަތުން. ގޮނޑި ލިބުނު ނިސްބަތުންނެއް ނޫން. ގޮނޑި ނުލިބުނަސް އެކި ދާއިރާތަކުގެ ވޯޓުތައް އެއްކޮށްލާއިރު. ބޮޑު އަދަދެއްގެ ނިސްބަތުން ވޯޓު ލިބިއްޖިއްޔާ އެ ޕާޓިއަށް ބޮޑު އަދަދެއްގެ ފައިސާ ލިބިދާނެ ގޮނޑި ލިބިފައި ހުރި ޕާޓީއަކަށް ވުރެ ގިނައިން ވެސް
އިތުރަށް ފުއާދު ވިދާޅުވީ، އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ދެވަނަ ބޮޑު އިސްލާހަކީ ކޮންމް ފަސް އަހަރަކުން ކޮންގްރެސް ބާއްވަން އޮންނަ ގޮތަށް ލުއެއް ދިނުމަށް އެކަށީގެންވާ ސަބަބަކާއެކު ކޮންގްރެސް ލަސް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމަށެވެ.
ޕާޓީތަކަށް ވަނުމާއި ޕާޓިން ވަކިވުމަށް ހުށަހަޅާ ފޯމުތަކުގެ ބަދަލުގައި އީސީން ކަނޑައަޅާ ވަކި އުސޫލަކަށް އަމަލު ކުރެވޭ ގޮތަށް އިސްލާހު ހުށަހަޅާނެ ކަން ފުއާދު ވަނީ ފާހަގަކުރައްވާފައެވެ.
ފުއާދު ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލުތައް ގެންނަން މަޝްވަރާ ކުރަން ފެށީ މީގެ ހަތަރު އަހަރު ކުރިން 2020ވަނަ އަހަރުގައެވެ. އޭރު ހުރިހާ ޕާޓީތަކާ ބައްދަލުކޮށް، އެކަމާ ގުޅުވައި މަޝްވަރާ ހޯދާފައިވާނެ ކަން ފުއާދު ވަނީ ފާހަގަކުރައްވާއެވެ.
އީސީން އެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ޑްރާފްޓެއް އެކުލަވާލާފައިވާއިރު، އެ އިސްލާހުތައް މިހަފުތާ ނިމުމުގެ ކުރިން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.