އަލިފާން ރޯވީ ފެން ހިފައިގެން ކަނޑިންމަ ރިސޯޓަށް ދިޔަ ދޯންޏެއްގައި

ކުޑަހުވަދޫ ކައިރީ އޮތް "ހަމްދު" ދޯނީގައި އަލިފާން ރޯވެފައި --

މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ، ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދިޔަ ދޯންޏެއްގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މީޑިއާތަކަ ހިއްސާކުރި މެސެޖެއްގައި ވަނީ، "ހަމްދު" ނަމަކަށް ކިޔާ މުދާ އުފުލާ މި ދޯނީގެ އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ.ކުޑަހުވަދޫ ފަޔާ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 7:20 ހާއިރު ކަމަށެވެ. އެއާއެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އަލިފާން ނިއްވުމަށް ހަރަކާތްތެރިވިކަމަށް ސިފައިން ބުންޏެވެ.

"ހަމްދު" ދޯނީގައި ރޯވެފައިވާ އަލިފާން ނިންވާލުމަށް ކުޑަހުވަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުންނަށް އެހީތެރިވުމަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ވެސް މިއަދު 11:00 ހާއިރުން ފެށިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށިއެވެ.

ދޯނީގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

އެންއެންޑީއެފުން ބުނިގޮތުގައި، މި ދޯނިން ދަތުރުކުރީ ހަތަރު މީހުންނެވެ. އަދި މި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި، ދޯނި ވަރަށް ބޮޑަށް އަނދާފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދޯނީގައި އަލިފާން ރޯވީ ކުޑަހުވަދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށެވެ.

comment ކޮމެންޓް