ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރުމަށް އެމްއެންޕީން ތާއީދު

އެމްއެންޕީގެ ކޮންގްރެސްގެ ތެރެއިން: ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރުމަށް އެމްއެންޕީން ތާއީދުކޮށްފި --- ސަންފޮޓޯ/ ނާއިލް ހުސެން

ދިވެހިރާއްޖޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ގޮވައިލުމަށް ތާއީދުކޮށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް އެކަން މަނާކުރުމަށް މިރޭ ގޮވާލައިފިއެވެ.

ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔެއާއި ރާއްޖެއަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ.

އެގޮތުން، ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަކީ ގައިންގަޔަށް ނާރާ ބަލިތައް ޖެހެން މަގުފަހިވާ ކަމެއް ކަމަށް އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

އެހެންވެ، ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖޭގައި މަނާ ކުރަން ފިޔަވަޅުތަކެއް އެޅުމަށް ކަމާ ބެހޭ އިދާރާތަަކަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ބަޔާން ޝެއާކޮށް، އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއެންޕީން ބުނީ ދުންފަތުގެ ބާވަތްތަކާއި ވޭޕް މަނާކުރުމަށް އެ ޖަމިއްޔާއިން ގޮވާލުމުން ދައްކައިދެނީ ދުންފަތުގެ އިސްތިއުމާލުކުރުމުން މުޖުތަމައަށް ސިއްހީ ގޮތުން ކުރިމަތިވާ ބޮޑެތި އަސަރުތައް ދެނެގަނެ، ލިބިގެންދާނެ ގެއްލުންތައް ހުއްޓުވުމަށް ދުރާލާ މަސައްކަތްކުރުމުގެ މުހިންމުކަން ކަމަށެވެ.

އަދި އެ ޕާޓީން ގަބޫލުކުރާ ގޮތުގައި އެއީ މި ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މޯލްޑިވްސް ނެޝެނަލް ޕާޓީއިން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ތާއީދުކުރަނީ، ދާއިމީ ނުރައްކާތެރި ބަލިތައް މަދުކުރުމަށާއި، ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ކަށަވަރުކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށްވާތީ، އެމްއެންޕީ

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ވޭޕް އަދި އިލެކްޓްރޯނިކް ސިނގިރޭޓް މަނާކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން މޯލްޑިވްސް އެންސީޑީ އެލަޔަންސްއިން ވެސް މި މަހުގެ ކުރީކޮޅު ވަނީ ގޮވާލާފައެވެ.

އެންސީޑީސީން ވަނީ ހަތް ޖަމިއްޔާގެ ފަރާތުން ރާއްޖޭގައި ވޭޕް އަދި އީ- ސިނގިރޭޓް މަނާކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

އެ ޖަމިއްޔާތަކުން ބުނީ، ވޭޕްގައި ތަފާތު ފްލޭވާތައް ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން ދުންފަތުގެ ހިތި ރަހަ ގެއްލި، ޒުވާނުން އެ ކަމަށް ދެވިހިފުމުގެ ފުރުސަތު އިތުރުވާ ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން ޅަފަތުގައި ކުދިން ދުންފަތަށް ހުށަހެޅި ދުންފަތުގެ އިސްތިއުމާލު ފުރަތަމަ ކުރެވޭ އުމުރު ދަށްވެ، ގިނަ ޒުވާނުން 18 އަހަރު ނުވަނީސް ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ބުނެފައިވެއެވެ.

ހަމައެއާ އެކު އެ ޖަމިއްޔާއިން ވަނީ ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވޭޕް މަނާކޮށްފައިވާކަމަށް ބުނެފައެވެ. އެހެންކަމުން ރާއްޖޭގައި ވޭޕް އަދި އީ-ސިނގިރޭޓް މަނާކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

comment ކޮމެންޓް