އައްޑޫގައި ކާރަކާއި ސައިކަލެއް ޖެހި، 2 މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ، ހިތަދޫ ބޮޑުމަގުގައި ކާރަކާއި ސައިކަލެއް ޖެހި ރޭ ހިނގައިދިޔަ އެކްސިޑެންޓު: ދެމީހަކަށް ވަނީ އަނިޔާވެފައި -- ފޮޓޯ/ އާއިޝް

އައްޑޫ ސިޓީ، ހިތަދޫ ބޮޑުމަގުގައި ކާރަކާއި ސައިކަލެއް ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، ރޭ 23:52 ހާއިރު އައްޑޫ ސިޓީ، ހިތަދޫ ބޮޑުމަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން ތިބި ދެ މީހުންނަށް އަނިޔާވެ، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.

އައްޑޫ ސިޓީ، ހިތަދޫ ބޮޑުމަގުގައި ކާރަކާއި ސައިކަލެއް ޖެހި ރޭ ހިނގައިދިޔަ އެކްސިޑެންޓު -- ފޮޓޯ/ އާއިޝް

މި ހާދިސާއާ ގުޅިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އަދި ޖަވާބެއް ނުލިބެއެވެ.

އެ ހާދިސާގެ މަންޒަރު ދުށް މީހަކު "ސަން"އަށް މައުލޫމާތުދިން ގޮތުގައި ސައިކަލުގައި ތިބީ ފިރިހެނަކާއި އަންހެނެކެވެ. އެކްސިޑެންޓުވި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެކްސިޑެންޓުވި ކާރުގެ ކުރީކޮޅަށް ވެސް ގެއްލުންތަކެއްވެފައިވާ ކަމަށް އެ މީހާ ކިޔައިދިނެވެ.

ނަމަވެސް، ކާރުގައި ތިބި މީހުންނަށް ކަމެއް ނުވާކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އަނެއްކާ ވެސް އައްޑޫގައި އެކްސިޑެންޓުތައް ވަނީ އިތުުރުވާން ފަށައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފަހުން އައްޑޫ ސިޓީގެ ހަންކެޑެ ބުރިޖުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓުވެ، ޒުވާނަކު ވަނީ ނިޔާވެފައެވެ.

އައްޑޫގައި އެކްސިޑެންޓުތައް އިތުރުވާތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މި ފަހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން، މިދިޔަ އަހަރު އައްޑޫގައި 277 އެކްސިޑެންޑު ހިނގާފައިވާއިރު، މި އަހަރުގެ ޖަނަވަރީ މަހު އެކަނި ވެސް 27 އެކްސިޑެންޓެއް ހިނގާފައި ވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

comment ކޮމެންޓް