ޚިޔާނާތްތެރިޔާ މިވީ ވަފާތެރިއަކަށް؟

މާލޭގައި 2018 ވަނަ އަހަރު ބޭއްވި އެއްވުމެއްގައި ބަޔަކު ދިވެހި ދިދަ ހިފައިގެން -- ފޮޓޯ / އޭޝިއާޓައިމްސް.ކޮމް

އަހުރެމެން ދެކެމުން މިދަނީ އަޖައިބެއްފަދަ ޒަމާނެކެވެ. ހަގީގީ ޢިއްޒަތްތެރިކަމެއް ލިބުން އެކަށީގެންނުވާ، އަގެއްނެތް މީހާ ޢިއްޒަތްތެރިއަކަށްވެގެން އުޅެއެވެ. ޚިޔާނާތްތެރިޔާ ނިކުމެ ވަފާތެރިކަމުގެ ވާހަކަ ދައްކައެވެ. ދޫނުބައި ދޮގުވެރި މުނާފިގުކަލޭގެ، ތެދުވެރިކަމުގެ މުހިއްމުކަމާމެދު ވަކާލާތުކުރެއެވެ.

މަތީގައި އެވަނީ ޙިކުމަތްތެރިއަކު ބުނެފައިވާ ބަސްކޮޅެއްގައި އެކުލެވޭ މާނައެވެ. މިއީ އަހުރެމެންގެ ރާއްޖެ ދެކެމުންދާ މި ޒަމާނާވެސް ވަރަށް ބޮޑަށް ގުޅޭ ވާހަކަކޮޅެއްކަމުގައި ބުނެވިދާނެއެވެ.

މުޖުތަމައުގައި ހަގީގީ ޢިއްޒަތްތެރިކަމެއް ލިބިގެން ނުވާ މީހާއަކީ ހެޔޮ ޢަމަލުތައް ކުރުމާ ދުރުހެލިވެފައިވާ މީހާއެވެ. އަދި ނަމާދުކުރުމާއި ރޯދަ ހިފުންފަދަ އަޅުކަންތައް އަދާކުރިޔަސް އެ އަޅުކަންތަކާ އެއްގޮތަށް އަމިއްލައަށް ނަފުސު އިސްލާހު ނުކޮށް، ވިޔާނުދާ އުޅުން އުޅޭ މީހުންނަކީވެސް ހަގީގީ މާނައިގައި ޢިއްޒަތްތެރިކަމެއް އޮންނާނެބައެއްނޫނެވެ. އެހެނީ ﷲ ގެ ޙަޟުރަތުގައި ޢިއްޒަތްތެރިކަމެއްނެތް ބަޔަކީ މުޖުތަމައުގައިވެސް ޢިއްޒަތެއް އޮންނާންޖެހޭނެ ބައެއްނޫނެވެ (ފާޠިރު: 10).

ޢިއްޒަތާއި ގަދަރު ލިބޭފަދަ ތަޢުލީމާއި މަގާމު ލިބިފައިވިޔަސް، ދީނީ-އިޖުތިމާއީ އަގުތައްކަމަށްވާ؛ ޢަދުލުވެރިކަމާއި، ރަޙުމުކުރުމާއި، އުޚުއްވަތްތެރިކަމާއި، އިޙުތިރާމުކުރުމާއި، ލަދުވެތިކަމާއި، އަމާނާތްތެރިކަމާއި، ތެދުވެރިކަމާއި، މާފުކުރުމާއި، ކެތްތެރިކަންފަދަ ރީތި އަގުތަކަށް ޢަމަލު ނުކުރާ މީހުންނަކީވެސް މުޖުތަމައުގައި ގަދަރެއް ލިބިގެންވާ ބަޔަކަށް ނުވާނެއެވެ.

ގަދަރު ލިބިގެންވާ ބައެއްގެގޮތުގައި މުޖުތަމައު ބަލައިގަތުން ދުރު އަނެއް ބަޔަކީ ދިވެހި-އިސްލާމީ ސަގާފަތާ ބީރައްޓެހި ފަރަންޖީ ސިފަތައް ޖައްސައި، އެގޮތްތައް މޮޅުކަމަށް ދެކިގެން އުޅޭ މީހުންނެވެ. އާދަޔާ ޚިލާފު ގޮތްގޮތަށް ބޮލުގެ އިސްތަށިގަނޑު ހަދައި، އަންހެނުންހެން ހަށިގަނޑުގައި ގަހަނާ އަޅައިގެން އުޅޭ ފިރިހެނުންނާއި، އައުރަ ނިވައިނުވާހެން ހެދުން އަޅައިގެން މީހުންގެތެރޭގައާއި މީސްމީޑިއާގެ މަންސަތަކުގައި އުޅޭ މީހުންނަކީ މީގެ މިސާލުތަކެވެ. ހަމަމިއާއެކު ގަސްތުގައި އަންހެން ދުޅާވެގެން އުޅޭ ފިރިހެނުންނާއި ހަޑި ހުތުރު ބަހުން ވާހަކަދައްކައި ދެޖިންސުގެ މީހުންނަކީވެސް މި ގިންތީގެތެރޭގައި ހިމެނޭ ބައެކެވެ.

އެބައިމީހުންނަށް ހީވެފައި އޮންނަގޮތާ ޚިލާފަށް، ގިނަމީހުންގެ މެދުގައި އެމީހުން މަޝްހޫރުވާނީ އަޚުލާގެއްނެތް ގޯސް ބައެއްގެގޮތުގައެވެ. މިފަދަ މީހުންނަކީ މުޖުތަމައުގެ ހަގީގީ ލޯތްބާއި ގަދަރު ލިބޭނެ ބައެއްނޫނެވެ. އެހެނީ އެއީ - އަދިވެސް - ގިނަ ދިވެހީން ގަބޫލުކުރާ އަޚުލާގީ މިންގަނޑުން ބޭރުވެފައިވާ ބައެކެވެ.

ތިމަންނާމެންނަކީ މީހުން ވަރަށް ގަދަރުކުރާ ބައެކޭ ހީކުރިޔަސް، ފަހަކަށް އައިސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ގިނަ މީހުންނަކީ މީސްތަކުން ހެޔޮހިތުން ގަދަރު ކުރާނެ ބައެއްނޫނެވެ. ކޮންމެވެސް ސަބަބަކާހުރެ ގަދަރުކުރާކަމަށް ބޭރުފުށުން ދައްކަފާނެއެވެ. ނަމަވެސް އެމީހުންގެ ނުބައި ޢަމަލުތަކުގެ ސަބަބުން، ޠަބީޢީގޮތުންވެސް އެމީހުންނާ ދުރުގައި އުޅޭން މީސްތަކުންނަށް މަޖުބޫރުވެއެވެ.

އިޚުލާސްތެރި ސިޔާސީ މަސައްކަތަކީ މުޖުތަމައަށް ކޮންމެހެން ބޭނުން އެއްޗެއްކަމަށް ވިޔަސް، އެ ދާއިރާގައި އުޅޭ ބައެއްމީހުންނަށް ހަގީގީ ގަދަރެއް ނުލިބޭނެ ބައިވަރު ސަބަބުތައް ވެއެވެ. އޭގެތެރޭގައި؛ އެމީހުންގެ ދޮގުވެރިކަމާއި، ބޮޑައިކަމާއި، އަމިއްލަ މަންފާއެއް ހާސިލުކުރުމަށްޓަކައި ކޮންމެފަދަ ނުބައިކަމެއް ކުރަންވެސް ފަސްނުޖެހުމާއި، ދައްކާ ވާހަކައިގައި ސާބިތުކަމެއް ނުހުރުމާއި، ޢިލްމެއް ތަޖުރިބާއެއް އަދި ޤާބިލުކަމެއްނެތަސް ބޮޑެތި މަގާމުތަކާ ހަވާލުވެގެން އުޅުންފަދަ ދަށު ދަރަޖައިގެ ކަންތައްތައް ހިމެނެއެވެ.

އެކަށީގެންވާގޮތުގައި ޤާނޫނު ތަންފީޒު ނުކުރުމާއެކު ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން މަނާ ކުރުމުގެ ސަގާފަތެއް ނެތުމުން، ކުށްވެރީންނަށް ފަހި މާހައުލެއް މިރާއްޖޭގައި އޮތްކަމަށް ބުނެވިދާނެއެވެ. ކަން މިހެން އޮތް އިރު، ވައްކަމާއި ޚިޔާނާތުގެ ބޮޑެތި ތުހުމަތުތައް ކުރެވޭމީހުންނާއި، ބައެއް ހާލަތުގައި އެފަދަ ކަންކަމަށް އަދަބު ލިބި، ނަމަވެސް އުޅުން އިސްލާހުނުވާ މީހުން ނިކުމެ ތިމާމެންނަކީ އަމާނާތްތެރި ވަފާތެރީންކަމަށް ދަޢުވާ ކުރުން އެއީ މިހާރު އައިބެއްނޫނެވެ. އެއިން މީހަކަށް ބަހެއް ބުނުމުގެ ފުރުސަތު ލިބިއްޖެނަމަ އެންމެ ގިނައިން ދައްކާތީ އިވޭނީވެސް އަމާނާތްތެރިކަމާއި ވަފާތެރިކަމުގެ ވާހަކައެވެ. މިއީ މިއަދުގެ ހަގީގަތެވެ. ލަދުވެތިކަން ނެތީވިއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށް ޙަދީޘްގައި އައިސްފައިވަނީ މިހެންވެގެންނެވެ (ބުޚާރީ: 6120).

ޢާއިލާގެ މީހުންނާއި، މަސައްކަތުގެ އެކުވެރިންނާއި، ރައްޓެހީންނާއި އަދި ކަންކަމަށް އިސްވެ ތިބޭ ވެރީންގެ ފަރާތުންވެސް މުނާފިގުކަމުގެ ސިފަތައް ފެންނަނީ މަދެއްކޮށެއްނޫނެވެ. މި ނުބައި ސިފަތައް ހުންނަކަން އާއްމުކޮށް އެނގޭއިރުވެސް އެފަދަ މީހުން ދައްކާ ވާހަކަ ފުރިހަމަވެފައި އޮމާނެވެ. އެމީހުންގެ ބަހުންނަމަ - ދޮގެއް ނުހަދައެވެ. އޮޅުވައެއް ނުލައެވެ. ޚިޔާނާތްތެރިއެއް ނުވެއެވެ. ވަޢުދު ފުއްދައެވެ. ޙިކުމަތްތެރިޔާ ބުނެފައިވަނީ މިފަދަ މީހާ ނިކުމެ ތެދުވެރިކަމުގެ މުހިއްމުކަމާމެދު ވަކާލާތު ކުރުމީ ޒަމާނުގެ އަޖައިބުތަކުން އަޖައިބެއް ކަމުގައެވެ.

ޙިކުމަތްތެރިޔާގެ ބުނުމުގައި، އަހުރެމެން "މިހާރު ދެކެމުން މިދަނީ އަޖައިބެއްފަދަ ޒަމާނެއް" ކަމަށް އޮތުމުން، ކުރީން ކަންތައް އޮތީ އެ ބުނުމުގައިވާގޮތަށްނޫންކަން އެނގެއެވެ. އެހެންކަމުން، މިހާރާ ޚިލާފަށް އެންމެ ރަނގަޅު ޒަމާންތަކުގައިނަމަ ޢިއްޒަތްތެރީންނަށް ވާނީ ހަގީގަތުގައިވެސް ޢިއްޒަތް ހައްގުވާ މީހުންނެވެ. ވަފާތެރިކަމުގެ ވާހަކަ ދައްކާނީ ހަގީގީ ވަފާތެރީންނެވެ. އަދި ތެދުވެރިކަމުގެ މުހިއްމުކަމާމެދު ވަކާލާތުކޮށް އެކަމަށް ގޮވައިލާނީ އެ ސިފަ ހުރި ތެދުވެރީންނެވެ.

ނަމަވެސް ޒަމާން ބަދަލުވެއްޖެއެވެ. މިހާރު - އަގެއްނެތް ބޭކާރު މީހާއަކީ އަމިއްލައަށް ޢިއްޒަތްތެރިއެކެވެ. ވަފާތެރިކަމުގެ ވާހަކަ ދައްކަމުން ދުވާނީ ބޭވަފާތެރި އެކެވެ. ތެދުވެރިކަމުގެ މުހިއްމުކަމާމެދު ވަކާލާތުކުރާތީ ފެންނާނީ މުނާފިގެކެވެ. (ޞާލިހުންނާއި، ރަނގަޅު ޢިލްމުވެރިންނާއި، އިޚުލާސްތެރިކަމާއެކު އިސްލާހަށް މަސައްކަތްކުރާ ފަރާތްތައް މީގެތެރެއިން އިސްތިސްނާވެގެންވެއެވެ.)

އިސްވެ ބުނެފައި އެވަނީ ސައްތައިންސައްތަ އިސްލާމީ މުޖުތަމައެއްގައި ކަންތައް އޮވެގެންވާނެ ގޮތެއްނޫނެވެ. ކޮންމެ މީހަކީވެސް ޢިއްޒަތާއި ގަދަރު ހައްގުވާފަދަ އަބުރުވެރި ދިރިއުޅުމެއް އުޅޭ މީހަކަށް ވާންޖެހޭނެއެވެ. ތިމާއަކީ ތެދުވެރި ވަފާތެރީންގެ ތެރޭގައި ހިމެނޭ ރަނގަޅު އިންސާނެއްކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް އޮތުމާއެކު، ތިމާގެ ފުށުން އެހެންމީހުންނަށް އެކަން ފެންނާންޖެހޭނެއެވެ. ހަމަ ކޮންމެ މީހަކުމެ ބޭނުންވާނެ މި މަތިވެރި ޝަރަފު ހޯދުމަށްޓަކައި އޮތް ފަރުވާއަކީ ނުރަނގަޅު އުޅުންތައް ދޫކޮށްލައި ﷲ ގެ މަގަށް ރުޖޫޢަވުމެވެ. ވީދި ހަސްނެތިފައިވާ އިސްލާމްކަމުގެ ފޭރާން އައުކޮށް، އީމާނުގެ ހުވަނދުން ހުވަނދުލައި ޒީނަތްތެރިވުމެވެ. ޢިއްޒަތަކީ މުއުމިނުންނަށް އޮތް އެއްޗެއްކަމަށާއި އެހެނެއްކަމަކު މުނާފިގުންނަށް އެކަން ނޭނގޭކަމަށް ﷲ އަންގަވާފައިވެއެވެ (މުނާފިޤޫން: 8).

ގުޅޭ ޓެގު
comment ކޮމެންޓް