ކޮރަޕްޝަނާ ދެކޮޅަށް އޭސީސީން އިންޑިއާގެ ސީބީއައިއާއެކު އެއްބަސްވުމަކަށް

ކޮރަޕްޝަނާ ދެކޮޅަށް އޭސީސީން އިންޑިއާގެ ސީބީއައިއާއެކު ވި އެއްބަސްވުން ބަދަލުކުރަނީ: ފަހުމުނާމާ ބަދަލުކުރީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހީމް ޝަހީބު އަދި އިންޑިއާގެ ހޯމް އެފެއާޒް މިނިސްޓްރީގެ ބޯޑާ މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ސެކްރެޓަރީ ޑރ. ރާޖެންދްރަ ކުމާރު -- ފޮޓޯ/ ރައީސް އޮފީސް

ކޮރަޕްޝަނާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރީ މިދިޔަ އާދިއްތަ ދުވަހެވެ. އޭސީސީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ. އަދި ސީބީއައިގެ ފާރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޕްރަވީން ސޫދެވެ.

މި ފަހުމުނާމާ ރަސްމީކޮށް ބަދަލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައެވެ. އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ފަހުމުނާމާ ބަދަލުކުރީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހީމް ޝަހީބު އަދި އިންޑިއާގެ ހޯމް އެފެއާޒް މިނިސްޓްރީގެ ބޯޑާ މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ސެކްރެޓަރީ ޑރ. ރާޖެންދްރަ ކުމާރެވެ.

ފަހުމުނާމާގެ ތެރެއިން ކުރިއަށް ގެންދާ މައިގަނޑު ކަންތައްތައް:

  • ކޮރަޕްޝަން ހިނގައިދިޔަ ނުދިނުމަށް ޓަކައި (ޕްރިވެންޝަން) ބޭނުންވާ މައުލޫމާތު ދެ މުއައްސަސާގެ މެދުގައި ބަދަލުކުރުން
  • ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި "ބެސްޓް ޕްރެކްޓިސް"ތަކުގެ މައުލޫމާތު ބަދަލުކުރުމާއި ދެ މުއައްސަސާ ގުޅިގެން ދިރާސާކުރުން.
  • ތައުލީމު، ތަމްރީނު ހިމެނޭގޮތަށް ކޮރަޕްޝަން ހުއްޓުވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެކުގައި މަޝްރޫއުތަކާއި ހަރަކާތްތައް ކުރިއަށް ގެންދިޔުން.
  • ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމުގައި އެއް މުއައްސަސާ އަނެއް މުއައްސަސާއަށް އެހީތެރިވެ، މައުލޫމާތާއި، ހުނަރާއި، ތަޖުރިބާއާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން.
  • ކޮރަޕްޝަންގެ ކުށް ތަހުގީގުކުރުމާއި، ވިޔަނުދިނުމާއި، ދައުވާކުރުމާ ގުޅޭ ފަންނީ އެހީތެރިކަން ބަދަލުކުރުން.
  • ކޮރަޕްޝަންގެ ކުށް ވިޔަނުދިނުމަށާއި ތަހުގީގުކުރުމާ ގުޅުން ހުރި ފޯރަމްތަކާއި، ސެމިނާތަކާއި، ކޮންފަރެންސްތަކާއި، ވޯކްޝޮޕްތައް ބޭއްވުމާއި އެފަދަ ކަންކަމުގައި ބައިވެރިވުން.
  • މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ކުރާ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަން ދިނުން.
  • ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އިންޓަޕޯލް ފަދަ ނެޓްވޯކްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުން.

އޭސީސީން ބުނީ އެ ފަހުމުނާމާއަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު ކޮރަޕްޝަން ހުއްޓުވުމަށާއި ވިޔަނުދިނުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވާނެ އެއްބަސްވުމެއް ކަމަށެވެ.

އަދި އެ ދާއިރާއިން ދެ ގައުމުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް ވަރުގަދަކުރުމަށް މަގުފަހިކޮށްދޭނެ އިސްތިރާތީޖީ ފިޔަވަޅެއްކަމަށެވެ.

comment ކޮމެންޓް