ފަސް މީހުންނާއެކު ކާށިދޫއަށް ދަތުރުކުރި ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ދޯންޏެއް: ފަސް މީހުންނާއެކު ކާށިދޫއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި އަލިފާން ރޯވެއްޖެ -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ފަސް މީހުންނާއެކު، ކ. ކާށިދޫއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.

އެކަމާ ގުޅުވައި އެމްއެންޑީއެފްއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުނީ ހަވީރު 15:14 ހާއިރު ކަމަށެވެ.

އެ ދޯނީގައި ދަތުރުކުރަމުން ދިޔައީ ދެ ދިވެހިންނާއި ތިން ބިދޭސީންނެވެ. ނަމަވެސް، މިހާދިސާގައި އެއިން މީހަކަށް އަނިޔާއެއް ވެފައިވާ ކަން އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަންނަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ މިއަދު ކަނޑުމަތީގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. އެގޮތުން، ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދިޔަ ދޯންޏެއްގައި ވެސް މިއަދު ހެނދުނު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

https://sun.mv/197325

ދޯނީގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

އެންއެންޑީއެފުން ބުނިގޮތުގައި، މި ދޯނިން ދަތުރުކުރީ ހަތަރު މީހުންނެވެ. އަދި މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި، ދޯނި ވަރަށް ބޮޑަށް އަނދާފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދޯނީގައި އަލިފާން ރޯވީ ކުޑަހުވަދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށެވެ.

comment ކޮމެންޓް