ގޭންގު ކުށްތަކުގައި 67 މީހުން ހައްޔަރުކުރިއިރު 30 މީހުން ދޫކޮށްލައިފި

ފުލުހުންގެ ޓީމެއް: ގޭންގު ކުށްތަކުގައި 80،000 އަށް ވުރެ ގިނަ ސަރަހައްދުތައް ބަލައި، 67 މީހުން ހައްޔަރުކުރި -- ސަން ފޮޓޯ/ އިފާޒް

ގޭންގު ކުށްތަކާ ގުޅިގެން ފާއިތުވި އަށް މަސް ދުވަސް ތެރޭ 80،000 އަށް ވުރެ ސަރަހައްދުތައް ބަލައިފާސްކޮށް، 67 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިބާސުތަކުން ދައްކައިފިއެވެ.

މިދިޔަ ޖެނުއަރީ މަހު އެކަކުން ފެށިގެން އޮގަސްޓު މަހުގެ 31އަށް ގޭންގް ކްރައިމް އެންފޯސްމަންޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ގޭންގު މައްސަލަތަކާ ގުޅިގެން އެ މުއްދަތުގައި 12،253 މީހަކާ ސުވާލުކޮށްފައިވެއެވެ.

އޭގެ ތެރޭގައި، 18 އަހަރު ފުރިފައިވާ 2،583 މީހުން ހިމެނޭއިރު، ޖުމުލަ 331 ކުޑަކުދިން، 2،014 ފަހަރަށް ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ގޭންގު ކުށްތަކާ ދެކޮޅަށް މިދިޔަ އަށް މަސް ތެރޭ ފުލުހުން ކޮށްފައިވާ މަަސައްކަތްތަކުގެ ތަފާސްހިސާބުތައް ---- ފޮޓޯ/ ފުލުހުން

މީގެ އިތުރުން، ގޭންގް ކުށްތަކާ ގުޅިގެން 87،775 ސަރަހައްދެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި، އެ ފަދަ ކުށްތަކާ ގުޅޭ 37 ގްރެފިޓީއެއް ވެސް ވަނީ ފުހެލައިފައެވެ.

އެ މައްސަލަތަކުގައި ޖުމުލަ 67 މީހުން ހައްޔަރުކުރިއެވެ. އެކަމަކު، އޭގެ ތެރެއިން 30 މީހުން މިހާރު ދޫކޮށްލާފައިވާއިރު، 22 މީހަކު އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގައެވެ. އަދި، ބާކީ 15 މީހުން ތިބީ ރިމާންޑް ޖަލުގައެވެ.

ގޭންގު ކުށްތަކާ ގުޅިގެން މިދިޔަ އަށް މަހުން ފުލުހުންގެ ޚިދުމަތަށް ހުށަހެޅީ 22 މައްސަލައެކެވެ.

އެގޮތުން، އަށް މައްސަލައެއްގެ ތަހުގީގު ނިންމައި އެ ޚިދުމަތުން ވަނީ ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވާފައެވެ.

https://sun.mv/195506

މި ސަރުކާރުން ވެރިކަމާ ހަވާލު އެންމެ ޚާއްސަ އިސްކަމެއް ދޭނެ ކަމެއްގެ ގޮތުގައި ގޭންގު ކުށްތައް ހުއްޓުވުން ފުލުހުން ފާހަގަކުރިއެވެ. އެގޮތުން، ފުލުހުންގެ ޚިދުމަތުން އަލަށް އަމަލުކުރަން ފަށައިފައިވާ އެސްއޯޕީގައި ވެސް ގޭންގު ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ޚާއްސަ ސިޔާސަތުތަކެއްވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް