ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިވަގުތު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު އެ ގައުމުގެ މުމްބާއީއަށް ވަޑައިގެންފިއެވެ.
މުމްބާއީއަކީ އިންޑިއާގެ ވިޔަފާރިތައް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ސިޓީއެކެވެ.
އެގޮތުން މުމްބައީގައި އެމަނިކުފާނު ރާއްޖޭގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ތަނުގައި ބާއްވާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ ވިޔަފާރީގެ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ބާއްވާ ފޯރަމެކެވެ.
މީގެ އިތުރުން އެ ސިޓީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ އިވެންޓެއްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެއީ އިންޑިއާގެ ފިލްމީ ތަރިންނާއި އިންފުލުއެންސަރުންނާ އެކު ބާއްވާ އިވެންޓެކެވެ.
އިންޑިއާއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރްޕަތީ މުރްމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ، އިންޑިއާގެ ރައީސްގެ އިތުރުން ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާ ސަރުކާރުގެ މުހިންމު ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޚާރިޖީ ގުޅުން ރަސްމީ ސިފައެއްގައި ގާއިމްކުރިތާ 60 އަހަރު ފުރޭ އަހަރު ކަަމށް ވުމުން އެ މަނިކުފާނު ވަނީ އެ މުނާސަބާ ފާހަގަކުރުމަށް މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވައިފައެވެ. އަދި މޯދީ ވަނީ އެ ދައުވަތު ގަބޫލުފުޅު ވެސް ކުރައްވާފައެވެ.
ހަމައެއާއެކު މި ދަތުރުފުޅުގައި ރުޕޭ ކާޑު ތައާރަފްކުރުމާއި، ހަނިމާދޫ އެއާޕޯޓުގެ ރަންވޭ އިފްތިތާހުކުރުމުގެ އިތުރުން މުހިންމު ބައެއް އެއްބަސްވުންތައް ދެ ގައުމު ދެމެދު ބަދަލުކޮށްފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާނީ މި ހަފުތާގެ ބުރާސްފަތި ދުވަހެވެ.