ބައިނަލްއަގުވާމީ ދެ ކްރެޑިޓް ރޭޓިން އެޖެންސީއަކުން ރާއްޖޭގެ އިގުތިސާދީ ހާލަތު ވަޒަންކޮށް ރޭޓިން ދަށްކޮށްފައިވާއިރު މި ވަގުތު ރާއްޖޭގެ އިގުތިސާދަށް އެންމެ ބޮޑު އަސަރެއް ކޮށްފައިވާ އެއް ދާއިރާއަކީ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުން ކަމަށް، އިގުތިސާދު ދިރާސާކުރައްވާ އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.
ސަން އޮންލައިނުން އަލަށް ފެށި "އެޑިޓަރުގެ ސުވާލު" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑް ޚާއްސަކޮށްފައިވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތަށެވެ. އިގުތިސާދީ ދާއިރާ ދިރާސާކުރައްވާ އާތިފާ މި ޕްރޮގްރާމްގައި ސުވާލުތައް އަމާޒު ކުރެވުނީ ފިޗް ރޭޓިންގްސް އަދި މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމާއި، އެކަމުގެ ސަބަބުން އިގުތިސާދަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުންނެވެ.
އާތިފް ވިދާޅުވީ، މި ވަގުތު އިގްތިސާދަށް ކުރަމުން އަންނަ އެންމެ ބޮޑު އަސަރަކީ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުން ކަމަށެވެ. އެކަން ދިމާވާ މައިގަނޑު ސަބަބަކީ މުދާ އިމްޕޯޓް ކުރުމަށްޓަކައި ޑޮލަރު ގަންނަން ޖެހޭ އަގު ބޮޑުވުން ކަމަށް އާތިފް ވިދާޅުވިއެވެ.
"ޑޮލަރު ގަންނަން މިހާރު ލިބޭ އަގު މި އުޅެނީ 18.60 ގައި ކަމަށް ޚަބަރުތަކުން މި އެނގެނީ. އެ އަގަށް ޑޮލަރު ގަނެގެން މުދާ އެތެރެ ކުރާ މީހާ އޭނާ އެ ވިއްކަން ބަހައްޓާނީ 18.90 ރޭޓްގައި ދެން ޑޮލަރު ގަންނަން ޖެހޭނެ ކަމަށް ވިސްނައިގެން،" އާތިފް ވިދާޅުވިއެވެ.
އިންފްލޭޝަން މަތިވުން ނުވަތަ ތަކެތީގެ އަގުތައް އުފުލުމަކީ ރައްޔިތުން ވަރަށް ދަތިކޮށް ތަހައްމަލުކުރަން ޖެހޭ ކަމެއްކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ، އެކަމުގެ ސަބަބުން ލިބޭ މުސާރައިގެ އަގު ވެއްޓެމުންދާ ކަމަށެވެ.
"ތަކެތީގެ އަގު ބޮޑުވަމުންދާ ވަރަކަށް ކުރީގައި ގަންނަން ލިބޭ ވަރަކަށް އެއްޗެއްސެއް ގަންނާކަށް ނުލިބޭނެ. ގޭގެ ކާ މޭޒުމަތި ކުރީގައި ފަޅުފިލުވޭގޮތަށް ފަޅުފިލުވަން އުނދަގޫ ވާނެ. އެހެންވީމާ އިންފްލޭޝަންގެ އަސަރު ފެންނަން ފަށައިފި،" އާތިފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިންފްލޭޝަން މިހުރީ ވަރަށް ބޮޑަށް ފޮރުވިފައި ދައުލަތުގެ ސަބްސިޑީތަކުން. އެހެންވީމާ އެހާ ބޮޑަކަށް ނުފެނޭ. އެކަމަކު އިންފްލޭޝަންގެ އަސަރުތައް ފެންނަން ފަށައިފި ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓްތަކުން ބުނަން ފަށައިފި،"
އާއްމުކޮށް ކާންބޯން ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ އަގު ބާޒާރުގައި ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުވެއްޖެކަން އާއްމުންނާއި ވިޔަފާރިވެރިން ވެސް އަންނަނީ ކަންބޮޑުވުމާ އެކު ފާހަގަކުރަމުންނެވެ. ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު މުދާ އެތެރެކުރަން ބޭނުން ކުރާ ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ވަރަށް ބޮޑަށް އުފުލިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދަރަނި ދެއްކުމުގައި ހުރި ދަތިތައް ފާހަގަކޮށް މި މަހު 11 ގައި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ މަހު 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
ރޭޓިންއަށް ބަދަލު ގެނައި ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރިޒާވްގެ ހާލަތު ވެސް ރަނގަޅުވަމުން އަންނަ ކަމަށް އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.