ގޭންގު ކުށްތައް ހުއްޓުވަން މިލިއަނުގެ ޖޫރިމަނާ އަދަބާއެކު ހަރުކަށި ބިލެއް

ސްޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުން ނިކުމެ މާލޭގެ އެކި ސަރަހައްދުތަކާއި މީހުން ބަލާ ފާސްކުރުން: އާ ބިލުގައި ހަރުކަށި އަދަބުތަކެއް ވަނީ ހިމަނައިފައި -- ސަން ފައިލް ފޮޓޯ: ހުސެން ހަސަން

ގޭންގު ކުށްތައް ހުއްޓުވުމަށް ޓަކައި އެއް މިލިއަން ރުފިޔާއާ ހަަމައަށް ޖޫރިމަނާކުރެވޭނެހެން ހަރުކަށި ބިލެއް ޑްރާފްޓުކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

'ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލު'ގެ ނަމުގައި ޑްރާފްޓުކޮށްފައިވާ މި ބިލުގައިވަނީ ހަރުކަށި އުސޫލުތަކާއި އަދަބުތައް ހިމަނައިފައެވެ. އެ ގޮތުން ގޭންގެއް ކަމަށް ކަނޑައަޅާނެ މިންގަނޑުތަކާއި، ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އެފަދަ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ގޭންގު ކުށްތައް ކުރާ ފަރާތްތަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ކުށެއް ކަމުގައި ކަނޑައެޅުމާއި އެ ކުށުގެ އަދަބު ކަނޑައަޅައިފައެވެ.

މީގެ އިތުރުން ވެސް މި ބިލުގައި އެހެނިހެން މުހިންމު މާއްދާތައް ވަނީ ހިމަނައިފައެވެ.

މި ބިލުގައި ގޭންގު ކުށްތައް ކަމަށް ކަނޑައަޅައިފައިވާ ކަންކަމަކީ:

  • ގޭންގެއްގެ މައުލޫމާތާއި ނިޝާން ހާމަކުރުން
  • ގޭންގެއްގެ ލީޑަރަކަށް ނުވަތަ މެމްބަރަކަށް ނުވަތަ ހަރަކާތަކަށް ނުވަތަ ގޭންގަކަށް މާލީ ނުވަތަ މާއްދީ އެހީތެރިކަން އެއްވެސް ސިފައެއްގައި ފޯރުކޮށްދިނުން
  • ގްރޫޕް އަދި ގޭންގު ހަރަކާތްތަކަށް ފައިނޭންސް ކޮށްދިނުން
  • ހެކިބަސް ނުވަތަ މައުލޫމާތު ދީފާނެ މީހަކަށް ބިރުދެއްކުން
  • ފުލުހުން ނޯޓިސް ހަރުކޮށްފައިވާ ތަނަކަށް ވަނުމުގެ ހުއްދަ ދިނުން
  • ރެކްރޫޓްކުރުން
  • ގޭންގެއްގެ ސަރަޙައްދުކަމަށް ކަނޑައަޅާފައިވާ ތަނެއްގައި ތިބުން
  • ގޭންގު ހަދައިގެން ކުށްކުރުން
  • ގުރެފިޓީ ކުރެހުން

ބިލުގައި ބަޔާންކޮށްފައިވާ ގޭންގު ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހަކަށް ގާނޫނުން ލިބިދޭ ބައެއް ހައްގުތައް ހިފަހައްޓަން ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެެވެ. އެގޮތުން ހިފެހެއްޓޭ ހައްގުތަކުގެ ތެރޭގައި، ހަނު ހުރުމުގެ ހައްގު، ތަހުގީގު މަރުހަލާގައި ބަންދުން މިނިވަންވުމުގެ ހައްގު ހިމެނެއެވެ.

މީގެ އިތުރުން މި ބިލުގައި ހިމެނޭ މުހިންމު ބައެއް މާއްދާތަކުގެ ތެރޭގައި ގޭންގެއްގެ މައުލޫމާތާއި ނިޝާން ހާމަކޮށްފި ނަމަވެސް އަދަބުގެ ގޮތުގައި 500,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ.

އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ އެ ފަރާތެއްގެ ނަމުގައިވާ ހުރިހާ ބޭންކް އެކައުންޓްތައް ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް މުޢާމަލާތެއް ނުކުރެވޭގޮތަށް ހިފެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން އެ ފަދަ ކުށެއް ތަކުރާރުކޮށްފިނަމަ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ.

މީގެ އިތުރުން އެ ކަން ކުރުމުގައި ގާނޫނީ ޝަޚްސެއް ހިމެނޭނަމަ ޖޫރިމަނާ އަދަބު ފަސް މިލިއަނާއި ދިހަ މިލިއަނާ ދެެމެދަށް ބޮޑުކުރަން ވަނީ ހިމަނައިފައެވެ. އަދި ނުދައްކައިފިނަމަ ފަސް އަހަރަށް ބޭންކު އެކައުންޓުތައް ހިފެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން އެ ކުށް ތަކުރާރުކޮށްފިނަމަ އެ މީހެއްގެ މުޅި މިލްކިއްޔާތު ދައުލަތަށް ނެގުން ހިމެނެއެވެ.

މީގެ އިތުރުން ވެސް އެ ނޫން ވެސް އެކި ކުށްތަކަށް އަދަބުތައް ވަނީ ކަނޑައަޅައިފައެވެ.

މި ބިލު ފަރުމާކޮށްފައިވަނީ މި ބިލު ގާނޫނަކަށްވުމާއެކު މިހާރު އަމަލުކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނު 18/2010 އުވޭ ގޮތަށެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލު އެންމެ ޚާއްސަ އިސްކަމެއް ދޭނެ ކަމެއްގެ ގޮތުގައި ގޭންގު ކުށްތައް ހުއްޓުވުންވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުން އަލަށް އަމަލުކުރަން ފަށައިފައިވާ އެސްއޯޕީގައި ވެސް ގޭންގު ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ޚާއްސަ ސިޔާސަތުތަކެއްވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް