މާލޭގެ ކެފޭއަކުން ޚިދުމަތް ހޯދުމަށްފަހު، ފައިސާ ނުދީ ދާން އުޅުނު ދިވެހި ފިރިހެނަކު މިމަހު ދެވަނަ ފަހަރަށް ހައްޔަރުކޮށް، އިއްޔެ ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އދ. މާމިގިލި، ހަނދުވަރުދޭގެ ޔާޝީން ރަޝީދު (23އ) އެވެ.
އޭނާ މިމަހުގެ ހަތަރު ވަނަ ދުވަހު ވެސް ހައްޔަރުކުރީ ކެފޭއަކުން ކެއުމަށްފަހު ބިލު ނުދެއްކި މައްސަލައެއްގައެެވެ. އެފަހަރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ ބަންދެއް ޖެހިއެވެ.
މުއްދަތުގެ މަޖިލީހުގައި އޭރު ޔާޝީން ބުނެފައި ވަނީ، އޭނާ ކެފޭއިން ކެއި ކަމަށާއި، ބިލު ދެއްކުމަށް ބޭބެއަށް ގުޅިކަމަށެވެ. ނަމަވެސް، ފަހުން ބޭބެގެ ފޯނު އޮތީ ނިވިފައިކަމަށާއި އެ ފައިސާ ފޮނުވި ކަމަށް އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އެކަމަކު، އޭނާ އެ ބިލަށް ފައިސާ ދައްކާފައި ނުވާކަމަށް އިންވެސްޓިގޭޓިވް އޮފިސަރު (އައިއޯ) ފާހަގަކުރި ކަމަށް ކޯޓު އަމުރުގައިވެއެވެ.
އޭގެފަހުން މިދިޔަ ބުރާސްފަތި ދުވަހު ޔާޝީން އަނެއްކާވެސް ވަނީ އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން 'ސަން'އާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބުރުޒުމަގުގައި ހުންނަ ކެފޭއަކުން ޚިދުމަތެއް ހޯދުމަށްފަހު ފައިސާ ނުދައްކާ ދާން އުޅުނު ކަމަށް ތުހުމަތުކުރެވޭތީއެވެ.
އޭނާ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައެވެ.
އެހެންވެ، ޔާޝީން ބަންދުގައި ބެހެއްޓުމުގެ ސަބަބެއްގެ ގޮތުގައި އަމުރުގައި ފާހަގަކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަކަމަށް ބެލެވޭތީ ކަމަށެވެ. އަދި، އެފަދަ މައްސަލައެއްގައި މިމަހު އެއް ފަހަރު ހައްޔަރުކޮށްފައި ވާތީ، ކުށް ތަކުރާރުކުރުމުގެ އިހުމާލު އޮތް ފަރާތެއް ކަމަށް ބެލެވޭތީ، އެކަމަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އޭނާގެ ބަންދަށް ކޯޓުން މިފަހަރު ވެސް ޖެހީ 10 ދުވަހެވެ.