ބާޒާރުމަތީގައި މި ފަހުން އެންމެ ބޮޑަށް އުފުލުނު ފިޔާގެ އަގު މިހާރު ހެޔޮވެއްޖެއެވެ.
ބާޒާރުމަތީގައި ހޯލްސޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކުން މިދިޔަ ހަފުތާގައި ފިޔާ ވިއްކަމުން ގޮސްފައިވަނީ ބަސްތާއެއް 900 ރުފިޔާއަށެވެ. އޭގެ ކުރިން ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 650 ރުފިޔާ އަށެވެ. ފިޔާ ކިލޯއެއްގެ އަގު އޭރު ހުރީ 37 ރުފިޔާ އާއި 40 ރުފިޔާއަށް އުފުލިފައެވެ.
ނަމަވެސް ބާޒާރުމަތީގައި މިއަދު ފިޔާގެ އަގު ވަނީ ދަށްވެފައެވެ.
ބާޒާރުމަތިން "ސަން" އާ ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި މިހާރު ފިޔާގެ އަގު ހުރީ ކިލޯއެއް 15 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގައެވެ. އަދި ފިޔާ ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
މީގެ ކުރިން ފިޔާކިލޯއެއް އާއްމުކޮށް ވިއްކަމުން އައީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. އެހެންކަމުން ފިޔާގެ އަގު މިހާރު ވަނީ ވަރަށް ބޮޑަށް ހެޔޮވެފައެވެ.
ފިޔާގެ އިތުރުން ވެސް ބާޒާރުމަތިން އާއްމުކޮށް މީހުން ގަންނަ ބައެއް ތަކެތީގެ އަގުތައް ވަނީ ހެޔޮވެފައެވެ.

ބާޒާރުގައި ވިއްކަން ހުރި ލުނބޯތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެގޮތުން މީގެ މަހެއްވަރު ކުރިން ލުނބޯގެ އަގުތައް މަތިވިއެވެ. އޭރު ލުނބޯ ކިލޯއެއްގެ އަގު އުޅުނީ، 140 ރުފިޔާގައެވެ. ނަމަވެސް މިހާރު ލުނބޯ ކިލޯއެއްގެ އަގު ހުރީ 40 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގައެވެ.
މީގެ އިތުރުން މިދިޔަ މަހު މިރުހުގެ އަގުތައް ވެސް އުޅުނީ މަތީގައެވެ. އެގޮތުން މިރުސް ކިލޯއެއް ވިއްކަމުން ދިޔައީ 180 އަށްވުރެ މަތީގައެވެ. ނަމަވެސް މިހާރު މިރުހުގެ އަގު ހުރީ 100 ގްރާމް 15 ރުފިޔާއާއި 20 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. މިރުސް ކިލޯއެއް ހުރީ 160 ރުފިޔާގައެވެ.
މީގެ އިތުރުން ކެބެޖު ކިލޯއެއް 40 ރުފިޔާއަށް ހުރިއިރު ކެރެޓު ކިލޯއެއް ހުރީ 30 ރުފިޔާއަށެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި މިއީ އެތަކެތި ވެސް އާއްމުކޮށް ވިއްކާ އަގަށް ވުރެ ހެޔޮ އަގެކެވެ.

މާރުކޭޓުގައި ތަރުކާރީގެ ބާވަތްތަކެއް ވިއްކަނީ -- ސަން ފޮޓޯ/ މުޙައްމަދު މާވީ
އަދި ލެޓިއުސްއާއި ކޮޕީ ފަތުގެ އަގުތައް ވެސް ދަށްވެފައިވާކަމަށް ވިޔަފާރިވެރިން ބުންޏެވެ. އެގޮތުން 100 ގްރާމްގެ ލެޓިއުސް ފަތް މިހާރު ބާޒާރުގައި އުޅެނީ 15 ރުފިޔާއަށެވެ.
ބާޒާރުމަތީގައި ވިޔަފާރިކުރާ މީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި ފަހުން ކުއްލިއަކަށް ތަކެތީގެ އަގު ބޮޑުވީ ޑޮލަރުގެ އަގު މަތިވުމުންނެވެ. ހަމައެހެންމެ ކޮންޓެއިނަރުގެ އަގު ބޮޑުވުމުން ފިޔާފަދަ ތަކެތި މީހުން ކޮންޓެއިނަރުގައި ގެންނަ މިންވަރު މަދު ކަމަށާއި އެހެންވެ ބަރޯސާ ވާން ޖެހެނީ ލަކުޑި ބޯޓުތަކަށް ކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ. އޭގެ ސަބަބުން ޑިމާންޑާ އެއްވަރަށް ސަޕްލައި ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް އެ މީހުން ބުނެފައިވެއެވެ.