ޖަލަށް މަސްތުވާތަކެއްޗާއި ފޯނު އެތެރެކޮށް، އެ ކަމުން ހޯދި ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި، ކަރެކްޝަންސްގެ ފަސް އޮފިސަރުންގެ ތެރެއިން ތިން އޮފިސަރަކާ އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފިއެވެ.
ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން އެކި ފަހަރު މަތިން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި ޖުމުލަ 18 އޮފިސަރުން ހިމެނޭ ކަމަށް ބުނީ، މިދިޔަ ޖޫން މަހު ފުލުހުންގެ ހިންގި ޚާއްސަ އޮޕަރޭޝަނަކަށް ފަހުގައެވެ. އެކަމަކު، އެ މައްސަލައިގައި ދައުވާކުރަން ފޮނުވީ 13 އޮފިސަރެއްގެ މައްޗަށެވެ. އޭގެ ތެރެއިން ވެސް އަށް އޮފިސަރުންނަށް ދައުވާކުރެވޭ ވަރަށް ހެކި ނެތުމުން، މިހާތަނަށް ދައުވާކުރީ ފަސް އޮފިސަރުންގެ މައްޗަށެވެ.
އޭގެ ތެރެއިން ދެ މީހަކަށް ތިން ދައުވާއެއް އުފުލިއެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާއާއި ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދަޢުވާއެވެ. މި ތިން ދައުވާކުރި ދެ މީހުންނަކީ؛
- ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމް
- ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމް
ބާކީ ތިން މީހުންގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި ނުޙައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ. އެ ތިން މީހުންނަކީ؛
- ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމް
- ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲ
- ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤު
މި މައްސަލައިގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުން ހަދާފައިވަނީ ވެސް މި ތިން މީހުންނާ އެކުގައެވެ.
އެ ކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ތަހުގީގުގައި އިއުތިރާފުވެ، އެއްބަސްވުން ހަދަން ބޭނުންވާ މީހުންނާ އެކު އިއުތިރާފުގެ އެއްބަސްވުން ހެދުމަކީ ގާނޫނީ ގޮތުން އޮތް ފުރުސަތެއް ކަމަށެވެ.
"އިއުތިރާފުގެ އެއްބަސްވުން ހެދިއަސް ދައުވާކުރާނެ. އަދި، މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި އަދަބު ވެސް ދެވޭނެ،" އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިއުތިރާފު އެއްބަސްވުން ހެދުމުން ހަމައެކަނި ތަފާތަކީ އަދަބު ކަނޑައަޅާއިރު، ކަނޑައަޅާނީ އެއްބަސްވުމުގައިވާ އަދަބެއް ކަމަށެވެ. އެކަމަކު، އެ އޮފިސަރުންނާ އެކު ހެދި އެއްބަސްވުމާ ގުޅޭ އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގު އަދިވެސް ފުލުހުން ކުރިއަށް ގެންދާއިރު، ތަހުގީގު އެއްކޮށް ނިމުމުން ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވެނީ ކަރެކްޝަންސްގެ ވަޒީފާގައި ތިބި މީހުންނާއި އެ ވަޒީފާއިން ވަކިވެފައި ތިބި މީހުންތަކެއްގެ މައްޗަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިއުތިރާފުގެ އެއްބަސްވުމެއް ހެދިއިރު، މި މައްސަލައިގައި ހިމެނޭ ޖަލު އޮފިސަރުން ވަޒީފާއިން ވަކިވި ނަމަވެސް ހައްގު އަދަބު ދޭނެ ކަމަށާއި އެ މީހުންނާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޖަލަށް ޑުރަގާއި ފޯނާއި އެ ނޫން ވެސް ސާމާނު ވައްދާ މައްސަލައަކީ ޒަމާންވީ މައްސަލައެކެވެ.
މީގެ ކުރިން ވެސް މި ފަދަ ކުށްކުތަކުގައި ޖަލު އޮފިސަރުންނަށް ތުހުމަތުކުރެވިގެން ބައެއް އޮފިސަރުން ހައްޔަރުކުރެއެވެ. އެކަމަކު، އެހާ ބައިވަރު އޮފިސަރުން މި ފަދަ ތުހުމަތެއްގައި ހައްޔަރުކުރި މިއީ ފުރަތަމަ ފަހަރެވެ.