އަލްޖަޒީރާގެ އޮފީސް ބަންދުކުރި ނަމަވެސް އިސްރާއީލުގެ ހަގީގަތް ނުފޮރުވޭނެ: އަލްޖަޒީރާ

ޔަހޫދީ ސިފައިން، ފަލަސްތީނުގައިވާ އަލްޖަޒީރާގެ އޮފީހަށް އަަރައިގަންނަނީ

ދައުޙާ (23 ސެޕްޓެމްބަރު 2024): އިސްރާއީލުން، ފަލަސްތީނުގެ ރާމަﷲ ގައިވާ އަލްޖަޒީރާގެ އޮފީސް ބަންދުކުރިނަމަވެސް އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ އަޑު ކަނޑުވާނުލެވޭނެ ކަމަށް ގަތަރުގައި މަރުކަޒު ހުންނަ އަލްޖަޒީރާ ޗެނެލް އިން ބުނެފިއެވެ.

އިސްރާއީލު ގަދަބާރުން ވެރިވެގެނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲ ގައި ހުންނަ އަލްޖަޒީރާގެ އޮފިސް އިއްޔެ ބަންދުކުރީ އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ ފައުޖެއް އެތަނަށް ވަދެގަނެ އެއޮފީހުގެ މުވައްޒަފުންނާއި ނޫސްވެރިންނަށް ބިރުދައްކައި އެތަނުގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހުގައެވެ.

އަލްޖަޒީރާގެ ބަޔާން ބުނާގޮތުން ރާމަﷲ ގައި އެޗެނެލްގެ އޮފީހެއް ހުޅުވުމުގެ ހުއްދަދީފައިވަނީ ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިންނެވެ. އެހެންކަމުން ހުޅަނގު އައްސޭރިއަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކަށް އެތަން ބަންދުކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ނޯންނާނެއެވެ. އަލްޖަޒީރާގެ ބަޔާން ބުނާގޮތުން ރާމަﷲ ގައި ހުންނަ އެޗެނެލް ގެ އޮފީސް، އިސްރާއީލުން ބަންދުކުރި ނަމަވެސް މިނިވަން ނޫސްވެރިންގެ އަޑުކަނޑުވައެއް ނުލެވޭނެއެވެ. އަދި ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގެ ހަގީގަތް ދުނިޔެއަށް ހާމަކުރުމުގެ ކަންތައްވެސް ހުއްޓުމަކަށް ނާންނާއެވެ.

ދާދިފަހުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިންވަނީ އިސްރާއީލުން ހުޅަނގު އައްސޭރިއާއި ޣައްޒާއަށް ވެރިވެގަނެގެން އުޅެނީ ޣައިރު ގާނޫނީ ގޮތުންކަމަށް ކަނޑައަޅައި އެދެތަނުން ފޭބުމަށް އިސްރާއީލަށް ގޮވާލާ އިސްތިޝާރީ ރައުޔެއް ނެރެފައެވެ. އަދި މިދިޔަ ހަފުތާގައި އދ.ގެ ޖެނެރަލް އެސެމްބްލީގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތަކުންވަނީ 12 މަސް ތެރޭގައި ހުޅަނގު އައްސޭރިއާއި ޣައްޒާއިން ފޭބުމަށް އިސްރާއީލަށް ގޮވާލާ ގަރާރެއް ފާސްކޮށްފައެވެ.

އިސްރާއީލަކީ ޒަމާނުއްސުރެ ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހައި އދ. އަށް ނުކިޔަމަންތެރިކަން ދައްކާ ރޯގް ސްޓޭޓެކެވެ. އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން އިސްރާއީލަށް ވާގިވެރިވާތީ އިސްރާއީލު ވަނީ ބައިނަލްއަގްވާމީ ކޯޓުގެ އަމުރަށްވެސް އަދި އދ. ގެ ޖެނެރަލް އެސެމްބްލީގެ ގަރާރަށް އަމަލުކުރުމަށްވެސް ދެކޮޅު ހަދާފައެވެ.

ޔަހޫދީ ސިފައިން ފަަލަސްތީނުގައިވާ އަލްޖަޒީރާގެ އޮފީހަށް އަރައިގަންނަނީ

އަލްޖަޒީރާގެ ބަޔާން ބުނާގޮތުން އިސްރާއީލު ގެންދަނީ މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި ފާއިތުވި 11 މަސްތެރޭގައި އިސްރާއީލުވަނީ އަލްޖަޒީރާގެ ނޫސްވެރިންނާއި ފަލަސްތީނުގެ ނޫސްވެރިން ހިމެނޭގޮތަށް ޣައްޒާގައި 150 އަށް ވުރެ ގިނަ ނޫސްވެރިން މަރާލާފައި ކަމަށާއި ބައެއް ނޫސްވެރިންގެ އަނބިދަރިންނާއި މައިންބަފައިންނާ އަދި މުޅި އާއިލާގެ މެންބަރުންވެސްވަނީ މަރާލާފައި ކަމަށް އަލްޖަޒީރާގެ ބަޔާން ބުނެއެވެ.

މީގެ ފަސްމަސްކުރިން އިސްރާއީލުވަނީ ޣައްޒާގައި ހުންނަ އަލްޖަޒީރާގެ އޮފީސް ފަޅާލައި އެތަން ހުންނަ އިމާރާތް ތަޅައި ސުންނާފަތިކޮށް އެތަނުގައިހުރި މެޝިންތައްވެސް ހަލާކުކޮށްލާފައެވެ.

އަނެއްކޮޅުން އިސްރާއީލު ވަނީ ހުޅަނގުގެ ނޫސްވެރިންވެސް ޣައްޒާއަށް ވަނުން މަނާކޮށްފައެވެ. އެއީ ޣައްޒާގައި އިސްރާއީލު ސިފައިން ކޮންމެ ދުވަހަކު ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ހަގީގަތް ފޮރުވުމަށްކަމަށް ހުޅަނގުގެ މިނިވަން ޚިޔާލުގެ ބައެއް ނޫސްވެރިން ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން އިސްރާއީލުން ކޮންމެ ދުވަހަކު ޣައްޒާގައި ހިންގާ ގަތުލުއާންމުތަކުގައި ފަލަސްތީނުގެ އާންމުންގެ 50 އާއި 60 އާ ދެމެދުގެ އަދަދެއްގެ މީހުން މަރާލައެވެ. ހުޅަނގުގެ މިނިވަން ޚިޔާލު ބައެއް ނޫސްވެރިން ބުނާގޮތުން ޣައްޒާއަށް ވަދެ ހަގީގަތް ދެނެގަތުމުގެ ފުރުސަތު އެމީހުންނަށް ދިނުމަށް އިސްރާއީލުގެ ސަރުކާރުންވަނީ ދެކޮޅު ހަދާފައެވެ.

އެމީހުން ބުނާގޮތުން އިސްރާއީލުން ޣައްޒާގައި ހިންގާކަންކަން ކަވަރުކުރުމަށް އެމީހުން ތިބެންޖެހެނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގެ ހޮޓާތަކުގައެވެ. އަދި އެމީހުންނަށް ލިބެނީވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބަލައި ފާސްކޮށް ސެންސަރު ކޮށްފައިވާ މައުލޫމާތު އެކަންޏެވެ.

ހުޅަނގުގެ މެއިންސްޓްރީމް މީޑީއާތަކުގެ ތެރޭގައި ހިމެނެނީ އިސްރާއީލަށް ވާގިވެރިވާ ޔަހޫދީ މަހުޖަނުން ސްޕޮންސަރ ކުރާ މީޑިއާތަކާއި ޔަހޫދީ މަހުޖަނުން ފަންޑުކުރާ އަދި އެމީހުންގެ ކުންފުނިތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ މީޑިއާ ތަކެވެ. ފަލަސްތީނު މައްސަލައާ ޖެހުމުން އެމީޑިއާތައް ޖެހެނީ އިސްރާއީލު ކޮޅަށެވެ.

އިސްރާއީލުން މިނިވަން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ހިންގާ މި ހުރިހާ ޖަރީމާތަކަށް އެމެރިކާއާއި ހުޅަނގުގެ ބާރުތައް ތިބެނީ ލޯމަރާލައިގެންނެވެ. ރާމަﷲގައި ހުންނަ އަލްޖަޒީރާގެ އޮފީހަށް އިސްރާއީލު ސިފައިން އަރައިގަނެ އެތަން ބަންދުކުރުމުން އެމެރިކާގެ ޚާރިޖިއްޔާއިން އެއީ "ކަންބޮޑުވުމެއް" ކަމަށް ބުނުން ފިޔަވައި އެހެންކަމެއް ކޮށްފައެއް ނުވެއެވެ.

ނަމަވެސް އެމެރިކާ ނުރުހޭ ގައުމަކުން މިފަދަ ކަމެއް ކޮށްފިނަމަ އެމެރިކާގެ މީޑިއާތަކުން އެފަރާތެއް ބޭޒާރުކޮށް ބަޔާންތައް ނެެރެ ބަދުނާމުކޮށް ހަދައެވެ. އަދި އެމެރިކާ ސަރުކާރުން އެގައުމަކާ ދެކޮޅަށް ފިޔަވަޅު އެޅުންފަދަ ހަރުކަށި އަމަލުތައްވެސް ހިންގަމުން ގެންދެއެވެ.

comment ކޮމެންޓް