ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ އުތުރަށް ދިއުމުގެ ހުއްދަ އިސްރާއީލުން ނުދޭނެ: އިސްރާއީލުގެ މީޑިއާ

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ގެދޮރުން ފިލައިގެން ދިޔަ ފަލަސްތީނުގެ އާންމުން ޚާންޔޫނިސްގެ ވަގުތީ ޓެންޓްތަކުގައި. ފޮޓޯ/އަނަދޮލު އޭޖެންސީ

ގެދޮރު ގެއްލިފައިވާ ފަލަސްތީނު ރައްޔިތުން އެނބުރި ޣައްޒާގެ ގެތަކަށް ދިއުމުގެ ހުއްދަ އިސްރާއިލު ސިފައިން ނުދޭނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން، ޖަބާލިއާ އާއި ވަށައިގެންވާ ރަށްރަށުގައި ތިބި ފަލަސްތީނުގެ އެތައްހާސް މީހުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ގެދޮރު ދޫކޮށް ގޮސްފައެވެ.

އިސްރާއީލުގެ މީޑިއާތަކާ ހަވާލާދީ އަނަދޮލު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ، ބެއިތް ލަހިއްޔާ އަދި ބެއިތް ހަނޫން ފަދަ ރަށްތަކުގައި އަދިވެސް ގާތްގަނޑަކަށް 100 ވަރަކަށް އިސްރާއީލު ސިފައިން ހަރަކާތްތެރިވެއެވެ. އޭގެ ބޭނުމަކީ، ޔަހޫދީން ވަޒަންވެރިކޮށްފައިވާ އަވަށްތަކެއް ކައިރީ އޮންނަ އެ ސަރަހައްދަށް ފަލަސްތީނުގެ ރައްޔިތުންނަށް ނުދެވޭ ގޮތް ހެދުން ކަމަށް އެ މީޑިއާތަކުން ބުނެފައިވެއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އަންނަނީ ޣައްޒާގެ އާންމުންނަށް ހަމަލާތައް ދެމުންނެވެ.

އޭގެ ފަހުން ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ބޭނުންތައް ފުއްދާނެ ތަކެތި ހިމެނޭހެން އިންސާނީ އެހީ އެ ސަރަހައްދަށް ފޯރުކޮށްދިނުން އޮތީ ހުއްޓުވައިފައެވެ.

އިސްރާއީލުން ދިން ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 45،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

މިދިޔަ މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ހަނގުރާމައިގެ ކުށް ކުރާ ކަމަށް ތުހުމަތުކޮށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރު ނެރެފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީސީ) އަށް އިސްރާއީލާ ދެކޮޅަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

comment ކޮމެންޓް