ރައްޓެހިންނާ އެކު ދަތުރުގޮސް އުޅެނިކޮން ގެއްލުނު މ. އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ގެއްލިގެން މިދިޔަ މަހު 12 ވަނަ ދުވަހު އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮން ގެއްލުނު ތަސްލީމު ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތްކުރާތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އޭނާގެ ހިލަމެއް ވެސް ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެ ފަހުން ފުލުހުން މިދިޔަ މަހު ވަނީ އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދޭނެ ކަމަށް ބުނެފައެވެ. އޭގެ ފަހުން، ގިނަ ދުވަސްތަކެއް ވީއިރު އިންޓަޕޯލްގެ ރަސްމީ ވެބްސައިޓުގައި އެ ނޯޓިސް ފެންނަން ނެތުމުން ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ނޯޓިސްއަކީ ގެއްލިގެން ހޯދާ މީހުންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން ނެރެވޭ ނޯޓިސްއެކެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، ތަސްލީމު ހޯދަން އިންޓަޕޯލްއިން ޔެލޯ ނޯޓިސް މިދިޔަ މަހު 12 ވަނަ ދުވަހު ޕަބްލިޝްކޮށްފައިވާ ކަމަށެވެ.
އިންޓަޕޯލް ނޯޓިސްއަކީ ހުރިހާ މެންބަރު ގައުމުތަކަށް ވެސް ފެންނަ ގޮތަށް ޕަބްލިޝްކުރާ ނޯޓިހެއްކަން ފާހަގަކޮށް، ފުލުހުން ބުނީ، ބައެއް ނޯޓިސްތަކަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލްގެ ވެބްސައިޓުގައި ޕަބްލިޝްކުރާ ނޯޓިހެއް ނޫން ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މާލެއިން ދަތުރު ފުރީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާ އެކު މިދިޔަ އޮގަސްޓް މަހު 29 ވަނަ ދުވަހުގެ 17:00 އާއި 17:30 އާ ދެމެދުގެ ވަގުތެއްގައެވެ.
ތަސްލީމް ދަތުރުގައި ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރައްޓެހިކަމުގައި، އޭގެ ތެރެއިން ބައެއްގެ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ މަސައްކަތްތަކެއްކުރާށެވެ.
އެ މީހުން ފަސްގަނޑަށް ދިޔައިރު އިތުރު ބަޔަކު ވެސް އެ ތަނުގައި ތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދޭތެރޭގައެވެ. އެގޮތުން، އޭނާ މާލެ ދާން ބޭނުންވާ ކަމަށް ބުނުމުން، އެ ދުވަހު 10:00 އާއި 11:00 އާ ދެމެދު މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ، އެ މީހުން އޭނާގެ އާއިލާއަށް ވެސް ގުޅި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.