ސާވާއަށް މައްސަލައެއް ދިމާވެ ކްރިމިނަލް ކޯޓުގެ 80 އިންސައްތަ ޝަރީއަތްތައް ހުއްޓިފައިވާކަމަށް އެ ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ޑީޖޭއޭގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން, އޮންލައިންކޮށް ކުރިއަށްގެންދާ ހުރިހާ ޝަރީއަތްތަކެއް ހުއްޓިފައި ވާކަމަށެވެ.
އޮންލައިންކޮށް ކުރިއަށް ގެންދަނީ ކޯޓުގައި ޖާގައިގެ ދަތިކަން ދިމާވެފައިވާތީ ބަންދުގައި ތިބި ދައުވާ ލިބޭ މީހުންނާއި، ޕީޖީގެ އިތުރުން ދިފާއީ ވަކީލުންނާއި ރަށްރަށުގައި ތިބި ހެކިންގެ އަޑުއެހުންތައް ކަމަށް އެ ކޯޓުން ވަނީ މައުލޫމާތު ދީފައެވެ.
ކްރިމިނަލް ކޯޓުން ކުރިއަށްގެންދާ 80 އިންސައްތަ މައްސަލަތައް އޮންލައިންކޮށް ކުރިއަށް ގެންދާއިރު ސާވާއަށް ދިމާވި މައްސަަލައާއެކު އެ ހުރިހާ ކަމެއް ވަނީ ހުއްޓިފައެވެެ.
އެގޮތުން އިންޓަނެޓް އަދި ކޯޓުގެ ނެޓްވޯކް ކެނޑި ފޯނު ލައިންތައް ކެނޑިފައި ވާތީ، އެ ކޯޓުގެ މަސައްކަތްތަކަށް ބުރޫ އަރާފައިވާކަމަށް ކޯޓުން ވަނީ މައުލޫމާތު ދީފައެވެ.
އެެހެންވެ މިއަދު ކުރިއަށްގެންދާނީ ހާޒިރުކޮށްގެން ކުރިއަށްގެންދާ އަޑުއެހުންތައް އެކަނި ކަމަށާއި، މިއަދު ބަންދާމެދު ގޮތެއް ނިންމުމަށް ކުރިއަށް ގެންދާ އަޑުއެހުންތައް ވެސް ކުރިއަށްގެންދާނީ ހާޒިރުކޮށްގެން ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމުގެ ވާހަކަ މިއަދު ވެސް އެ ކޯޓުން ފާހަގަކޮށްފައި ވާއިރު އެ މައްސަލަ ހައްލު ކުރުމަށްޓަކައި، މި ސަރުކާރުން ހުޅުމާލޭގައި އަޅަމުން އަންނަ ކްރިމިނަލް ކޯޓުގެ އާ އިމާރާތް މިއަހަރުގެ އޭޕްރީލް ހިސާބަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.
މިހާރު ޝަރުއީ ދާއިރާއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަމެވެ. ޝަރީއަތްތައް ލަސްވެ، ފުނިޖެހެން ދިމާވާ މައިގަނޑު އެއް ސަބަބަކީ ވެސް އެއީއެވެ.