ރާއްޖެއަށް އެކި ބޭނުންތަކަށް ނުރައްކާތެރި ކެމިކަލްތައް އެތެރެކުރާ ފަރާތްތަކުން އަމަލުކުރަނީ ގަވައިދާ އެއްގޮތަށްތޯ ބެލުމަށް ޓަކައި ޚާއްސަ އޮޕަރޭޝަނެއް ފަށަން ޑިފެންސް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ތަންފީޒު ކުރުމުގެ ގޮތުން ވުޒާރާތަކާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ދަނީ, މުޖުތަމައުގެ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވެން ހުރި ކަންކަން ފާހަގަކޮށް އެ މަސައްކަތްތައް ކުރަމުން ކަމަށެވެ.
އޭގެ ތެރޭގައި ރައްޔިތުންނާއި ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަދައިފައިވާ ގާނޫނުތަކާއި ގަވައިދުތައް ފުރިހަމައަށް ތަންފީޒު ކުރުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ކުރުން ލާޒިމު ކަމެއް ކަމަށް ވާއިރު، ގާނޫނުތަކުން ރެގިއުލޭޓް ކުރުމަށް ޑިފެންސް މިނިސްޓްރީއަށް މަތިކޮށްފައިވާ ކަންކަން ތަންފީޒު ކުރެވޭކަން ކަށަވަރުކުރުމަށް އެ މިނިސްޓްރީން ވެސް ޚާއްސަ މަސައްކަތްތަކެއް ރާވަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.
އެގޮތުން، އެކި ބޭނުންތަކަށް ނުރައްކާތެރި ކެމިކަލްތައް އެތެރެކުރުމުގެ ހުއްދަ ދިނުމާއި އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާކުރުމަކީ ޑިފެންސް މިނިސްޓްރީން ރެގިއުލޭޓް ކުރާ ކަމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ. އަދި ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވައިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ޓަކައި އެފަދަ ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމަކީ ގާނޫނީ ގޮތުން ޑިފެންސް މިނިސްޓްރީއަށް ދީފައިވާ އިޚުތިޔާރެއް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
އެފަދަ ކެމިކަލްތަކަށް ހުއްދަ ދެނީ ގާނޫނީ އިމުގެ ތެރެއިން ނަމަވެސް އެތަކެތި ގެންގުޅުމުގައި ބައެއް ފަރާތްތަކުން ގަވައިދާ ޚިލާފުވާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބޭ ކަމަށް ބަޔާނުގައިވެއެވެ.
"އަދި މިކަމަކީ ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މުތުލަގަށް ތަންފީޒު ނުކުރެވިއްޖެ ނަމަ އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކަކަށް ދިވެހި ރައްޔިތުން ހުށަހެޅިގެން ދިޔުމަށް ހުޅުވޭ ދޮރެއް ކަމުގައި ދެކެމެވެ." ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އެހެންވެ، އަންނަ އަންގާރަ ދުވަހުން ފެށިގެން ކެމިކަލް ރައްކާ ކުރާ ތަންތަން އިންސްޕެކްޓް ކުރުމަށާއި ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަން ކުރުމުގައި އަމަލު ކުރުމަށް ހަދައިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް، ޒޯނުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި، ޚާއްސަކޮށް ތޮއްޖެހިފައިވާ މާލޭގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ހިސާބުތަކުގައި ރައްކާތެރި ނޫން ގޮތްގޮތަށް ގިނަ އަދަދަކަށް ނުރައްކާތެރި ކެމިކަލްތައް ރައްކާކޮށްފައި ހުންނަ ކަމުގެ ކަންބޮޑުވުން ދޭތެރެއަކުން އާންމުން ފާހަގަކުރެއެވެ. އެގޮތަށް ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތަކުގައި މީގެ ކުރިން އަލިފާނުގެ ހާދިސާތައް ހިނގައި، މީހުންގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.