އުމްރާވެރީން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާތީ، އެއާޕޯޓު ޓްރެފިކު ބާރުބޮޑުވިޔަ ނުދިނުމުގެ ގޮތުން، މާދަމާ ރާއްޖެއިން ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް, އެމްއޭސީއެލްއިން އެދިއްޖެއެވެ.
އެ ކުންފުނިން ފޮނުވި މެސެޖެއްގައި ވަނީ މާދަމާ ރާއްޖެއިން ފުރާ ދަތުރުވެރިން، އެއާޕޯޓަށް ހާޒިރުވާންޖެހޭ ވަގުތުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ހާޒިރުވުމަށް އެދޭ ކަމަށެވެ. އެއީ އެއާޕޯޓުގެ މަގުތަކާއި ޓާމިނަލް ސަރަހައްދުގައި ތޮއްޖެހުން ކުޑަ ކުރުމަށް ޓަކައެވެ.
އަދި ޕީކު ގަޑިތަކުގައި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ ފަރާތުން އެއްބާރުލުން ދީ، އެއާޕޯޓު ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުނަ ނުދިނުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.
މާދަމާ އެއާޕޯޓު އެންމެ ބާރުބޮޑުވާ ވަގުތުތަކުގެ ތެރޭގައި:
- 06:00އިން 09:00އާ ދެމެދު 618 އުމްރާވެރިން ހިމެނޭ ގޮތަށް 2،678 މީހުން ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކޮށްފައިވޭ
- 06:00އިން 09:00އާ ދެމެދު 1,372 ރާއްޖެއިން ފުރާނެ ކަމަށް އަންދާޒާ ކޮށްފައިވޭ
- 14:00އިން 16:00އަށް 452 އުމްރާވެރިން ހިމެނޭ ގޮތަށް 2,071 މީހުން އަންނާނެ ކަމަށް އަންދާޒާކޮށްފައިވޭ
- 14:00އިން 16:00އަށް 1,091 ރާއްޖެއިން ފުރާނެ ކަމަށް އަންދާޒާ ކޮށްފައިވޭ
މި މަހު ރާއްޖެއިން ޖުމުލަ 6،300 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރަން ގޮސްފައިވެއެވެ.
މި އަހަރުގެ ދެވަނަ ޓާމުގެ މިޑް ޓާމް ބްރޭކަށް ސުކޫލުތައް ވެސް އޮތީ ބަންދު ކޮށްފައެވެ. ދެން ހުޅުވޭނީ އަންނަ އާދިއްތައިގައެވެ. އެހެންކަމުން ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނެއެވެ.
ހަމައެއާއެކު މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ ސީޒަންތެރެއަށް ވުމުން ރާއްޖެއިން ބޭރުން ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވާނެއެވެ.
އެހެންކަމުން ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ދަތުރުތައް ކުރާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.