ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަނަލް ސާވިސަސްގެ 18 މުވައްޒަފަކު ބައިވެރިވެވާކަން އެނގިފައިވާކަމަށާއި އެ މީހުންގެ އެކައުންޓުތަކުގައި 73 މިލިއަން ރުފިޔާ ހުރިކަން ދިވެހި ފުލުހުން ހިންގި ތަހުގީގަކުން ހާމަވެއްޖެއެވެ.
މިރޭ ފުލުހުންނާއި ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކަން ހާމަކުރެއްވީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ.

ފުލުހުންނާއި ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހޯމް މިނިސްޓަރު އިހުސާން އާއި އޭސީޕީ ޝަރީފް -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
ހަ މީހަކު މި އަހަރު ކަރެކްޝަންސްގެ ޚިދުމަތުން ވަކިވެފައިވީ ނަމަވެސް އެ މީހުންނަށް ވެސް ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ހަ މީހުންނަކީ އިތުރު ވަޒީފާއެއް ނުވަަތަ ވިޔަފާރިއެއްކުރާ ބަޔަކަށް ނުވާއިރު އެ މީހުންގެ އެކައުންޓުތަކުގައި ބޮޑެތި އަދަދުތަކުން ފައިސާ ހުރުމަކީ ޝައްކުވާ ބޮޑު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.
"އެގޮތުން ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަނުން ފައިސާ ޖަމާވެފައި އެބަހުރި. އަޅުގަނޑުމެން މިހާ ހިސާބަށް ބެލި ބެލުމުން އަޅުގަނޑަށް ފާހަގަކުރެވިފައިވަނީ މި 18 މުވައްޒިފުންގެ އެކައުންޓުން އަޅުގަނޑަށް ފާހަގަކުރެވިފައިހުރީ ގާތްގަނޑަކަށް 73،600،000 ރުފިޔާ 2023 އަހަރުގެ ޖެނުއަރީ މަހުން މިހާ ހިސާބަށް ޖަމާވެފައި ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބައޮތް،" ޝަރީފް ވިދާޅުވިއެވެ.

ފުލުހުންނާއި ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޭސީޕީ ޝަރީފް -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
ޝަރީފް ވިދާޅުވީ މި ފައިސާ އެކައުންޓުތަކަށް ޖަމާވަމުން އައީ ޖަލުގައި ތިބި ގައިދީންގެ އެކައުންޓުތަކުންނާއި މާލޭގައި ކުށްކުރާ މީހުންގެ އެކައުންޓުތަކުން ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ 18 މީހުންގެ ތެރެއިން އަށް މީހަކު ބަންދުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަނުން ލިބުނު މައުލޫމާތުގެ އަލީގައި ކ. މާފުށީގައި ވެސް އޮޕަރޭޝަން ހިންގަމުން އަންނަކަމަށް ޝަރީފް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ އެހާ ބައިވަރު އަދަދެއްގެ ފައިސާ އެކައުންޓުތަކުން ދައުރުވާން ފުރުސަތު ލިބުނު މައްސަލަ "ކޮންމެހެން ވެސް" ބަލާނެ ކަމަށެވެ.
ނަމަވެސް އެކައުންޓުތަކަށް ފައިސާ ޖަމާވަމުން އައީ އެވްރެޖްކޮށް ވަރަށް ކުދިކުދި އަދަދުތަކަކުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފުލުހުންނާއި ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ހޯމް މިނިސްޓަރު އިހުސާން -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
"... އެވްރެޖްކޮށް ފަސްހާސް، ދިހަހާސް، ފަނަވަރަކަށް ހާސް ރުފިޔާ. ފަހަރެއްގައި ވުމަކީ އެކަށީގެންވާ ކަމެއް ބޭންކުގެ އެ ތްރެޝްހޯލްޑުގައި އަޅައިނުގަތުން. އެކަމަކު ވެސް އަޅުގަނޑުމެން ބަލާނެ މައްސަލައެއް އެއީ،" މިިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް އެ މައްސަލަ ބަލައި ކުރަންޖެހޭ ކަންކަން ކުރާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ހަރުދަނާކޮށް ހިންގަން ބާރުއަޅަމުން އަންނަކަމަށެވެ. އެއާއެކު މިފަދަ މައްސަލަތައް މުސްތަގުބަލުގައި މަދުވާނެކަމަށް ގަބޫލުކުރައްވާ ކަަމަށް ވިދާޅުވިއެވެ.