ސޯސަންމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ހުރި މިސްކިތުން ޢަޞުރު ނަމާދު ނިމިގެން ފޭބި މީހުންތަކުގެ ތެރޭގައި، ކުޑަކޮށް ރޫޖެހިފައިވާ އަތްދިގު، މަޑު ނޫކުލައިގެ ގަމީހެއް ލައިގެން ހުރި އަހަންމައިދީ ވެސް ހިމެނެއެވެ. ތުބުޅިއާއި މަތިމަސް ހުރީ ބާލައި އޮމާންކޮށްފައެވެ. ފަންސާހުން މައްޗަށް އުމުރުގެ ދުވަސްތައް ގުނައިފައިވާކަން ފާޅުވަނީ މޫނު މައްޗަށް ވެރިވަމުންދާ ކުދި ރޫތަކެވެ. އެއް ކިހިލީގައި އޮތީ ދެ އިންޗިއެއްހައި ބޯމިނުގެ ފޮތެކެވެ. މިސްކިތުން ރަނގަޅަށް ބޭރަށް ނުނުކުމެވެނީސް އަމިއްލައަށް ކުދި ކިޔާން ފަށައިފިއެވެ.
"ކީކޭތަ ތި ކިޔަނީ؟ އަނެއްކާ މިއަދު ކިހިނެއްވީ؟" އަހަންމައިދީއާ އެކީ މިސްކިތުން ފޭބި އެހެން މީހަކު، އަހަންމައިދީގެ ގާތަށް ލެފިލައިފައި ހިތްހެޔޮކަމާއެކު އަހައިލިއެވެ.
"މީ ދެން ކިހައި ބޮޑުވެއްޖެ ކަމެއް؟ މި މީހުންނާ ހެދި ނަމާދަށް ވެސް ހުރެވޭ ވަރެއް ނޫން! އާނ އެހެންޏާ ފަހެ! މިސްކިތަށް އަރައި ނަމާދު މި ކުރަނީ ﷲއަށް ކުއްތައްވެ ހުރެ. ހުރިހައި ޚިޔާލުތަކަކުން ދުރުވެ ހުރެ! މިއީ ހެއްދެވިފަރާތަށް ކުރާ އަޅުކަމެއް. ޚުޟޫޢަތްތެރިކަމާއެކު މަޑުމަޑުން ހުރެ ކުރާ ކަމެއް! އެކަމަކު މިހާރަކަށް އައިސް މިސްކިތަކަށް ވެސް އެރޭ ވަރެއް ނޫން!" އެއް ނޭވާއިން އަހަންމައިދީ ޖަވާބުދީ ނިންމައިލި އިރު ހީވީ އެ ސުވާލު ނުކޮށްގެން ހުރި ހެންނެވެ. ޖަވާބު އައީ އޮހިގެންނެވެ.
"އަދިވެސް ވީ ގޮތެއް ނުބުނަމެއްނު؟" ފައިވާންތަކުގެ ތެރެއިން ފައިވާން ހޯދުމަށް ފަހު ފައިވާނަށް އަރަމުން، ޙައިރާންކަމާއެކު އަހައިލިއެވެ.
"ނަމާދަށް ރަނގަޅަށް ހަށަން ނުބަނދެވެނީސް، ކައިރީގައި ހުރި މީހާ ހަށަން ބަންނާން ކުރި ޙަރަކާތާއެކު، ފާޑަކަށް ބޯޖަހައިލައިފި! ދެން ތިރި ބަލައިލައިފައި، ދިގުކޮށްފައި ހުރި ތުބުޅީގެ ފެން އެއް އަތުން ފޮޅައިލައިފި! ހުރިހައި ފެނެއް ޖެހިގެން ތިބި މީހުން ގަޔަށް. ދެން ހެދި ގޮތަކީ، އޭނަގެ ފައިތިލަ ގެނެސް މަގޭ ފައިތިލަ މައްޗަށް އަރުވައިފި!"
"ނާ ހަމަ ތެދެއް؟ އަހަންމައިދީގެ ފައިތިލަ މައްޗަށްތަ؟"
"އާނ ފައިމައްޗަށް އެރުނީތާ، އޭނާގެ ފައިތިލައާ އަހަރެންގެ ފައިތިލަ ބާރަށް ޖެއްސީ! ފުލައިވުޑު ދެ ފިލާ ތަތްކުރަން ޑަންލޮޕުލައިފައި ފިއްތާ ވަރަށް ފިއްތައި ބާރުކޮށްލި! ބަދެފައި ހުރި ހަށަން މޮހައިލައިފައި ބޮނޑިއެއް ނޭޅުނީ ހަމަ ކިރިޔާ! ރުޅިފަށެއް އައި! ނަމާދު ވެސް ނޭނގެ ކަމުދާނެ ކަމެއް!"
"ތެދެއް ތިޔަ ބުނީ! ސަފުތައް ސީދާކުރާން ކުރާ ކަމެކޯ!" އަހަންމައިދީގެ ވާހަކަޔާ ބައިވެރިވެލަމުން ބުންޏެވެ.
"ތިޔަ ވަރަށް ރުޅި އައިސްފައި ހުރިއްޔާ އަހަންމައިދީގެ ނަމާދެއް ޞައްޙައެއް ނުވާނެތާ ދޯ؟"
މަށަކަށް ތިޔެއް ނޭނގެ! މަށަށް އެނގެނީ އެހެން މީހުންގެ ނަމާދު ގެއްލޭ ފަދަ ކަންކަން ކުރާކަށް ދީނުގައި އަންގަވައިފައެއް ނޯންނަކަން! އެ މީހުންނަށް ނޫނަސް، މަށަށް ވެސް އެވަރު އެނގޭ،" ފައިވާނަށް އަރައި މިސްކިތުން ނުކުންނާން އަހަންމައިދީ ހިނގައިގަތެވެ.
މިސްކިތުން ނުކުމެ އަހަންމައިދީ ހިނގައިގަތީ މަޖީދީމަގުން ހެންވޭރާ ވީ ކޮޅަށެވެ. ބައިބޯ މުށިމަސްގަނޑެއް ނޫނަސް، މި ސަރަހައްދުގައި ހިނގައިބިނގައިވެ އުޅޭ މީހުން މަދެއް ނޫނެވެ. އެކި މީހުން ގައިން ރެކެމުން ނެއްޓެމުން، މަޑު ހިނގުމެއްގައި އަހަންމައިދީ ހިނގަމުން ދިޔައެވެ. އިރުއިރުކޮޅާ ކިހިލީގައި އޮތް ފޮތް، އަނެއް ކިހިއްޔަށް ބަދަލުކޮށްލައެވެ. ބައެއް ފަހަރު ކިހިލީން ނަގައި އަތުން ހިފައެވެ. ގަޔާ ދިމާއަށް އަންނަ މީހުންނާއި މަގުގެ ދުވާރުގައި ހުއްޓި ތިބެ ސިނގިރޭޓު ބޯ މީހުން ޖައްވުގެ ތެރެއަށް ބުރުވައިލާ ދުމުން ސަލާމަތްވަމުން، ކުރިއަށް ދެއެވެ. ދިވެހީންނަށް އައިސްފައިވާ "ތަރައްޤީ"އާ މެދު "ފަޚުރުވެރިވަމުން"ނެވެ. ހިތުގެ ތެރޭގައި ހިނގާ އުދާސްތައް ބޭރުވިޔަ ނުދީ އޮބިއަޅައި ހިފަހައްޓައިގެންނެވެ.
ޢަޞުރު ނަމާދަށް ފަހު، ގަދައަށް ސައިފަތް އަޅައިގެން އިންޑިޔާގެ "ޗާއެ" ތަށްޓެއް ބޯލުމަކީ، އަހަންމަދައީގެ ކަށީގައި ހިފައިފައިވާ ކަމެކެވެ. އުމުރުގެ ބޮޑު ބައެއް އިންޑިޔާގެ އުތުރު ސަރަޙައްދުގައި ތަޢުލީމު ހޯދާން އުޅެފައިވާތީ ކަމަށް ވެސް ވެދާނެއެވެ. ހެންވޭރު ކާނިވާ ސަރަޙައްދަށް މިއަދު ވެސް އެ ދަނީ އެ ބޭނުމުގައެވެ. އަހަންމައިދީގެ ވާހަކަތަކާއި އާދަތައް ހުންނަ ގޮތުން އަހަންމައިދީއާއެކު ސަޔަށް އިންސާފުކުރާން އަންނަ އޭނާގެ މާ ގިނަ އެކުވެރިންނެއް ނުތިބެއެވެ. އެއް ފަހަރު އަންނަ މީހަކު ދެވަނަ ފަހަރަށް އައުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ވެއިޓަރާ ދިމާއަށް ވެސް ބުނާނީ ހިތު ހުރި އެއްޗެކެވެ. ނުވިތާކަށް، އަހަންމައިދީ ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެ ނަމަ، ތަނުގައި ސައިބޯން އިންނަ މީހަކާ ދިމާއަށް ވެސް، ހަޅޭއްލަވައި ގަންނާނެއެވެ. މިފަދަ އާދަތަކެއް އަހަންމައިދީގެ ހުއްޓަސް، އަހަންމައިދީއާއެކު ސަޔަށް އަންނަ އެންމެ ގާތް ރައްޓެއްސަކީ، އުމުރުން ފަންސާސް ފަހަކަށް ވުރެ މައްޗަށް ގޮސްފައިވާ ޝުކުރީއެވެ. އެއީ ވެސް އިންޑިޔާގެ އުމަރުއާބާދުގައި ނުވަ ވަރަކަށް އަހަރު ހޭދަކޮށްފައިވާ މީހެކެވެ. މި ދެމީހުންގެ އަމަލުތަކާއި ބަސްމަގާއި ލޯބިކުރާ ކަންތައްތައް ދާދި އެއް ގޮތެވެ.
ދެ މީހުންނަކީ ވެސް، އެކެއްގެ ޚިޔާލުތައް އަނެކަކާ ހިއްސާކޮށް، އެކެއްގެ އަތުގައި އޮންނަ ފޮތް އަނެކަކަށް ދީ އުޅޭ ދެ އެކުވެރިންނެވެ. ދެ މީހުން އެއްތަންވެއްޖެ ނަމަ ދައްކާނީ، ރާއްޖޭގައި ކަންތައްތައް ހުންނަ ގޮތުގެ ވާހަކައެވެ. ސިޔާސީ ވާހަކަތަކާއި ސިޔާސީ މީހުންގެ ހުންނަ ނުބައި އާދަތަކުގެ ވާހަކަތަކެވެ. ދީނީ ވާހަކަތަކާއި އިޖުތިމާޢީ މައްސަލަތަކުގެ ވާހަކައެވެ. ކިޔައިފައި ހުންނަ ފޮތްތަކުގެ މޮޅު ވާހަކައެވެ.
މިއަދަކީ ވެސް އަހަންމައިދީ އާއި ޝުކުރީ އެއްތަންވާ ދުވަހެކެވެ. ގަޑި ކިޔައިފައި އޮތީ، ހެންވޭރު ކާނިވާ ސަރައްދުގެ އާދައިގެ ކަޑައަކަށެވެ. އަހަންމައިދީ ބޭނުންވާ ޒާތުގެ ސަޔާއި ހެދިކާ ލިބޭ ތަނެކެވެ. ތަނުގައި މަސައްކަތްކުރާން މުޅިން ވެސް ތިބެނީ އިންޑިޔާ ނުވަތަ ބަންގާޅުގެ މަސައްކަތްތެރީންނެވެ. ނަމުގައި ދިވެއްސެއްގެ ސައި ހޮޓަލެކެވެ. ކަންކުރަނީ މުޅީން ވެސް ބޭރު މީހުންނެވެ. ހޮޓަލުގެ ވަތްގަނޑުން ފެށިގެން ބަދިގޭގެ އުދުނު ފުންޑަނާ ހަމައަށެވެ. ދިވެހިންނަށް "ބަލަދުއަރައިފައިވާ" ބިދޭސީންނެވެ. ދިވެހި ގޮނޑަށް ލައްވެފައިވާ މުހާޖިރުންނެވެ. އެކަމަކު ރާއްޖެއަކު މުހާޖިރުންނެއް ނުތިބެޔޯލައެވެ.
ކާނިވާ ސަރަހައްދުގެ އެއް ކަނެއްގައި ހުރި އާދައިގެ ކަޑައެއްގެ މޭޒުތައް ކައިރީ އަތުރައިފައި ހުރި، ގޮނޑިތަކުން ގޮނޑިއެއްގައި އަހަންމައިދީ އިށީނެވެ. އޭރު އަދި ޝުކުރީއެއް ނާދެއެވެ. ތަނުގައި މާ މީހުން ގިނަ ނޫނަސް ކޮންމެވެސް ވަރަކަށް ދިވެހީން ވެސް ތިއްބެވެ. ހަކަތައިގެ ބުއިންތަކުގެ ނަމުގައި އިސްލާމީ، މި ގައުމަށް އެތެރެކުރެވޭ "ހަލާލު" ބުއިންތަކަށް ދެވިހިފައިވާ ޒުވާނުންނެއް މިތާކު ނެތެވެ. ގޮޅިޖެހި ގަމީސްލައި، ބޮލަށް ހުޅިޖަހައިފައިވާ ޒަމާނީ ދިވެހީންނެއް ވެސް މިތާކު ނެތެވެ. ކަޓު ދެތިން ދިވެހީން ފިޔަވައި ގިނައިން ތިބީ ބިދޭސީންނެވެ. އެއީ، މަސައްކަތުގެ ގަޑީގައި ހަވީރު ސަޔަށް ލިބޭ ހުސް ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާން އައިސް ތިބި މަސައްކަތު މީހުންނެވެ. ކިލާވެ ތަތްތެޅިފައިވާ ހެދުމުން އެ ކަންކަން ހާމަކޮށްދެއެވެ. ކޮންމެ މީހެއްގެ ކުރިމަތީގައި ދެ ވައްތަރެއްގެ ދެ ހެދިކާއެއް އަޅައިފައި ހުރި ތަށްޓެއް ހުރެއެވެ. ސައިތަށްޓެއް ހުރީ މަދު ބައެއްގެ ކައިރީގައެވެ. ހަވީރު ސަޔަށް ލިބޭ ދިހަ ރުފިޔާއިން ވެސް ބައެއް ސަލާމަތްކުރަނީތާއެވެ!
"މުޝައްރަފޫ! އައިސްބަލަ މި ކޮޅަށް!" އަހަންމައިދީ ދަންނަ ވޭޓަރަކަށް ގޮވައިލިއެވެ.
"ކީކޭ ބޮސް! ޗާއޭ ގެންނަންވީތަ؟" ދަންނަ ރަހުމަތްތެރިއަކާ މުޚާޠަބުކުރާ ބީދައިން ބުނެލިއެވެ.
"އަލުއި ސަމޯސާ އެބަހުރިތަ؟" އަހަންމައިދީ އަހަލިއެވެ.
"އާނ! ހުންނަނީ ބޮސް! ވަރަށް ތާޒާކޮށް ހޫނުކޮށް ހުންނަނީ! ގެންނަންވީތަ؟"
"ގެންނާނީ އިރުކޮޅަކުން! ޝުކުރީ އައިމާ ގެންނާނީ! އަދި މަޑުކޮށްލާ!"
ވާހަކަ ނުނިމެނީސް އެ ތަނަށް އައިސް ހުއްޓުނީ ޝުކުރީއެވެ. ޝުކުރީގެ އަތުގައި ވެސް ފޮތެއް އޮތެވެ. އާދައިގެ ސައިޒެއްގެ ބޭރު ވާހަކަ ފޮތެކެވެ. ގޮޑި ދަމައިލައިފައި އަހަންމައިދީ ގާތުގައި އިށީނދެއްޖެއެވެ.
"އާނ ދެން ދޭ، ސަޔާއި ސަމޯސާ ހިފައިގެން އަންނަން! ޝުކުރީ، ކޮބާ ކިހިނެއް؟" އަހަންމައިދީ އަހައިލިއެވެ.
"މިއޮއް ކުރިއަށް ދަނީނު؟ އާ ބަޔަކު ވީމާ ހުންނަ އާ ކަން އެބަހުރި! އެހެންނޫން ހުރިހައި ކަމެއް ހަމަ ވަރަށް ބަރާބަރު!"
ޝުކުރީގެ ވާހަކައިގެ ސަމުގާގެ މިސްރާބު ބެހެއްޓީ ސިޔާސީ ކަނޑުއޮޅިއަށެވެ.
"އާ ވީމަ ހެޔޮ ދޯ ކޮންމެ ގޮތެއް ވެސް، މިނިވަންކަމެއް ޤައުމިއްޔަތެއް ނެތަސް! އަޚްލާޤިއްޔަތެއް ނެތެއްނު؟ ނިކަން ދެކެބަލަ، ޤާނޫނު ހަދާ މަޖިލީހުގެ ހާލު! ޑިގުރީގަނޑެއް އޮތީ ވެސް މަދު މީހެއްގެ އަތުގަ. މަގުމަތީގައި ތެޅިބޭލި މީހުން އެ ތިބީ މި ގައުމުގެ ރައްޔިތުން އުޅެންވީ ގޮތުގެ، ގޮތް ކިޔައިދީ ހަމަ ކަނޑައަޅަން. މީހަކު އަޅެ އަޖައިބެއް ނުވާނެތަ؟" އަހަންމައިދީގެ ހިތުގައި އަނދަމުން ދިޔަ އަލިފާންގަނޑަށް ހިކި ހޯލިކޮޅެއް ކޮއްޕާލީމާ އަނދައިގަންނާނީ ކިހައި ބާރަކަށް ހެއްޔެވެ؟
"އަބަދުވެސް އަހަންމައިދީގެ ހިތުގައި އޮންނާނީ ޝަކުވާ! ތަންކޮޅެއް ހެޔޮކޮށް ވިސްނީމާ ރަނގަޅުވާނެ!" ޝުކުރީ މަސައްކަތް ކުރީ އަހަންމައިދީގެ ހޫނުގަނޑު މަޑުކުރެވޭތޯއެވެ.
ވާހަކަ މިހައި ހިސާބަށް ދިޔަ ތަނާ، ސަމޯސާ ތަށްޓަކާއި ދެ ތަށި ޗާއޭ ގެނެސް ދެމީހުން ތިބި މޭޒުމަތީގައި ބަހައްޓައިފިއެވެ. ސައިތަށީގެ މައްޗަށް އަރައިފައިވާ ފޮނުގަނޑުން ބައެއް ވަނީ ވަތުތަށްޓަށް އެޅިފައެވެ.
"މި އޮތީ ކުރީ ހަފުތާގައި ގެންދިޔަ ފޮތް!" ޝުކުރީގެ އަތުގައި އޮތް ފޮތް އަހަންމައިދީއާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.
"މި ފަހަރު ހާދަ އަވަހަކަށް ތިޔަ ނިންމައިލީ. ކުރީ ފަހަރު ގެންދިޔަ ފޮތް ވެސް އަނބުރައި ދިނީ އެއް މަސް ފަހުންވިއްޔަ!" ފޮތުގައި ހިފައި މޭޒުމަތީ ބާއްވައިފައި، ވަތުތަށްޓަށް އެޅިފައި ހުރި ސައިފޮދު ބިންމައްޗަށް އުކައިލަމުން އަހަންމަދީ ބުންޏެވެ.
" މީ ގުލްޝަން ނަންދާގެ "ޕިޔާސާ ސާވަން" ވާހަކައެއްނު؟ އެންމެ ވަގުތުކޮޅެއް ވެސް ދުލެއް ނުކުރަން! ކިޔާ ހިތުން ކިޔައި ނިންމައިލެވިއްޖެ! އެހައި އަސަރު ގަދަ! ކޮން އިރަކު ގެނައި ފޮތެއް މީ؟" ފޮތް އަނބުރާ އަވަހަށް ގެނެސްދިން ސަބަބު ކިޔައިދިނުމަށްފަހު، ޝުކުރީ ކުރީ ސުވާލެކެވެ.
"އެންމެ ފަހުން ނިއުދިއްލީއަށް ދިޔަ ދަތުރުގައި ގެނައި ފޮތެއް. ޖުމަޢަ މަސްޖިދު ބަލައިލާން ގޮސް، އެތާ މަގުމަތީ ފޮތް ވިއްކާ މީހަކު ފެނިގެން ގަތް ފޮތެއް. ވަރަށް ގިނަ ފޮތް ގެނައިން. ބައެއް ކަހަލަ ދީނީ ފޮތްތައް ވެސް ގެނައިން. ވަރަށް އަގު ހެޔޮ! ފޮތްތަކުގެ ކަރުދާހާއި ޗާޕު ތަންކޮޅެއް ދެރަކޮށް ހުރީ. އެކަމަކު ކިޔައިލާކަށް މައްސަލައެއް ނުޖެހޭ!' ޝުކުރީގެ ޖަވާބަށް ތަފުސީލީ ޖަވާބެއް އަހަންމައިދީ ދިނެވެ.
"މި ކަހަލަ ލޯބީގެ ވާހަކަތައް ލިޔާން ގުލްޝަން ނަންދާ ވަރެއް ނޯންނާނެ! މި ވާހަކައިގައި ވެސް އަހަރެން ހަމަ ހިތަށް ވެސް ނާރާ ގޮތަކަށް އަންހެން ކުއްޖާއާ ކަންތައްތައް ކުރިމަތި ވީ! އަޅެ ކީކޭ އަހަންމައިދީ ބުނަނީ؟"
"އަސަރު ގަދަ ވާހަކަތައް ލިޔަން ގުލްޝަން ނަންދާއަކީ ހަމަ އެއްވަނަ އެއްނު! މަ ވެސް ތިޔަ ވާހަކަ ކިޔާން ފަށައިފައި ފޮތުން އަތް ވެސް ދޫކޮށެއް ނުލެވުނު! އެ ފެށި ގޮތަށް ނިންމައިލީ! އެހެރަ ސިފަކުރުންތަކެއް ދޯ؟ ކިޔާއިރު ހީވަނީ ފަރުބަދަ މަތީ ހުރެވޭ ހެން." ވާހަކައިގެ މޮޅުކަމުގެ ތެރެއަށް ބައެއް އިތުރުކޮށްލިއެވެ.
"އަންހެން ކުއްޖާގެ ޖިސްމާނީ ސިފަތައް ކިޔައިދެމުން ދިޔަ އިރު ގެންގުޅެފައި އެހެރަ ފަށުއި އިބާރާތްތަކެއް ދޯ؟ ހާދަހާވާއޭ ޗާލީ! އެއްފަދަކުރުމާއި މިސާލުޖެހުން ވެސް ހީވަނީ އެހެން ކަމެއްހެން. އެ މަންޖެ ހަމަލޮލަށް ފެނުނު ފަދަ! ހަށިގަނޑުގެ ވަނާތައް ވެސް ފޮތުގެ ގަނޑުތެރެއިން އުފުލި އަރައިފައި ހުންނަ ތަން ލޮލަށް ފެނޭ!" ޝުކުރީގެ ވާހަކައިގެ ރާގުގައި ވެސް ހުރީ އަސަރެވެ.
"އައްދެ އައްދޭ! މިހާރު ތިޔަ ދަނީ މާ މައްޗަށް. ހާދަ ވަރެކޭ ޝުކުރީއަށް ތިޔަ ވަނީ! އުމުރުގެ މިހައި ހިސާބަށް ދިޔައިމަ ތިޔަހެން ނޫޅެ ބަލަ! ޝުކުރީއަށް ކޮންމެ ފޮތަކުން ވެސް އަންހެން ކުއްޖާ ހަމަ ތިޔަ ވަރަށް ސިފަވޭ! ތިޔަ ނޫން ކުއްޖެއް ނޫޅޭ ވާހަކައެއްގައި! މި ވާހަކައިގައި އުޅޭ އަންހެން ކުއްޖާގެ އެތެރެފުށުގެ ސިފަތަކާ މެދު އެންމެ ފަހަރަކު ވެސް ވިސްނައިލީމުތަ؟ އިންސާނެއްގެ ކިބައިގައި ހުންނާންޖެހޭ އިންސާނިއްޔަތުކަމުގެ ސިފަތައް ކިހައި ރީތިތަ ގެނެސްދީފައި ހުރި ގޮތް. އަހަރެންނަށް މި ވާހަކައިން އެންމެ ކަމުދިޔައީ އެބައި" ވާހަކަޔާ އެއްވަރަށް ސަޔާއި ސަމޯސާއަށް ވެސް ދިޔައީ އިންސާފު ކުރެވެމުންނެވެ. މޭޒު މައްޗަށް ގެނައި ދެ ސަމޯސާ ހުސްވެއްޖެއެވެ.
"ތިޔަ ނޫން ވާހަކައެއް ނޫނޭ! ތިޔަ ކަމާ ވެސް އެއްބަސް ވަމޭ! އަންހެން ކުއްޖާއަށް އެ ވަރަށް އަނިޔާ ނުކުރި ނަމައޭ އަހަރެން ހިތަށް އެރި. ހިތްބަލި އަންހެންވެރިން ރޮއިރޮއި ހަލާކުވާނެ! ކީކޭ އަހަންމައިދީ ބުނަނީ؟" ވާހަކަ ރީތިވިލެއް ބޮޑުކަމުން ވާހަކައިގެ މޮޅު ވާހަކަ ފަށަފަށައިގެން ޝުކުރީއަށް ދެއްކެނީއެވެ.
"އަސްލު ވާހަކަ، ވާހަކައަކަށް ވީ، އެ އަންހެން ކުއްޖާއަށް އަނިޔާތަކާ ކުރިމަތިލާން ޖެހުނީމަ! އެހެންނޫން ނަމަ ތިޔަ ނުވީސް ވާހަކައަކަށް ވެސް!" އަހަންމައިދީގެ ފަހުގެ ނިޔާ އިއްވިއެވެ.
"މިއަދު ތިޔަ ގެނައި ފޮތް ދީބަލަ! ކިޔައިލާން." އަހަންމައިދީ ގެނައި ފޮތަށް އިޝާރާތްކޮށް ބުނެލިއެވެ.
"މިއީ އިންޑިޔާގެ ޢިލްމުވެރިޔަކު، އިސްލާމް ދީނުގައި ތުބުޅި ދިގުކުރުމާ ބެހޭ ގޮތުން ލިޔެފައި އޮތް ފޮތެއް. އަން މިއޮތީ ގެންދޭ ކިޔައިލާން." ޝުކުރީއަށް ފޮތް ދިއްކޮށްލިއެވެ. އައްދޭ މި ފޮތެއް ހިޔެއް ނުވޭ އެއް ހަފުތާއިން ނިންމާލެވިދާނެ ހެނެއް." ފޮތުގައި ހިފައި ބޭރުގަނޑަށް ބަލައިލައިފައި ބުނެލިއެވެ. "އެންމެ ރަނގަޅޭ އެހައި އަވަހަށް ނުގެނަޔަސް. އަހަރެން ކިޔައި ނިންމައިފިން. އޭ ޝުކުރީ!، ތި ފޮތުގައި އެބަހުރި .... " އަހަންމައިދީގެ ވާހަކަ ހުއްޓުވީ ޝުކުރީއެވެ.
"ހޫނ ... ފޮތުގައި ހުރި ވާހަކަތައް މަށަށް ކިޔައި ނުދީ! އޭރުން މަ ތިޔަ ފޮތް ކިޔުމުގެ ބޭނުމެއް ނެތުއްނު؟" ޝުކުރީ ބުނެލިއެވެ. އަހަންމައިދީއާ ޝުކުރީއާ ދެ މީހުން ވާހަކައިގައި ތިއްބައި މަޣުރިބު ނަމާދަށް ބަންގި ގޮވާން ފަށައިފިއެވެ. ޝުކުރީގެ ޖީބުން ބިލު އަދާ ކޮށްފައި ދެ މީހުން ތެދުވެ ހިނގައިގަތީ، މާދަމާ ވެސް އެ ތަނަށް އަންނާން ނިންމައިގެންނެވެ. ދެ މީހުން ވެސް ދާނީ މިސްކިތަށް ކަމަށް ބުނެ، ދެ މީހުން ދެ ދިމާއަށް ހިނގައިގެންފިއެވެ. ކޮންމެ މީހެއްގެ އަތުގައި ވެސް ފޮތެއް އޮތެވެ. ކުރިން އަހަންމައިދީގެ އަތުގައި އޮތް ފޮތް މިހާރު އޮތީ ޝުކުރީގެ ކިހިލީގައެވެ. ޝުކުރީ ގެނައި ފޮތް އޮތީ އަހަންމައިދީގެ އަތުގައެވެ.
ސިޔާސީ ޗެނަލެއް އަޅުވައިގެން ޓީވީ. ބަލާން އިނދެފައި، ނިންޖަން ބަލިވާހެން ހީވާން ފެށީމާ، އަހަންމައިދީ ވަނީ ކޮޓަރިއަށެވެ. ކޮންމެ ރެއަކު ވެސް އެނދުގައި ނިދަން އޮށޯންނާނީ، ކޮންމެވެސް ފޮތެއް ހިފައިގެންނެވެ. ބޯދަށަށް ބާލީސް ހެޔޮވަރުކޮށްލުމަށް ފަހު، ޝުކުރީ އަނބުރައި ގެނެސްދިން ގުލްޝަން ނަންދާގެ ވާހަކަ "ޕިޔާސާ ސާވަން" ފޮތް ނަގައިފިއެވެ. ގަނޑުތައް އުކައިލުމަށް ޓަކައި، ބޮޑުވައި އިނގިލި، ފޮތުގެ ގަނޑުތައް ހުޅުވޭ ފަރާތުގައި ހާކައިލިއެވެ. އެއް ފަހަރާ މާ ގިނަ ގަނޑުތައް އުކެމުންދާހެން ހީވެގެން ތަންކޮޅެއް ފަރުވާ ބަހައްޓައިގެން އަނެއްކާ ވެސް އެކަން ތަކުރާރު ކޮށްލިއެވެ. ބަދަލެއް ނައެވެ. ފުންމައިގެން ތެދުވެއްޖެއެވެ. ބޮޑުވައި އިނގިއްޔާއި ޝަހާދަ އިނގިލީގައި ހެޔޮވަރު ވަރަކަށް ދޫކާއްތާލައި ކުޅުލައިފައި ގަނޑުތައް އުކަން މަސައްކަތް ކުރިއެވެ. ކާމިޔާބެއް ނުވިއެވެ. ކާމިޔާބު ވާނީ ކިހިނެއް ހެއްޔެވެ! ދެ ގަނޑުން ދެ ގަނޑުން، އެއްގަނޑަށް ވުރެ ގިނަ ގަނޑުތައް ހުރީ، ފޮތުގެ ހުޅުވޭ ފަރާތުން ވަކިނުވެއެވެ. ނުކެފިއެވެ. ފޮތް ޗާޕުކުރި ފަރާތުން ފޮތް ކެފި އިރު ކޮންމެވެސް ގޮތަކުން ފޮތް ކަފާ މެޝިންނަށް ނުކެފި ހުރީއެވެ.
އަހަންމައިދީ ހިތަށް އެރިއެވެ. ޗާޕުކުރާ މީހުން ވެސް ތަންކޮޅެއް ފަރުވާ ބަހައްޓައިގެން ފޮތުގެ ކައިރި ކަފާން ވެއްޖެތާއެވެ. އެހެންނޫނީ ފޮތް ކިޔާނީ ވެސް ކިހިނެއް ހެއްޔެވެ؟ އަލުންބަލުން މަށަށް މި ޖެހުނީ ޗާޕުޚާނާއިން ކުރާންޖެހޭ މަސައްކަތް ކުރަންތާއެވެ. އަޅެ މަ ނޫނަކަސް، ޝުކުރީ ވެސް މި ފޮތް ކިޔައިފައި އޮތް ނަމަ މި ގޮތަކަށް މި ފޮތެއް ނޯންނާނެތާއެވެ. އޭނާ ވެސް މަށެކޭ އެއްގޮތަށް ފޮތް ނުކިޔަނީތާއެވެ. ވަޅިއެއް ހިފައިގެން އައިސް ކޮންމެ ދެ ގަނޑެއްގެ ދެމެދަށް ވަޅި ލައްވައި، ފޮތުގައި ނުކެފި ހުރި ހުރިހައި ގަނޑުތަކެއް ކަފައި، ގަނޑުތައް ހުޅުވޭ ގޮތް ހަދައިފިއެވެ.
ބާލީސް ހެޔޮވަރު ކޮށްލައިފައި ފޮތް ހިފައިގެން ދެ ފައި ދަމައިލައިފައި އޮށޯވެއްޖެއެވެ. ގުލްޝަން ނަންދާގެ ހިތްގައިމު އަސަރުގަދަ ސިފަކުރުންތަކަށް ގެއްލި ހުސްވުމުގެ ކުރިން، މިރޭ ވެސް އަހަންމައިދީގެ ލޮލަށް ވެރިވީ ނިދީގެ އަސަރެވެ. އޭރު، ޝުކުރީ ވެސް އުޅުއްވަނީ ހުވަފެނެއްގައެވެ. ތުބުޅި ދިގުކުރުމާމެދު ޝުކުރީގެ ހިތުގައި ހުރި ނުތަނަވަސްކަން، އެހެންމީހުންނާ ހިއްސާކުރުމުގައެވެ. ދެ މީހުންގެ މޭ މަތީގައި ވެސް ލެއްޕިފައި އޮތް ފޮތެއް އޮތެވެ. އެކެއްގެ މޭމަތީގައި ގުލްޝަން ނަންދާގެ "ޕިޔާސާ ސާވަން" އެވެ. އެނެކަކުގެ މޭ މަތީގައި މައުލާނާ މުޚުތާރު އަޙްމަދު ނަދުވީގެ "ދާޅީ ކޭ މަސާއިލް" އެވެ.
ނިމުނީ
ނޯޓު:
މިއީ 2018 އަހަރު، ވިލާ ކޮލެޖުގައި ހިންގި ދިވެހިބަސް ކިޔަވައިދިނުމުގެ މާސްޓާސް ކޯހުގައި އަޅުގަނޑު ކިޔަވައިދިން އަދަބިއްޔާތު މޮޑިއުލްގެ ތެރެއިން ވާހަކައިގެ ގަޑީގައި ނަގުދުކުރުމަށް ދަރިވަރުންގެ ފަހު އިމްތިހާނުގައި ހިމެނި ވާހަކައެކެވެ. މީހަކު ލިޔެފައިވާ ވާހަކައެއް ނަގުދުކުރުމަށް ހިއްސާކުރުމަކީ އެންމެ ހެޔޮ ގޮތްކަމަށް ނުދެކޭތީ، އަމިއްލައަށް ކުރު ވާހަކައެއް ލިޔެވޭތޯ ބެލީއެވެ. މިއީ އޭގެ ނަތީޖާއެވެ. މި ދެންނެވި ކޯހުގެ ދަރިވަރަކު އަޅުގަނޑަށް ގުޅައިފައި އެ ވާހަކަވެސް މި ކޮލަމުގައި ހިއްސާކޮށްލަންވީ ނޫންހޭ ބުނީމާ، އެއީ ރަނގަޅުކަމެއް ކަމަށް ވިސްނި އެކަން ކޮށްލީއެވެ. މި ވާހަކަ އަޅުގަނޑު ލިޔުނީ، 29 ޖުލައި 2019ގައެވެ.