ގްރީން ފަންޑަށް ޑިސެންބަރު މަހު 109 މިލިއަން ރުފިޔާ، ޚަރަދު 172 މިލިއަނަށް

ފަތުރުވެރިން ޖުމްހޫރީ މައިދާނުގައި: ގްރީން ފަންޑަށް ޑިސެންބަރު މަހު 109 މިލިއަން ރުފިޔާ ލިބިފައިވޭ -- ސަން ފޮޓޯ/ މުހައްމަދު އަފްވާން

މިދިޔަ ޑިސެންބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 109.4 މިލިއަން ރުފިޔާ ކަމަށްވާއިރު، ގްރީން ފަންޑުން ޚަރަދު ކުރި އަދަދު 172 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ގްރީން ޓެކްސްއަކީ ޓޫރިސްޓް ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކާއި ސަފާރީތަކުގެ އިތުރުންވެސް ޓޫރިސްޓުން ބައިތިއްބާ ތަންތަނުން ނަގާ ޓެކްސްއެކެވެ.

ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަނީ, ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ނަރުދަމާ ނިޒާމާއި، ކުނި ނައްތާލުމުގެ އިތުރުން ފެނުގެ ނިޒާމް ޤާއިމްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ގްރީން ފަންޑް ރިޕޯޓުގައިވާގޮތުން، އެންމެ ގިނައިން ގްރީން ޓެކްސް ދައްކައިފައިވަނީ ކ. އަތޮޅުންނެވެ.

ޑިސެންބަރުމަހު އެންމެ ގިނައިން ގްރީންޓެކްސް ދެއްކި އަތޮޅުތައް:

  • ކ. އަތޮޅު: 37 މިލިއަން ރުފިޔާ
  • ރ. އަތޮޅު: 12.8 މިލިއަން ރުފިޔާ
  • އދ. އަތޮޅު: 12.1 މިލިއަން ރުފިޔާ
  • ނ. އަތޮޅު: 5.04 މިލިއަން ރުފިޔާ
  • ދ. އަތޮޅު: 4.81 މިލިއަން ރުފިޔާ

މީގެ ތެރެއިން ރިސޯޓުތަކުން ގްރީންސް ޓެކްސްގެ ގޮތުގައި ވަނީ، 95.4 މިލިއަން ރުފިޔާ ލިބިފައެވެ. ގެސްޓްހައުސްތަކު ގްރީން ޓެކްސްގެ ގޮތުގައި 7.97 މިލިއަން ރުފިޔާލިބުނުއިރު، ހޮޓާތަކުން ގްރީން ޓެކްސްގެ ގޮތުގައި ވަނީ 2.36 މިލިއަން ރުފިޔާ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުގައިވާގޮތުން ގްރީން ޓެކްސް ފަންޑުން އެކި ރަށްތަކުގައި ކުރިއަށްދާ 39 މަޝްރޫއަކަށް ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް ކޮށްފައިވާ ޚަރަދުތަކެވެ. އެގޮތުން ހއ. މާރަންދޫ ފެނާއި ނަރުދަމާގެ މަޝްރޫޢުއަށް 19.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އއ. ފެރިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތަށް 17.6 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް ވަނީ 13.3 މިލިއަން ރުފިޔާ ހަރަދުކޮއްފައެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މިދިޔަ އަހަރު ސަރުކާރުންވަނީ، ގްރީން ޓެކްސް ދެގުނައަށް ބޮޑުކޮށްފައެވެ. އެގޮތުން ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، 50 ކޮޓަރިއަށް ވުރެ ކޮޓަރި މަދު ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގައި އަދަދުވަނީ ތިން ޑޮލަރުން ހަ ޑޮލަރަށް ބޮޑުކޮށްފައެވެ. އަދި، އެއަށް ވުރެ ބޮޑެތި ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ނަގައި ގްރީން ޓެކްސްވަނީ ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުކޮށްފައެވެ.

ގްރީން ޓެކުހާއެކު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗާ ޓެކްސް ވަނީ ބޮޑުކޮށްފައެވެ. އެ ބަދަލުތަކާއެކު 1.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް މި އަހަރު އިތުރުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް