ދޮށީ އުމުރު މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް އިތުރު ވެއްޖެ: ފުލުހުން

ދޮށީ އުމުރު މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވެފައިވާތީ، ފުލުހުން ވަނީ އެ ކަމަށް ސަމާލުވާން އެދިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާ ކަމަށެވެ.

އެހެން ކަމުން ފުލުހުން ވަނީ މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް އާންމު ރައްޔިތުންނަށް، އަދި ވަކީން ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް، އިލްތިމާސް ކޮށްފައެވެ.

ފުލުހުން ބުނީ މިފަދަ ކަމެއް ދިމާވެއްޖެ ނަމަ، ނުވަތަ އެ ފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެ ނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓްކުރެއްވުމަށެވެ.

އެކި ގޮތްގޮތުން މަކަރާއި ހީލަތް ހަދައިގެން ފޭރުމުގެ މައްސަލަތައް މީގެ ކުރިން ވަނީ ސޯޝަލް މީޑިއާއަށް ފެންމަތިވެފައެވެ. އެގޮތުން އެހީ ހޯދުމުގެ ނަމުގައި މީހުން އެޕާޓްމަންޓަށް ވައްދާ ފޭރުމުގެ މައްސަލަ ވެސް ފެންމަތިވިއެވެ.

comment ކޮމެންޓް