އިމިގްރޭޝަން ކޮރަޕްޝަން: ފައިސާތައް ހޯދީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީއެއް ހައްޔަރުކޮށްގެން

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުން -- ފޮޓޯ/ ފުލުހުން

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި، ބިދޭސީއެއްގެ އަތުން ފައިސާ ހޯދީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް ހައްޔަރުކުރުމަށް ފަހު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަންގެ މުވައްޒަފުން މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ޚިލާފަށްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ޝައްމާނަށް އެނގިފައި އޮތްކަން ވެސް ތަހުގީގުން ހާމަވި ކަމަށް ފުލުހުން ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން، އެ އޮޕަރޭޝަން ހިންގި ތަނަށް އެންމެ ފުރަތަމަ ދިޔައި އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ވަޒީފާގެ މަސްއޫލިއްޔަތު ނެތް ތިން މުވައްޒަފުންނެވެ. އެ އޮޕަރޭޝަނުގައި ހަތް ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި، ވަޒީފާގެ އެ މަސްއޫލިއްޔަތު ނެތް އިމިގްރޭޝަންގެ ތިން މުވައްޒަފުން، އެ ގެ ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ފަހުން އެރޭ އެފަދަ އޮޕަރޭޝަންތަކަށް ޚާއްސަކޮށްފައިވާ އިމގްރޭޝަންގެ ޓީމެއް ގެނެސް، އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރުކުރި ބިދޭސީންގެ ތަކެތި ސީލްކޮށް، އެ މީހުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތް ބިދޭސީ މަސައްކަތްތެރިންނަކީ ލިޔެކިޔުންތައް ގަވައިދާ އެއްގޮތަށް ހުރި ބިދޭސީންކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެ މީހާގެ އަތުން ފެނުނު މީހަކު، މި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު މ. ސްޓާ ކްލައުޑުގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ގެންދިޔަ ކަމަށެވެ.

"އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުން ދޫކޮށްލީ ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އިރުޝާދުގެ ދަށުން، އެކަން 'އާޖެންޓް' ކަމެއްގެ ގޮތުގައި އަމަލުކުުރުމަށް އަންގައިގެންކަން ތަހުގީގަށް އެނގިފައިވެއެވެ." ބަޔާނުގައިވެއެވެ.

އޭގެ އިތުރުން، ދޫކޮށްލި ބިދޭސީ މީހާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހަކީ ދިވެއްސެއް ކަމަށާއި އެއީ އެ މައްްސަލައާ ގުޅިގެން ހައްޔަރުކުރި އިމިގްރޭޝަން މުވައްޒަފެއްގެ އާއިލާގެ މެންބަރެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބިދޭސީ މީހާ ހައްޔަރުކުރިއިރު، އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ، އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ވެސް ތަހުގީގަށް އެނގުނު ކަމަށް ފުލުހުން ބުންޏެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން: ފުލުހުންވަނީ، ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް ހިފެހެއްޓި ކަމަށް ބުނެފައި -- ފޮޓޯ/ އިމިގްރޭޝަން

ފުލުހުން ބުނީ ބިދޭސީ މީހާ ދޫކޮށްލުމުގެ މަސައްކަތްތައް ކުރަމުންދިޔައިރު، ވަޒީފާގެ މަސްއޫލިއްޔަތު ނެތޮ ބަލައި ފާސްކުރުން ކުރިއަށް ގެންދިޔަ އިމިގްރޭޝަން މުވައްޒަފުން މ. ސްޓާ ކްލައުޑް ސަރަހައްދުގައި ތިބި ކަމަށެވެ. އަދި ބިދޭސީ މީހާ ދޫކޮށްލުމަށް އޭނާ ފުރަތަމަ ދިޔައީ އޭނާއާ ސްޕޮންސަރުގެ ގޮތުން ހަވާލުވި މީހާއާއެކު ސައިކަލެއްގައި ކަމަށާއި ނަމަވެސް ޝަހީދު އަލީ ހިނގުމުން، އިމިގްރޭޝަން މުވައްޒަފަކާއެކު އޭނާ އިމިގްރޭޝަންގެ ވެހިކަލަކަށް އެރި ކަމަށް ފުލުހުން ބުންޏެވެ. އެ މުވައްޒަފު މިހާރު ހައްޔަރުކޮށްފައިވާކަން ފުލުހުން ފާހަގަކުރިއެވެ.

"މި ވެހިކަލް މާލޭގެ އެކި ސަރަހައްދުތަކުގައި ދުއްވާފައިވާކަން ފާހަގަކުރެވޭއިރު، ތަހުގީގުން ގަބޫލުކުރާ ގޮތުގައި 'ވަކި ކަންތައްތަކެއް ނިންމުމަށްފަހު' ބިދޭސީ މީހާ އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަހައްދަށް ގެންގޮސްފައިވެއެވެ." ބަޔާނުގައިވެއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު މ. ސްޓާ ކްލައުޑް ކައިރިން ކާރުން ފޭބުމަށްފަހު، ފުލުހުން ހައްޔަރުކޮށްފައިވާ އިތުރު އިމިގްރޭޝަން މުވައްޒަފަކު ވެލާނާ ބިލްޑިންގް ކައިރިން ވެހިކަލުން ފައިބައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ކުޑައިރުކޮޅެއްފަހުން މ. ސްޓާ ކްލައުޑް ކައިރިއަށް ފޭބި އިމިގްރޭޝަން މުވައްޒަފު ސައިކަލެއްގައި ވެލާނާ ބިލްޑިންގް ކައިރިއަށް ގޮސް، އިމިގްރޭޝަންގެ ވެހިކަލުން ފައިސާ އެޅި ކޮތަޅު ނަގައި، ޝަމްއާންގެ ގެއަށް ދިޔަ ކަމަށް ފުލުހުން ހާމަކުރިއެވެ.

"ސީސީޓީވީ ފުޓެޖުން ފެންނަ ގޮތުގައި ގެއަށް ވަންނައިރު ކޮތަޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، ނުކުންނައިރު ކޮތަޅު މުށުތެރޭގައި ބޮނޑިކޮށްލާފައި އޮންނަކަން ފާހަގަކުރެވެއެވެ." ބަޔާނުގައިވެއެވެ.

އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ސީސީޓީވީ ފުޓެޖު އެއްކޮށް، ގިނަ ބަޔަކާ ސުވާލުކޮށް، މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ނަގައިފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ޝަމްއާންގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާއާޢި 10،000 ޑޮލަރާއި އެހެނިގެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/204027

އެ މައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި އެ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ޝަމްއާން ހައްޔަރުކޮށްފައިވާއިރު، އޭގެ ކުރީ ދުވަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފައިވާއިރު، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

https://sun.mv/204160

comment ކޮމެންޓް