މަރަދޫގެ ގެއެއްގައި ރޯވެ، ގުދަނަކާއި ގާޑިޔަލެއް އަނދައިފި

މަރަދޫގެ ގެއެއްގައި ރޯވެ، ގުދަނަކާއި ގާޑިޔަލެއް އަނދައި ގެއްލުންތަކެއް ވެއްޖެ: އެމްއެންޑިއެފުން ވަނީ މިއަދު ހެނދުނު އަލިފާންގަނޑު ނިއްވާލާފައި -- ފޮޓޯ/ އެމްއެންޑީއެފް

އައްޑޫ ސިޓީ މަރަދޫގެ ގެއެއްގައި ފަތިހު އަލިފާން ރޯވެ، ގުދަނަކާއި ގާޑިޔަލެއް އަނދައި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް މިއަދު ފަތިހު 05:46 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބުމާއެކު ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

އަލިފާން ރޯވެފައި ވަނީ އައްޑޫ ސިޓީ މަރަދޫގައި ހުންނަ އެތުމާގޭގައެވެ.

ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ މިއަދު ހެނދުނު 06:45 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދިނެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އެ ގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލެއްގެ އިތުރުން އެއާ އިންވެގެން ހުރި ގުދަނެއްގައި ކަމަށެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން އެކްސްގައި ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގޭގެ ގުދަނާއި ވިޔަފާރިކުރުމަށް ގެންގުޅުނު ގާޑިޔާ ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ.

comment ކޮމެންޓް