ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯނީގެ އަލިފާން ކޮންޓްރޯލު ކުރެވިއްޖެ ކަމަށާއި، އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް، ފުލުހުން ބުނެފިއެވެ.
ކ. ގަމަރުގިރި ކައިރީ ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި އަލިފާން ރޯވެފައިވަނީ މިރޭގެ ވަގުތެއްގައެވެ.
'ސަން' އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 19:13ގައި ކަމަށެވެ.
މިވަގުތު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދޯނީގައި ތިބި މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ މައުލޫމާތުދެއްވިއެވެ.
އެމްއެންޑީއެފުން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައި ބުނީ، އެ ދޯންޏަކީ ކުނި ބަރުކޮށްގެން ތިލަފުށްޓަށް ދިޔަ ދޯންޏެއް ކަމަށެވެ.
އެ ދޯނީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނު ނަމަވެސް، އެ ދޯންޏަށް ކުނި ބަރުކޮށްފައިވާތީ އަލިފާން އެއްކޮށް ނިއްވާލަން ވަގުތު ނަގާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.