ތޫނު ހަތިޔާރުން ބިރު ދައްކައި ބިދޭސީންގެ އަތުން ފޭރުމުގެ ތުހުމަތުގައި ދެ މީހަކު ބަންދުކޮށްފި

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިދޭސީންނަށް ބިރުދައްކައި، އެމީހުން އަތުން ފޭރުނު ދެ މީހަކު 15 ދުވަހަށް މިއަދު ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ސ. ހިތަދޫ، ޑިލައިޓްފޭސް، އުމުރުން 36 އަހަރުގެ މުޙައްމަދު ސާލިމާއި، ސ. ހިތަދޫ އަތިރީއާގެ، އުމުރުން 37 އަހަރުގެ އަޙުމަދު ސިވާތުގެ މައްޗަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ މި ދެ މީހުން ބައިވެރިވެގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިދޭސީންނަށް ބިރުދައްކައި، ފޭރުނު ކަމަށް ބެލެވޭ ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަކަށް ހެއްކާއި ގަރީނާ ހުށަހެޅިފައިވާ ކަމަށެވެ.

އެ ގޮތުން ހާދިސާގެ ރިޕޯޓާއި، އަނިޔާ ލިބުނު ފަރާތުގެ ބަޔާނުގެ އިތުރުން، ތުހުމަތު ކުރެވޭ ފަރާތްތައް އައިޑެންޓިފައިކޮށްފައިވާ ފޮޓޯ ސެޓާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ.

މި ދެ މީހުން ބަންދު ކުރުމަށް އަމުރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ.

https://sun.mv/197554

ބިދޭސީންނަށް ބިރު ދައްކައިގެން ފޭރުނު މައްސަލައެއްގައި ދެ މީހަކު ބަންދުކޮށްފައިވާއިރު، އުމުރުން ދުވަސްވީ މީހުންނަށް އޮޅުވާލައިގެން އެ މީހުން ފޭރުމުގެ މައްސަލަތައް ގިނެވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެން ކަމުން، މި ކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިސްތިމާސްކުރިއެވެ.

comment ކޮމެންޓް