ސޫރިއާގެ ތިން އަވަށެއް އިސްރާއީލުން ހިފައިފި

ހަނގުރާމަ ކުރަމުންދާ އިސްރާއީލު ސިފައިން. އިސްރާއީލުން ވަނީ ސޫރިއާގެ ތިން އަވަށެއް ހިފާފައި. ފޮޓޯ/ޖެޓީ އިމޭޖަސް

ސޫރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމާ ގުޅިގެން އިސްރާއީލަށް އެ ގައުމަށްދޭ ހަމަލާތައް ވަރުގަދަކޮށް ސޫރިއާގައި ދެކުނުގައި އޮންނަ ތިން އަވަށެއް ހިފައިފިއެވެ.

އިސްރާއީލު ސިފައިން ހިފާފައި ވަނީ ދަރާ ޕްރޮވިންސްގެ ޖަމްލާ އާއި މަޒްރާތު ބައިތު ޖިން އާއި މަޣަރު އަލްމީރު ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ގާތްގަނޑަކަށް 25 އަހަރު ވަންދެން ސޫރިއާގެ ވެރިކަން ކުރެއްވި ބައްޝާރު ވަނީ ވެރިކަމާ ދެކޮޅު ޖަމާއަތްތަކުން މި މަހުގެ އަށް ވަނަ ދުވަހު ދިމިޝްގުގެ ހިފުމާ ގުޅިގެން ފިއްލަވައިގެން ރަޝިއާއަށް ވަޑައިގެންފައެވެ.

ބައްޝާރުގެ ވެރިކަން ވެއްޓުމުގެ ފައިދާ ނަގައި އިސްރާއީލުން ވަނީ ސޫރިއާގެ ހުރިހާ ހިސާބެއްގައި ހުރި އަސްކަރީ ތަންތަނަށް ދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށް، އެ ގައުމުގެ އިސްތިގުލާލާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވެފައެވެ.

އިނގިރޭސިވިލާތުގައި ހުންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު) އިން ވަނީ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ސޫރިއާއަށް އިސްރާއީލުން 450 އަށްވުރެ ގިނަ ވައިގެ ހަމަލާދީފައިވާ ކަމަށެވެ. އޭގެތެރޭގައި ހޮނިހިރު ދުވަހު ހަވީރު ދިން 75 ހަމަލާވެސް ހިމެނެއެވެ.

އިސްރާއީލުން ވަނީ 1974 ވަނަ އަހަރު ސޫރިއާއާއެކު ވެފައިވާ އެއްބަސްވުން ބާތިލުވެފައިވާކަން އިއުލާންކޮށް، 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ހިފާފައިވާ ގޯލާން އުސްބިންތަކަށް ސިފައިން ފޮނުވާފައެވެ.

ގޯލާން އުސްބިންތަކުގެ 30 އަށްވުރެ ގިނަ ތަންތަން އިސްރާއީލުން ހިފާފައިވާއިރު، އެއީ ގާތްގަނޑަކަށް 20،000 މީހުންގެ ގެދޮރެވެ. އެއީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ގާނޫނާ ޚިލާފު އަމަލެއް ނަމަވެސް އެކަމާ އިސްރާއީލުން ދެބަސްވެއެވެ.

އެމެރިކާއާއި ގިނަ އަރަބި ގައުމުތަކުން ވަނީ އިސްރާއީލުގެ އެ އަމަލު ކުށްވެރިކޮށްފައެވެ.

comment ކޮމެންޓް