މާލޭގައި ރެއިން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއެކު، ގެތަކަށް ވެސް ފެން ވަންނަން ފަށައިފިއެވެ.
މިއީ ރާއްޖެއަށް ހުޅަނގު މޫސުން ނިމި, އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށްވާއިރު މި ދުވަސްވަރު އާއްމުކޮށް ކޮޅިގަނޑުތައް އުފެދޭ ކަމަށެވެ. އަދި ރާއްޖެއާ ކައިރީގައި ދެ ކޮޅިގަނޑެއް އުފެދިފައިވާތީ، މި ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް މީގެ ކުރިން މެޓް އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުން ވަނީ މެންދަމުން ފެށިގެން މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ފަތިހު 4:45އިން 8:45އަށް ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮތީ ރީނދޫ ސަމާލު ނެރެފައެވެ.
އެ ގަޑީގައި މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން ފަތިހު އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ފަށައިފައެވެ. އަދި މިއަދު ހެނދުނު އެމްއެންޑީއެފުން ވަނީ މާލޭގެ ގެތަކަށް ފެން ވަންނާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިފައިން ފަށައިފައިވާ ކަމަށް ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަމްޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ސަރަހައްދުތަކުގެ ތެރޭގައި ވެސްޓްޕާކު ސަރަހައްދު، އައިޖީއެމްއެޗް ސަރަހައްދު، ވިލިނގިލީ ފެރީ ޓާމިނަލް ސަރަހައްދު، ދިރާގު ސަރަހައްދު، އަދި ޖެލީ ޕިއްޒާ ސަރަހައްދު ހިމެނޭ ކަމަށް ބުނެފައިވެއެވެ.
މިއަދުގެ 15:00އާ ހަމައަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.
އެ އިދާރާއީން ވަނީ، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ކަނޑުވެސް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސްކޫލް ޗުއްޓީ ފަށައިފައިވާއިރު، މި ދުވަސްވަރު ގިނަ ބަޔަކު އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް ދަތުރުކުރެއެވެ.
މެޓް އޮފީހުން ވަނީ ދަތުރުކުރާ މީހުން، ޚާއްސަކޮށް ކަނޑު ދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.