ފިޔާ ބަސްތާއެއްގެ އަގު 900 އަށް، އެހެން ބާވަތްތަކުގެ އަގުވެސް އުފުލިއްޖެ

މީހަކު ބާޒާރުމަތީ ފިޔާ ސާފު ކުރަނީ: ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބާޒާރުގައި ފިޔާ ލިބުން ދަތިވެ ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ.

ބާޒާރުމަތީގައި ހޯލްސެއިލްކޮށް ވިޔަފާރިކުރާ ފަރާތްތަކުން މިހާރު ފިޔާ ވިއްކަމުން އަންނަނީ ބަސްތާއެއް 900 ރުފިޔާއަށެވެ. އިއްޔެ ހެނދުނު ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 650 ރުފިޔާ އަށެވެ. ނަމަވެސް އިއްޔެ ހަވީރުން ފެށިގެން އަގު ވަނީ 900 ރުފިޔާއަށް އުފުލިފައެވެ.

އަގު ބޮޑުވުމުގެ އިތުރުން ބާޒާރުގައި ފިޔާ ލިބުން ވެސް ވަރަށް ދައްޗެވެ.

މީގެ ކުރިން ފިޔާކިލޯއެއް އާއްމުކޮށް ވިއްކަމުން އައީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. ނަމަވެސް މިއަދު ފިޔާ ކިލޯއެއްގެ އަގު ވަނީ 37 ރުފިޔާ އާއި 40 ރުފިޔާއަށް އުފުލިފައެވެ.

ފިޔާގެ އިތުރުން އާންމުގޮތެއްގައި ދިވެހީން ކެއުމަށް ބޭނުންކުރާ ތަރުކާރީގެ ބާވަތްތަކުގެ އަގުވެސް ބާޒާރުގައި ވަނީ އުފުލިފައެވެ. އެގޮތުން މީގެކުރިން ބާޒާރުގައި 25 ރުފިޔާއަށް ލިބެންހުރި ކެރެޓު ކިލޯއެއްގެ އަގު މިއަދު އުޅެނީ 30 ރުފިޔާއާއި 35 ރުފިޔާއާ ދޭތެރޭ އަގެއްގައެވެ.

ހަމައެހެންމެ 350 ރުފިޔާއަށް ކުރިން ވިއްކަމުން އައި ކެބެޖު ބަސްތާއެއްގެ އަގު މިހާރު ވަނީ 750 ރުފިޔާއަށް އުފުލިފައެވެ.

މީގެ ކުރިން ބާޒާރުގައި 30 ރުފިޔާއަށް ނުވަތަ 35 ރުފިޔާއަށް ވިއްކި، ލުނބޯ ކިލޯއެއްގެ އަގު މިހާރު ހުރީ 60 ރުފިޔާ އާއި 65 ރުފިޔާއާ ދޭތެރޭ އަގެއްގައެވެ. އަދި ކުރިން 65 ރުފިޔާއަށް ކިލޯއެއް ވިއްކި ބީންސްގެ އަގު މިހާރު އުޅެނީ 70 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި 75 ރުފިޔާއަށް ކިލޯއެއް ވިއްކަމުން ދިޔަ ލީކްސްގެ އަގު މިހާރު އުޅެނީ ކިލޯއެއް 95 ރުފިޔާގެ ރޭޓުގައެވެ.

ބާޒާރުމަތީގައި ވިޔަފާރިކުރާ މީހުންނާ ވާހަކަ ދައްކާލުމުން އެ މީހުން ބުނީ ކުއްލިއަކަށް މި ތަކެތީގެ އަގު ބޮޑުވެގެން ދިޔައީ ޑޮލަރުގެ އަގު މަތިވުމުން ކަމަށެވެ. ޑޮލަރު ގަންނަން ޖެހެނީ 19.20 އަށް ކަމަށް އެ މީހުން ބުނެއެވެ.

ހަމައެހެންމެ ކޮންޓެއިނަރުގެ އަގު ބޮޑުވުމުން މިހާރު ފިޔާފަދަ ތަކެތި މީހުން ކޮންޓެއިނަރުގައި ގެއްނަލެއް މަދު ކަމަށާއި އެހެންވެ ބަރޯސާ ވާން ޖެހެނީ ލަކުޑި ބޯޓްތަކަށް ކަމަށް ވެސް އެ މީހުން ބުންޏެވެ. އޭގެ ސަބަބުން ޑިމާންޑާ އެއްވަރަށް ސަޕްލައި ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް އެ މީހުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް