އެމްއޭސީއެލްއިން މި ފަހަރުވެސް މުސާރައިގެ އެއްބައި ޑޮލަރުން ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު--

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މި މަހު ވެސް މުވައްޒަފުންނަށް މުސާރައިގެ އެއްބައި ޑޮލަރުން ޖަމާކޮށްދީފިއެވެ.

ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން އެކަން ކުރުން ހުއްޓާލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެންގީ މި މަހު ތިން ވަނަ ދުވަހުއެވެ.

އެކަމަކު، އިތުބާރު ހުރި އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި މި މަހު ވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް މުސާރައިގެ އެއްބައި ޖަމާކޮށްފައިވަނީ ޑޮލަރުންނެވެ.

މި ނިންމުމާ ގުޅޭގޮތުން އެ ކުންފުނީގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި ޑޮލަރުން ދޭން ފެށީ އިންޑިއާގެ ޖީއެމްއާރުއިން އެއާޕޯޓް ހިންގިއިރުއެވެ. ނަމަވެސް ފަހުން ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ވަނީ ހަމައެކަނި ރުފިޔާއިން މުސާރަ ދޭން ފަށައިފައެވެ.

https://sun.mv/196323

އަލުން އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރައިގެ އެއްބައި ޑޮލަރުން ދޭން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

އެމްއޭސީއެލްއަކީ މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުމުގައި ވެސް ވަރަށް ރަނގަޅު އުސޫލެއް ގެންގުޅޭ ކުންފުންޏެކެވެ. އެގޮތުން ވޭތުވެދިޔަ ތިން އަހަރު ވެސް އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ހަމަހަމަވާ އުސޫލުގެ މަތިން 25000 ރުފިޔާ ބޯނަސްގެ ގޮތުގައި ދީފައިވެއެވެ.

މި މަހުގެ މުސާރައާ އެކު މިދިޔަ އަހަރުގެ ބޯނަސް ވަނީ ހުރިހާ މުވައްޒަފުންނަށް އިއްޔެ ޖަމާކޮށްފައެވެ.

މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ކުންފުންޏެވެ.

ޕީސީބީން ޑޮލަރުން މުސާރަ ނުދޭން ކުންފުނިތަކަށް އެންގީ ޑޮލަރުގެ ދަތިކަން ބޮޑުވެ، ޚަރަދު ކުޑަކުރަން އެޅި ގިނަ ފިޔަވަޅުތަކެއްގެ ތެރެއިންނެވެ.

މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓީން އެޖެންސީން ވެސް ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. ދަރަނި ދެއްކުމުގައި ހުރި ދަތިތައް ފާހަގަކޮށް މި މަހު 11 ގައި މޫޑީސްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ މަހު 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.

comment ކޮމެންޓް