ލުނބޯ ކިލޯއެއް ވިއްކާ އަގު މާރުކޭޓުގައި 65 ރުފިޔާއަށް ދަށްވެއްޖެއެވެ.
ވޭތުވެ ދިޔަ ދެ ހަފުތާގައި ލުނބޯ ކިލޯއެއްގެ އަގު މާރުކޭޓުގައި ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އެގޮތުން ލުބޯ ކިލޯއެއްގެ އަގު އުޅުނީ، 140 ރުފިޔާގައެވެ.
ބާޒާރުގައި އާންމުކޮށް ލުނބޯ ކިލޯއެއްގެ އަގު ހުންނަނީ 50 އާއި 60 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
މިހާރު އަގުތައް ހުރި ގޮތާ ގުޅޭގޮތުން މާރުކޭޓު ގޮޅިއެއްގައި މަސައްކަތް ކުރާ ވިޔަފާރިވެރިއަކު "ސަން"އަށް މިއަދު ބުނީ، ލުނބޯ ކިލޯއެއް ވިއްކާ އަގު މިހާރު ދަށްވެފައިވާ ކަމަށެވެ. އެގޮތުން ލުނބޯ ކިލޯއެއް މިހާރު އުޅެނީ 65 ރުފިޔާއަށް ކަމަށް އޭނާ ބުންޏެވެ.
މީގެ ދެ ހަފުތާ ކުރިން ލުނބޯ ކިލޯއެއްގެ އަގު ވަނީ 70 ރުފިޔާއިން 80 ރުފިޔާއަށް އަގު އަރައި މިދިޔަ ހަފުތާ ތެރޭގައި އެ އަގު 140 އަށް އުފުލިފައެވެ.
ވިޔަފާރިވެރިން ބުނާގޮތުގައި ލުނބޯގެ އަގު އެހާ ބޮޑަށް އުފުލުނީ މޫސުން ގޯސްވެ، އޮޑިދޯނި ފަހާރާއި ބޭރުން އަންނަ ޝިޕްމަންޓުތައް ލަސްވުމުގެ ސަބަބުންނެވެ.
ލުނބޯގެ އަގު ދަށްވިއިރު، މިރުހުގެ އަގު އަދިވެސް މާރުކޭޓުތަކުގައި އުޅެނީ މަތީގައެވެ. އެގޮތުން މިރުސް ކިލޯއެއް އަދިވެސް އުޅެނީ 180 އަށްވުރެ މަތީގައި ކަމަށް ވިޔަފާރިވެރިއަކު ބުންޏެވެ.
މި އަހަރު ކުރީ ކޮޅު ވެސް މިރުހުގެ އަގު ވަރަށް ބޮޑަށް އުފުލުނެވެ. އެގޮތުން ބައެއް ގޮޅިތަކުން 680 ރުފިޔާއަށް މިރުސް ކިލޯއެއް ވިއްކާފައިވެސް އެބަހުއްޓެވެ.