ކެފޭ އުސޫލުން ޑުރަގު ވިޔަފާރިކުރި 14 ތަނެއް ބަންދުކޮށްފި، އަދިވެސް 6 ތަން ހިންގާ

ކެފޭ އުސޫލުން ހިންގި ޑުރަގު އައްޑައެއް: އެ ތަން ވަނީ ބަންދުކޮށްފައި -- ފޮޓޯ/ ފުލުހުން

ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި 14 ތަނެއް ފުލުހުން މި އަހަރު ބަންދުކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، އަޙުމަދު ނާއިފް ވިދާޅުވީ، މި އަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރި 14 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ.

މި ވަގުތު ވެސް މާލޭގައި އެ ފަދަ ހަ ތަނެއް ހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތަންތަން ބަންދުކުރަން ގޮންޖެހުންތަކެއް ހުރިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ނާއިފް ވިދާޅުވި ގޮތުގައި މާލެއިން އެ ފަދަ 60 އަށްވުރެ ގިނަ ތަނެއް ވަނީ ފާހަގަކުރެވިފައެވެ.

ބަންދުކުރި އައްޑާތަކުގެ ތެރޭގައި ހިމެނެނީ:

  • ހ. ކޯލީފްލާވާ
  • ހ. އެމިނިޓީ
  • ގ. ޑްރޫޕް
  • މ. މާމުޓާ
  • މ. ފެންނިރު
  • ގ. ހިލާލް
  • ގ. ފްރެސްލައިޓް
  • އެސްޓީއޯ އަޙުމަދީ ބިލްޑިން
  • މ. ނަފީސާ މަންޒިލް
  • ގ. ސެންޓުގެއާގެ
  • މ. ރޯޝަނީމަންޒިލް
  • މ. ރޫބީ
  • މ. ތަންތާރަ
  • މ. އޯކިޑުހައުސް ހުޅަނގުބައި

އޭނާ ވިދާޅުވި ގޮތުގައި އެ ތަންތަން ބަންދުކުރަން ދިމާވާ ގޮންޖެހުންތަކަކީ:

  • ގޭގެ ބެހެނިވެރިން އިތުރުވުން
  • އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުން
  • ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަންޖެހޭ މީހާ ދެނެގަތުމުގައި ހުރި ދަތިތައް
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތް ގޮތް

އެހެންވެ، އެ މައްސަލަތައް ހައްލުކުރަން ގާނޫނަށް އިސްލާހެއް ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި، މި ފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި، ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.

މީގެ އިތުރުން، އޭނާ ވަނީ މި މައްސަލަތައް ހައްލުކުރަން އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެ ގޮތުން، އާއިލީ މީހަކު ނަމަވެސް އޭނާ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައި އެފަދަ ތަންތަން ހިންގުމުގެ ފުރުސަތު ނުދިނުމާއި، ގެތައް ކުއްޔަށްދޭއިރު ސަމާލުވުމަށް ވަނީ އެދިފައެވެ. އަދި، ކުއްޔަށް ދީފައިވާ ތަންތަނުގައި މިފަދަ ޢަމަލެއް ހިންގާކަން ފާހަގަވާނަމަ، ވަގުތުން އެކަން ހުއްޓުވުމަކީ ޤާނޫނުތަކުން އެތަނުގެ ވެރިފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް